ރާއްޖެ އިން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް އައި ހާހެއްހާ ދިވެހިންނާ ބައްދަލުކުރައްވަން ބޭނުންފުޅުވިޔަސް ހައްޖާ ގުޅޭ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި އޮތުމުން އެ ފުރުސަތު އަދިވެސް ފަހިނުވާ ކަމަށް އަމީރުލްހައްޖު، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ހައްޖުވެރިންގެ އިސްބޭފުޅެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި ނާއިބު ރައީސް ފައިސަލް މިދިޔަ ހުކުރު ދުވަހު ސައޫދީ އަރަބިއްޔާ އަށް ވަޑައިގެންނެވި ނަމަވެސް މިހާތަނަށް ހައްޖު ގުރޫޕްތަކާ ބައްދަލު ކުރެއްވޭ ގޮތް ނުވާ ކަމަށް މައްކާގައި މި ވަގުތު ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު "މިހާރު" އަށް ވިދާޅުވި އެވެ.

"ނާއިބު ރައީސް ގެންދަވަނީ ހައްޖު ގުރޫޕްތަކަށް ޒިޔާރަތް ކުރައްވަން ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވަމުން. ނާއިބު ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ އިސްފަރާތްތަކާ ވެސް އަޅުގަނޑު ވާހަކަ ދައްކަމުން މިދަނީ،" ޑރ. ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހައްޖު ގުރޫޕްތަކާ ބައްދަލުކުރައްވަން މިއަދުގެ މެންދުރާއި މިރޭ ވެސް ނާއިބު ރައީސް މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. ހާއްސަކޮށް މިރޭ އެކަމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވި ކަމަށް ވެ އެވެ.

"ނާއިބު ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވޭ [ހައްޖު ގުރޫޕްތަކުގެ މީހުންގެ ތިބި ސަރަހައްދުތަކަށް ވަޑައިގެން] ހައްޖުވެރިންގެ އާންމު ހާލަތު ބައްލަވަން،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

ނާއިބު ރައީސަކީ މި އަހަރުގެ އަމީރުލްހައްޖު ކަމަށް ވިޔަސް އެއީ ދިވެހި ދައުލަތުގެ އިސްވެރިއަކަށް ވާތީ އެ މަނިކުފާނުގެ ސަލާމަތީ ކަންކަން ސައޫދީ އަރަބިއްޔާގެ ސަލާމަތީ ފަރާތްތަކުން ބަލަހައްޓަނީ އެންމެ މަތީ ފެންވަރުގަ އެވެ. އެ މަނިކުފާނު މައްކާގައި ހުންނަވަނީ ހަރަމްފުޅު ކައިރީގައި ހުންނަ ހާއްސަ ގަނޑުވަރުގަ އެވެ.

ސައޫދީ އަށް ވަޑައިގެން ނާއިބު ރައީސް އިއްޔެ ހޭދަކުރެއްވީ މަދީނާގަ އެވެ. މަދީނާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނާ އިއްޔެ ބައްދަލުކުރެއްވި އެވެ.

ނާއިބު ރައީސް "މިހާރު" އަށް ވިދާޅުވީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އެހެން އަމިއްލަ ގުރޫޕްތަކުގެ ހަވާލުގައި ހައްޖަށް އައި ވީހާ ވެސް ގިނަ ދިވެހިންނާ ބައްދަލު ކުރައްވަން އެ މަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. އެކަމަކު އަދިވެސް ކަންތައްތައް ހުރި ގޮތުން އެ ފުރުސަތު ފަހިނުވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އުންމީދަކީ އެ ފުރުސަތު ލިބިގެން އިރާދަކުރެއްވިއްޔާ ހައްޖާޖީންނާ ހަމައަށް އަޅުގަނޑަށް ދެވޭނެ ގޮތް ވުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިހާތަނަށް ކަންކަން ރަނގަޅު

ނައިބު ރައީސް ވިދާޅުވީ، ހައްޖަށް މީހުން ފުރަން ފެށުމާއި އޭގެ ކުރިން ވެސް ވަރަށް ރަނގަޅަށް ދިވެހި ސަރުކާރުން ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ދިވެހި ހައްޖު މިޝަނާއި އިސްލާމިކް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން މިހާރު ވެސް ސައޫދީގައި ދިވެހިންގެ ހާލު ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

"އާންމުކޮށް ހުރިހާ ކަމެއް ވެސް ރަނގަޅު. ހައްޖު މޫސުން ވީމާ ހުންނާނެ ކަންތައްތައް. ހައްޖާޖީންގެ ހާލު ވެސް ޖުމުލަކޮށް ރަނގަޅު،" ނާއިބު ރައީސް ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގެ އިމާމު ޝައިހް ނަސްރުﷲ އަލީ ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައި މީހުންގެ ތެރޭގައި ޑަޔަލިސިސް ހަދަން ޖެހޭ އެކަކު އުޅޭތީ އެ ކަންކަން ވެސް ކުރިއަށް ގެންދާ ކަމަށެވެ. ހަފުތާއަކު ތިން ދުވަހު އެ މީހާގެ ޑަޔަލިސިސް ހަދަން ޖެހެ އެވެ.

