ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފަ އެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިއްޔެގެ ނިޔަލަށް ދިން ފުރުސަތުގައި 7،421 ޝަކުވާ ލިބިފައިވާ ކަމަށެވެ.
މިނިސްޓްރީން ނެރުނު ފްލެޓްތަކުގެ ދާއިމީ ލިސްޓުގެ މައްސަލަ ބޮޑުވީ، އެ ލިސްޓު އާންމުކުރި އިރު އެއްވެސް މީހަކަށް ޕޮއިންޓް ދިން ގޮތުގެ ތަފްސީލު ހާމަނުކުރުމުންނެވެ. އެ މައްސަލާގައި އާންމުންގެ ޝަކުވާ ބޮޑުވުމުން، ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލު މިދިޔަ ބުދަ ދުވަހުން ފެށިގެން މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. އެ މައްސަލާގައި ބައެއް މީހުން ވަނީ މިނިސްޓްރީގެ އިދާރާ އަށް އެއްވެ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހާ ހަމަ އަށް ދިނުމަށް ފަހު، އިއްޔެގެ ނިޔަލަށް މިނިސްޓްރީން ވަގުތު އިތުރުކުރީ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ.
މިނިސްޓްރީން ކުރިން ބުނެފައި ވަނީ 24 ގަޑިއިރު ތެރޭގައި ހުރިހާ ޝަކުވާތަކަށް ޖަވާބު ދޭނެ ކަމަށެވެ.
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވާލި ފުރަތަމަ ބުރުގައި 20،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 13،000 މީހުންނެވެ.
އޭގެ ތެރެއިން، މި ސަރުކާރުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ 4،000 ފްލެޓް ދެނީ ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށާއި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
ފުރަތަމަ 4،000 ފްލެޓް ދޭނެ މީހުން ކަނޑައެޅުމުގައި ސަރުކާރުން ބޭއިންސާފުން ކަންކަން ކޮށްފައިވާ ކަމަށް ބުނެ އާންމުން ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަސައްކަތުގެ އެކި މަރުހާލާގައިވާ ޖުމްލަ 7،700 ފްލެޓުގެ މަސައްކަތް މާލެ ސަރަހައްދުގައި އެބަ ކުރިއަށް ގެންދެ އެވެ.