ޚަބަރު / ލޭނު މަސްވެރިކަން

ލޭނުގެ މަސްވެރިކަން ހުއްދަކުރުން: ތިމާވެއްޓާ ގުޅޭ 18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުންތަކާއި އިންޒާރު!

މަސްވެރިކަން ކުރަން ލޭނު އަޅާފައި: ލޭނު މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ޖަމިއްޔާތަކުން ބުނި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޮޑުކަންނެލި އަދި ލޯ ބޮޑު ކަންނެއްޔަށް އަމާޒު ކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައި އެކަމާ ގުޅޭ ގަވާއިދު ވަނީ އެކުލަވާލައިފަ އެވެ.

އެކަމަކު، ރާއްޖޭގެ ތިމާވެއްޓާ ގުޅޭ 18 ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލީ އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބުން ރާއްޖެ އަށް އިޔާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެވެ.

ޖަމިއްޔާތަކުން ވަނީ އެ ކަންކަން ފާހަގަކޮށް، ސަރުކާރަށް ކަރުދާހެއް ހުށަހަޅައިފަ އެވެ. ލޭނު އެޅުމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރާއި ރާއްޖޭގެ ސިނާއަތްތަކަށް ކުރާނެ އަސަރު ވަރަށް ތަފްސީލްކޮށް އެ ކަރުދާހުގައި ބަޔާން ކޮށްފައި ވެ އެވެ.

މިޔަރާއި ކަނޑުމަތީ ދޫނިތަކާއި ވެލާ އާއި ކަހަނބާއި ކޯމަސް އަދި ބޮޑުމަސް ފަދަ ދިރުންތައް ލޭނުގައި ޖެހި، މަރުވެ އެވެ. މިހާރު ވެސް ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ މި ދިރުންތަކުގެ އާބާދީ ލޭނު މަސްވެރިކަމާ ހެދި ވަރަށް ބޮޑު ތަން ދަށަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

ސަރުކާރުގެ ވިސްނުން ހުރީ "ބައިކެޗް" ގެ ގޮތުގައި ހިފޭ މިޔަރު ނެގުމަށް ހުއްދަ ދޭށޭވެ. އޭރުން މިޔަރުގެ މަސްވެރިކަން ކުރުމަށް މާލީ ގޮތުން ފައިދާ ވިޔަސް އޭގެ ސަބަބުން ހައްދުފަހަނައަޅައިގެން މަސްވެރިކަން ކުރުމަށް ބާރު ދެވި، މަގުފަހިވާނެ ކަމަށް ޖަމިއްޔާތަކުން ގަބޫލުކުރެ އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ބްރޭންޑަކީ ދޮށީގެ މަސްވެރިކަމެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިން ކުރާ މަސްވެރިކަމެވެ. ނަމަވެސް، ދިވެހި މަސްވެރިންގެ ޒަމާންވީ މި ސިނާޔަތަށް ލޭނުގެ މަސްވެރިކަމުގެ ސަބަބުން ބުރޫ އަރާނެ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.

"...ލޭނުގެ މަސްވެރިކަމުގެ ސަބަބުން ޕޯލް އެންޑް ލައިން އަދި ހޭންޑްލައިން މަސްވެރިކަމަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވުމުގެ އިތުރުން މަސްވެރިންގެ ސަޕްލައި އަންޑަކަޓް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ. ދޮށީގެ މަސްވެރިކަން އަދި ހޭންޑްލައިން މަސްވެރިކަމުން ދިވެހި މަސްވެރިންނަށް އާމްދަނީ ލިބި، މި ބާވަތުގެ މަސްވެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މެރިން ބަޔޯޑައިވަސިޓީ ރައްކާތެރިކުރެވޭ،" ޖަމިއްޔާތަކުން ބުންޏެވެ.

"އެހެންކަމުން ލޭނުގެ މަސްވެރިކަމުގެ ސަބަބުން ފައިދާ ވާނީ ކޯޓާ ހޯދުމުގެ ގާބިލުކަން ހުރި މަދު ބަޔަކަށް. އަދި މިކަމުގެ ސަބަބުން ކޯޓާތަކުގެ ކަޅު ބާޒާރެއް އުފެދި ދިވެހިރާއްޖޭގެ އީއީޒެޑް ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވާނެ."