"އެންމެ ފަހުން ޑަޔަލިސިސް އަށް ގެންދިޔަ ދުވަހު ގެންދިޔައީ އަޅުގަނޑުމެންގެ ހައްޖު މިޝަންގެ ވެހިކަލްގައި އަޅުގަނޑުމެންގެ އެހީތެރިކަމާ އެކު. އެ ކަންކަން ވެސް ބަލަމުން މިދަނީ. އެއްވެސް ކަހަލަ ބޮޑު ކަމެއް ދިމާވެއްޖިއްޔާ އެ ކަން އަޅުގަނޑުމެންނާ ހިއްސާ ކުރަން އަންގާފައި ވާނީ،" ނަސްރުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިސިލްފަރު ޖަމާއަތުގެ ހަވާލުގައި ހައްޖަށް އައި އުމުރުން 75 އަހަރުގެ ފިރިހެނަކު ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށެވެ. އޭނާ ވެސް އަރަފާތް ދުވަހު އަރަފާތަށް ގެންދާނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ކުދިކުދި އުނދަގޫތަައް ހުއްޓަސް ޖުމުލަކޮށް ރަނގަޅު ކަމަށެވެ.

ނާއިބު ރައީސް ވިދާޅުވިގޮތުގައި، ހިތްހަމަނުޖެހުމެއް ނުވަތަ ޝަކުވާއެއްގެ ގޮތުގައި ކަންކަން މިހާތަނަށް އައިސްފައެއް ނުވެ އެވެ.

"މީގައި މި އޮންނަނީ އެއް އަހަރުން އަނެއް އަހަރަށް ކަންކަން ރަނގަޅު ކުރުން. އަޅުގަނޑުމެންނާ ހަމައަށް އެފަދަ ކަމެއް އަތުވެއްޖިއްޔާ ރަނގަޅު ކުރަން މަސައްކަތް ކުރާނަން. މިހާތަނަށް މައުލޫމާތު ލިބިފައި މި އޮތީ ކަންކަން ރަނގަޅަށް، ފުރިހަމައަށް ދާ ކަމަށް،" ރާއްޖެ އިން ހައްޖަށް އަންނަ މީހުންގެ ކަންކަން މި ސަރުކާރު އައި ފަހުން މިހާތަނަށް އިސްކޮށް ބައްލަވާ ފައިސަލް ވިދާޅުވި އެވެ.

"މިހާ ގިނަ ބަޔަކު ހައްޖަށް އައިސް އުޅޭ އިރު ކޮންމެވެސް ކަންތައްތަކެއް އުޅޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ބަޔަކު އަޅުގަނޑުމެންނާ ހަމައަށް މައްސަލަތަކެއް ނުގެނަޔަސް ކަންތައްތަކެއް ހުންނާނެ. ޖެހޭނީ ރަނގަޅު ކުރަން،" ފައިސަލް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ، މި އަހަރު ހައްޖަށް މީހުން ގެންދަން ޕްރޮޕޯޒަލް ހުށަހެޅި ގުރޫޕްތަކުން ފުރިހަމަ ކުރަން އެއްބަސްވި ކަންކަމުގެ ތެރެއިން ބައެއް ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

"އެ ވާހަކަަތައް ގުރޫޕްތަކުގެ ވެރިންނާ މިދަނީ ހިއްސާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ހައްޖަށް އައި މީހުން މާދަމާ ހެނދުނު މިނާގެ ދަތުރުތައް ފަށާނެ އެވެ. އަދި މިނާގެ އިންތިޒާމުތަކަށް އޮފިޝަލުން ވަނީ މިއަދު ފުރައިފަ އެވެ.

ރާއްޖެ އިން މި އަހަރު އަގުހެޔޮކޮށް ހައްޖަށް މީހުން ގެނައުމަށްޓަކައި އަމިއްލަ ތިން ގުރޫޕަކަށް ހުއްދަ ދިނެވެ. އެއީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ (75،250ރ) އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ (75،465ރ.) އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް (75،000ރ.) އެވެ.

ނަމަވެސް ބައެއް ގުރޫޕްތަކުން އިތުރަށް ފައިސާ ނެގި ކަމުގެ ޝަކުވާ ބައެއް މީހުން ވަނީ ކޮށްފަ އެވެ. އަދި އިތުރަށް ފައިސާ ނަގާތީ ބައެއް މީހުންނަށް ފައިސާ ނުދެއްކުނު ކަމަށް ވެސް ވެ އެވެ.