އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމް، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެމްޑީޕީ ދެކަފިވެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަލަށް އުފައްދަަވާ ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކުގައި މައުސޫމް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. މިދިޔަ ހުކުރު ދުވަހު މައުސޫމް ވަނީ، 3،000 މެންބަރުން ހަމަކުރުމުގެ ކެމްޕޭންގައި ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފަ އެވެ.
ސަރުކާރުގެ ސިޔާސީ މަގާމުގައި ތިއްބަވައި ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރި ތިން ބޭފުޅަކު މިއަދު ވަނީ މަގާމުން ވަކި ކޮށްފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ އެ ބޭފުޅުން މަގާމުން ވަކި ކުރީ އެމްޑީޕީ ސްލޮޓްތަކުގައި ސަރުކާރަށް ވަޑައިގެންނެވި ބޭފުޅުން ކަމަށްވެފައި، އެ ބޭފުޅުން އެ ޕާޓީ ދޫކޮށްލެވިކަން އެމްޑީޕީން އަންގައި އެ މެންބަރުން މަގާމުތަކުން ވަކިކޮށްދޭން އެދުމުން ކަމަށެވެ.
ޕްރައިވެޓައިޒޭޝަން ބޯޑްގެ ޗެއާމަން އާސިމް މުހައްމަދު ވިދާޅުވީ، މައުސޫމްގެ އިސްތިއުފާ ސިޓީ ލިބިފައިވާ ކަމަށެވެ.
ނަޝީދާ ގާތް ގުޅުމެއް ބާއްވާ، މައުސޫމް އެމްޑަބްލިއުއެސްސީގެ ޗެއާމަންކަމަށް ހަމަޖެއްސީ ޖެނުއަރީ 2019 ގަ އެވެ.