ލޭނު އެޅުމާ ދެކޮޅަށް އޯޝަން އެލައިންސް އިން ހަދާފައިވާ ޕޯސްޓަރެއް

ޖަމިއްޔާތަކުން ބުނީ މިޔަރާއި ކަންނެއްޔާއި ހިބަރަކީ ކަނޑުގެ މާހައުލުގައި އިސްކޮށް ޝިކާރަކޮށް އުޅޭ މަސްތަކަށްވުމުން މިއީ ކަނޑުގެ މާހައުލާއި ހިނގުން ދެމެހެއްޓުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މަސްތަކެއް ކަމަށެވެ. ލޭނުގެ މަސްވެރިކަން ކުރުމުގެ ތެރެއިން ބޮޑެތި ޝިކާރަ ކުރާ މަސްތައް ގިނަ އަދަދަކަށް ނެގުމުން، ކަނޑުގެ ކާނާގެ ވިއުގާތަކަށް ބަދަލު އައިސް އޭގެ ސަބަބުން މުޅި ވެށީގެ ހަމަހަމަކަމާއި ދުޅަހެޔޮކަމަށް އަސަރު ކުރާނެ އެވެ.

ޖަމިއްޔާތަކުން ދެކޭ ގޮތުގައި ލޭނުގެ މަސްވެރިކަން ހުއްދަ ކުރުމުން، ގިނަ އަދަދަކަށް މިޔަރު ބޭނޭނެތީ، އޭގެ ސަބަބުން ރާއްޖޭގެ ނަމާއި އަގަށް ވެސް ދިގު މުއްދަތުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ރާއްޖެ އަށް މިޔަރާ އެކު، ފީނުމަށް އަންނަ ޓޫރިސްޓުންނާ ގުޅުން ހުރި ވިޔަފާރިތަކަށް އަހަރަކު 51.4 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ.

މިޔަރުގެ އާބާދީ މަދުވުމުގެ ސަބަބުން ކަނޑުގެ އެހެނިހެން ދިރޭ ތަކެއްޗަށް އަސަރުކޮށް، މެރިން ޓުއަރިޒަމްގެ އެންމެ ބޮޑު މަންޒިލެއްގެ ގޮތުގައި އޮންނަ ރާއްޖޭގެ ހިތްގައިމުކަމާއި ޝަރަފު ގެއްލި އޭގެ ސަބަބުން ޓޫރިޒަމްގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވާނެ ކަމުގެ އިންޒާރު ވެސް ޖަމިއްޔާތަކުން ދިނެވެ.

"ލޭނު މަސްވެރިކަމުގެ ސަބަބުން މިޔަރުގެ އާބާދީ މަދުވެއްޖެ ނަމަ، މިޔަރާއެކު އެކު ފީނުމުގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކޮށް، މުޅި ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ފީނުމުގެ ހަރަކާތްތައް ހިންގާ ފަރާތްތަކާއި ސަފާރީ އުޅަނދުތަކާއި ގެސްޓް ހައުސްތަކާއި ރިސޯޓުތަކާއި ރެސްޓޯރަންޓުތަކާއި ފިހާރަތަކާއި އަދި މުދާ ސަޕްލައިކުރާ ފަރާތްތަކަށް ބޮޑެތި އިގްތިސާދީ ގެއްލުންތަކެއް ލިބޭނެ،" ޖަމިއްޔާތަކުން ބުންޏެވެ.

ޖަމިއްޔާތަކުގެ ކަރުދާހުގައި ދެން ބުނެފައި ވަނީ:

- ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުން ޓޫނާ ސްޓޮކް މަދުވެ، މަސްވެރިކަމަށް އަސަރު ކޮށްފި ނަމަ ދިވެހިންގެ އާންމުގެ ކެއުމުގައި އެންމެ ގިނައިން ބޭނުންކުރާ ޓޫނާގެ ބާވަތްތަށް ލިބުން ދަތިވެ، ކާބޯތަކެތީގެ ރައްކާތެރިކަމަށް ބުރޫ އަރާނެ.

- ޓޫނާގެ ބާވަތްތައް މާ ގިނައިން މަސްވެރިކަން ކުރަން ފެށުމުން، ޑިމާންޑްތައް ފުއްދުމަށް ޓަކައި ރާއްޖެ އިތުރަށް އިމްޕޯޓަށް ބަރޯސާވާން ޖެހުމުގެ ފުރުސަތު ބޮޑުވާނެ.

- މޫސުމަށް އަންނަ ބަދަލުތަކާއި އެއާ ގުޅުން ހުރި އެހެނިހެން ޝޮކްތައް (ޕެންޑެމިކް ފަދަ) ދިމާވާ ވަގުތުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ.

- ލޭނުގެ މަސްވެރިކަމުގެ ފައިދާއަކީ ކުޑަ ރާސްތާ އަށް ބަލާއިރު، ބޮޑު ފައިދާއެއް ލިބޭ މަސައްކަތެއް ކަމަށް ފެނުނަސް އޭގެ ސަބަބުން ދުރުރާސްތާގައި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ލިބޭ ސީދާ އަދި ނުސީދާ ގެއްލުން މާބޮޑުވެދާނެ.

