އައްޑޫން ފުރައިގެން މާލެ އަށް ދަތުރުކުރި ބޯޓަކުން ގެއްލުނު ނޭޕާލް މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލި ކަމަށް މިއަދު ބުނެވުނީ އޮޅިގެން ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ގެއްލުނު މީހާ ހޯދުމުގެ އޮޕަރޭޝަން ހުއްޓާލި ކަމަށް ބުނެވިފައި ވަނީ މައުލޫމާތުގެ ކުށަކުން ކަމަށެވެ.
އެ ކުށް އިސްލާހުކޮށްލަން އެދި އެމްއެންޑީއެފުން ވަނީ އެކަމަށް މާފަށް ވެސް އެދިފަ އެވެ.
"ސީމެކްސް" ކިޔާ ބޯޓެއްގެ ފަޅުވެރިއަކަށް މަސައްކަތްކުރި ރާޖު ކުމާރު ގެއްލުނު ކަމުގެ ރިޕޯޓް މިދިޔަ ހޯމަ ދުވަހުގެ ރޭ ކޯސްޓް ގާޑަށް ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އައީ ކުރަމުންނެވެ.
އެމްއެންޑީއެފުން މިރޭ ބުނީ "ސީމެކްސް" ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް، އޮޔާ އެކު މީހާ ލައްގާނެ ކަމަށް ގަބޫލުކުރެވޭ ދިމާތަކުގައި މިއަދު ސާޗް އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އަދި ވައިގެމަގުން އެ ސަރަހައްދުން ދަތުރުކުރާ ބައިނަލްއަގުވާމީ އުޅަނދުފަހަރާ ގޯސްޓްގާޑުން މުއާމަލާތްތައް ކޮށްގެން ވެސް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަނީ އަސްކަރީ ޑްރޯން ބޭނުންކުރުމުގެ ބަދަލުގައި ކަނޑުމަގުން ކޯސްޓްގާޑުގެ އުޅަނދުތަކުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު، މި އޮޕަރޭޝަންގައި ޑްރޯން ބޭނުން ނުކުރި ސަބަބެއް އެމްއެންޑީއެފުން އަދި ނުބުނެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ 11:30 ހާއިރު އައްޑޫން ފުރި "ސީމެކްސް" ބޯޓުގައި ރާޖު ކުމާރު ނެތްކަން އެނގުނީ، ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، އެ ބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވަ އެވެ.
އެއީ ފުވައްމުލަކާ އަށް މޭލު ދުރުންނެވެ. އެކަމަކު، އެ ބޯޓު އައްޑޫން ފުރިއިރު އޭގައި ރާޖް ކުމާރު ހުރި ކަމަށާއި ހޯމަ ދުވަހުގެ ރޭ މެންދަމު 1:15 ހާއިރު ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުނެފައިވެ އެވެ.