އައްޑޫން ފުރައިގެން މާލެ އަށް ދަތުރުކުރި ބޯޓަކުން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
"ސީމެކްސް" ކިޔާ ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ މީހެއް ކަމަށްވާ ރާޖު ކުމާރު ގެއްލިފައިވާ ކަމަށް ރިޕޯޓު ކުރީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ.
އެމްއެންޑީއެފުން ބުނީ ކަނޑާއި ވައިގެމަގުން އެ މީހާ ހޯދުމަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް އިއްޔެ ބަލާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ރާޖު ކުމާރު ބޯޓުގައި ނެތް ކަން އެނގުނީ އެ ބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވަ އެވެ. އެއީ ފުވައްމުލަކާ 8 މޭލު ދުރުންނެވެ.
އެ ބޯޓު އައްޑޫން ފުރީ އެރޭ 11:30 ހާއިރެވެ. ބޯޓު ފުރިއިރު އޭގައި ރާޖް ކުމާރު ހުރި ކަމަށާއި އެރޭ މެންދަމު 1:15 ހާއިރު ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.