- ރާއްޖޭގައި މިހާރު ވެސް ކުރަމުން އަންނަ ވަން ބައި ވަން ޓޫނާ މަސްވެރިކަމަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ސިއްހަތާ ރައްކާތރިކަން ކަށަވަރުކޮށް، ދިގު މުއްދަތަކަށް އިގުތިސާދީ ފައިދާ ދެމެހެއްޓެނިވި ގޮތަކަށް ލިބޭނެ ކަމެއް.

ތާރީހީ ގޮތުން ބަލާއިރު، ލޭނުގެ މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުތަކުގައި ގިނައިން ވަޒީފާ އަދާކުރަނީ ބޭރުގެ ފަޅުވެރިން ކަމަށާއި ލޭނުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު ބޭނުންކުރުމުގެ ތަމްރީނު ލިބިފައި ނުވާ ދިވެހި މަސްވެރިންނާ ވާދަކުރަން ޖެހޭނެ ކަމަށް ވެސް ޖަމިއްޔާތަކުން ދެކެ އެވެ. ލޭނުހެ މަސްވެރިކަމަށް ހުޅުވާލުމުން ރާއްޖޭގައި މިފަދަ އުޅަނދުތަށް ނެތުމުން ބޭރުގެ އުޅަދުތަކަށް ރާއްޖޭގައި މަސްވެރިކަން ކުރުމަށް ދޮރު ހުޅުވޭނެ ކަމަށް ވެސް ޖަމިއްޔާތަކުން ބުންޏެވެ.

ޖަމިއްޔާތަކުން ސުވާލު އުފެއްދި އެއް ކަމަކީ، ގަވާއިދާ ހިލާފު ހަރަކާތްތައް ޕެޓްރޯލް ކުރުމާއި އިންސްޕެކްޓް ކުރުމާއި ދައުވާ ކުރުމަށް އެކަށީގެންވާ ފައިސާ އާއި މުވައްޒަފުން ތިބި ރެގިއުލޭޓަރީ ބޮޑީއެއް ހަރަކާތްތެރިވުމާ މެދުގަ އެވެ. ވެސެލް މޮނިޓަރިން ސިސްޓަމްސް (ވީއެމްއެސް) އާއި ސެޓެލައިޓް ޓްރެކިން ފަދަ ވަސީލަތްތަކާއި ޓެކްނިކަލް ތަޖުރިބާއެއް ވެސް މިވަގުތު ނެތް ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.

ލޭނުގެ މަސްވެރިކަމަކީ ދުރު ސަރަހައްދުތަކަށް ދަތުރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައި ފަޅުވެރިން ހޭދަކުރާ ކަމަކެވެ. މީގެ ސަބަބުން މަސްވެރިންނަށް ދިމާވާ ގިނަ މައްސަލަތަކުގެ ތެރޭގައި ދޯނިމަތީގެ ހާލަތު ދައްވުމާއި މަސްވެރިން ދިގު މުއްދަތަކަށް ރަށާ ދުރުގައި ތިބުމުން ކުރާ އަސަރުގެ އިތުރުން ސިއްހީ އަދި ނުރައްކާތައް އިތުރުވާނެ ކަމަށް ވެސް ޖަމިއްޔާތަކުން ގަބޫލުކުރެ އެވެ.

"ދިވެހިން އިސްކަންދެނީ އާއިލާއާ ގާތުގައި ތިބެވޭނެ ގޮތަށްް މަސްވެރިކަން ކުުރުމަށް ކަމަށް ވާތީ، ގިނަ ފަހަރު ލޭނު މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރުގައި ފަޅުވެރިން ގޮތުގައި އާންމު ގޮތެއްގައި ހިމެނެނީ ބިދޭސީން. ޒަމާނުއްސުރެ ދިވެހިން މަސްވެރިކަން ކުރާ ގޮތަށް ބަލާއިރު ގިނަގިނައިން އެނބުރި މުޖުތަމައަށް އައިސް މުޖުތަމައަށް އިޖުތިމާއީ ހަމަޖެހުމާއި މުޖުތަމައުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ބާރުއަޅާ،" ޖަމިއްޔާތަކުން ބުންޏެވެ.

56 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 3%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލީ ބަލީ

20 August 2024

މާކަޑުގަ ލޭނުގެ މަސްވެރިކަން ކުރުމަކުން ރިސޯޓް ފަރުތަކުގަ ދިރި އުލޭ މިޔަރު މަދުވާނެކަމަކަށް ގަބޫލެއްނުކުރަން. ކޮން ގެސްޓުންނެއްތޯ މާކަޑުގަ މިޔަރުބަލަން ޑައިިވްކުރަނީ؟ ތި ޖަމުއިއްޔާތަކުން ބުނާ މަސްވެރިކަމުގަ ކަޑުމަތީ ގިނަދުވަހު އުޅެންޖެހޭ ވާހަކަ ބުނާއިރު މިހާރުވެސް ކަންނެލި މަސްވެރިން އެއުޅެނީ ކަޑުމަތީ އެތައްދުވަހަކު މިކަން ނޭގޭތޯ ތި ޖަމްއިއްޔާ ތަކަށް.

The name is already taken The name is available. Register?

އަލީއަލީ

20 August 2024

ހުސް ރޯނު އެދުރުން.

The name is already taken The name is available. Register?

މިޔަރޭ

19 August 2024

މިޔަރު ބާނަން ހުއްދަ ދޭންޖެހޭ. ލޭނުމަސްވެރިކަމަކީ ވަކި ކަމެއް. ލޭނުމަސްވެރިކަމަށް ހުއްދަ ދިނަސް ނުދިނަސް މަށަށް ހެޔޮ. ލޭނުމަސްވެރިކަމަށް ހުއްދަދިނަސް އޭގެ ބޮޑު ފައިދާނަގާނެކަމަށް ފެންނަނީ މަދު މުއްސަނދިންތަކެއް. މިޔަރު ބޭނުމާ ލޭނުމަސްވެރިކަމާ ދެކަން މަސްހުނި ކުރަނީ އާދައިގެ ނުވިސްނޭމީހާއަށް އޮޅުވާލާ ކޮންފިއުޒް ކޮށްލަން.

The name is already taken The name is available. Register?

ހާނިމްް

19 August 2024

ގެއްލުމޭ ކިޔާފަ މިޔަރު ނުބެހެއްޓޭނެ. މަސް ނަގާ އިރު މި ލިބެނީ ބޯ އެކަނި ބޮޑެތި ކަންނެލި ތަކުން. ގަޑި އިރެއްގެ ދެމުން ދަމާ ނިންމާލާ އިރު މި ލިބެނީ މަހުގެ ބޯ އެކަނި. މިޔަރު އެއްކޮށް ހުސް ކުރުމާ މަވެސް ދެކޮޅު. އެކަމަކު ވަކި މިންވަރަކަށް މަދު ކުރަން އެބަ ޖެހޭ. މާ ގިނަ ވެގެން ޖެހޭނެ މައްސަލަތައް ކީއްވެގެންތަ މި މީހުންނަށް ކިޔާ ނުދެވެނީ. މަސްވެރި ކަމަށް ކުރާ ނޭދެވޭ އަސަރުވެސް ކިޔާ ދީބަލަ

The name is already taken The name is available. Register?

ސިއްޕެެ

19 August 2024

މި 18 ޖަމުއިއްޔާގެ ވެރިން އަރުވަބެ އަހަރުން ކުރިމައްޗަށް. ނިކަން ރީއްޗަށް ތިމާވެށި ކިޔާ ދީފާނަމޭ. އެން ކޮޅެއް ލޮލުން ފެނުނު ބައެއް ނޫން. ދުވަހަކު ކަނޑު މައްޗަށް ނިކުމެ އުޅުނު ބައެއް ނޫން. އަލަކަށް ނޫން އާއިލާ އާ ދުރުގަ މަސްވެރިން ތިބެނީ މަހެއް އަތު ނުވެގެން. އެހެންވީމަ އެކްސްކިއުސް އެއް ގޮތުގަ ސިއްހީ ކަންކަމޭ ނުކިޔާ. އެޔަށްވުރެ ކަނޑަށް ފިޓު ބައެއް މަސްވެރިންނަކީ. ކަމަކީ ބުރަ ކަމެއްކަން އިނގިގެން މަސްވެރިން މަހަށް ދަނީ

The name is already taken The name is available. Register?

އަނަސުﷲ

19 August 2024

ހަހަހަ، މިކަހަލަ ޖަމުއިއްޔާތައް އެބަ ޖެހޭ ނައްތާލަން. ނުބެހޭކަށް ކަމެއް ނޯވޭ. މި ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދިން އެންމެ ރަނގަޅު އެއް ކަންތައް މީ. ދެން ސުވާލަކީ ސަރުކާރު ވީ އަނެއްކާ އެތަށް ހާސް މީހުން މިކަން އޯކޭ އޭ ބުނެ ބުނެ ހުއްޓާ މި ޖައުމިއްޔާ ތަކުގެ ބަސް އަހަން ވީ؟ ނުވާނެ އެހެން.

The name is already taken The name is available. Register?

ޝަފްރާޒްް

19 August 2024

މައްސަލައަކީ ރިސޯޓް ވިޔަފާރި ވެރިންނާ މިހެން އުޅޭ ދެތިން ޖަމުއިއްޔާ އަކުން ލާރި މި ހަދަނީ މި ތަކެތި ހިމާޔަތޭ ކިޔާފަ. ލޭނު މަސްވެރިކަން ކުރަން ހުއްދަ ނުދޭ ވަރެއެް ނޫނޭ. ބަލަ އެކަމަށް އާދޭސް އެ ކުރަނީ އެކަންތައް އާންމު ބޮޑު އުދަގުލަކަށް ވެގެން އުޅޭ މީހުންނޭ ހަމަ. ވަކި އުސޫލެއްގެ ދަށުން މިކަން ކުރެވޭ ގޮތަށް ހަދާއިން ވިޔަސް ކަމަކީ އެއްވަނައިގެ ކަމެއް.

The name is already taken The name is available. Register?

އަންސާމް ޖިހާދް

19 August 2024

ކޮން ގެއްލުމެކޭ ކިޔާކަށް. އަމިއްލަ އެދުމައިން ކަންކަން ހުއްޓުވާފަ ހުންނަނީ ބަޔަކަށް ގެއްލުން ވެދާނެ ތީ އޭ ކިޔާފަ. އެއް ބަޔަކު މިޔަރު ބޭނުން ކޮށްގެން މަންފާ މި ހޯދަނީ އެ އެއްޗެސް ގެ ރީތި ކަން ދައްކައިން. އެކަމަކު އޭގެ އަނެއް ސައިޑް އޮފް ސްޓޯރީއަށް ބަލަމާ. މަސްވެރި ކަމަށް އުދަގޫ ވާ ވަރަށް މިޔަރުގެ އުދަގޫ ބޮޑު. މަސްވެރި އަކަށް ނޫނީ ނޭގޭނެ މި ދައްކަނީ ކިހާ މިޔަރެއްގެ ވާހަކަ އެއް ކަމެއް. އެއްބަޔަކަށް މި ފެންނަނީ ދެތިން ކުޑަ މިޔަރެއް ރިސޯޓް ތަކުން

The name is already taken The name is available. Register?

އިހްސާސް

19 August 2024

ރާއްޖޭގައި މަސް ކިރުވޭ ކެޕޭސިޓީއަށް ވުރެ މާބޮޑަށް ވެސް އިތުރަށް މަސްވެރިން މަސްބާނައިގެން އައިސް ނުކިރުނީމާ މަސްތައް މޫދަށް އުކާލާއިރު ކަލޭމެން ތިމާވެށި ދެކެ ލޯބިވާ ކުދިންގެ އަނގަ ހިރުވާވެސް ނުލާ. މިހާރުވެސް ބިދޭސީން ލައްވާ މަސްވެރިކަން ކުރުވަނީ މަދެއްކޮށް ނޫން.

The name is already taken The name is available. Register?

އުޝާމް ހަމްމާދު

19 August 2024

އަޖައިބެއް. މި މީހުންނަށް ކަންކަން އިނގޭ ވަރުން މިއުޅެނީ. ބަލަ މީ އެއް ބައެއް ކައި ބޮއެ ހަދާ ދިރިއުޅުމަށް ކުރާ މަސައްކަތޭ. މާ ބޮޑަށް ކަންކަން އިނގެނީއޭ ޑރ.ބޫ ބުނާ ހެން. މިޔަރުވެސް ނަގަންވީ. ވެލާ މަސް ވެސް ކާން ވީ ހަމަ. ލައްކަ މީރު މަހެކޭ ވެލާ މަހަކީ. މަތިން އަހަރުން ކާން ފޮނުއްވާފަ ހުރި ކާނާ މަނާ ކުރަން ތިވަރަށް ނޫޅެބަލަ

The name is already taken The name is available. Register?

ބާސިރު

19 August 2024

ހުޅަނގުގެ ފައިސާ/ފަސާދައިގަ ޖެހިފަތިބި މިކަހަލަ ހުރިހާ "ތިމާވެއްޓާބެހޭ" ޖަމިއްޔާތައް އުވާލަން ގޮވާލަން. މިމީހުން އަށް އިއުރޮޕުން ލާރި އަޅައިގެން ރާއްޖެ ކުރި އެރިޔަނުދޭން ވަރަށް މަސައްކަތް ކުރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454