އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ | މިހާރު
24 ޑިސެމްބަރ 2024 - 12:11
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ބައެއް އެެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފި އެވެ.
ފުލުހުން މިއަދު ބުނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ކުރަމުން އަންނަ ތަހުގީގަށް އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ދިރިއުޅޭ ގެ، ރޭ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ގެ ބަލައި ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ގެ ބަލައި ފާސްކޮށް، ތަހުގީގުގެ ބޭނުމަށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
ފަޒުލްއަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ހިމެނެ އެވެ.
މި މައްސަލަތައް ފެންމަތިވެ، އާންމުންގެ ޝަކުވާ ގިނަވުމާ އެކު، ފަޒުލް އާއި އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފު (ޑީީޑީ) ފިޔަވައި، އެންމެން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސަސްޕެންޑުކޮށް، ބައެއް މުވައްޒަފުން ވަނީ ވަޒީފާއިން ވަކި ވެސް ކޮށްފަ އެވެ.
ފުލުހުންނާއި އޭސީސީން މި މައްސަލަ ތަހުގީގުކުރާތީ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، މިދިޔަ ހޮނިހިރު ދުވަހު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފަޒުލް އިސްތިއުފާ ދެއްވުމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިހާރު ވަނީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް އައްޔަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުއްތަމަ އުސްތާޛް
24 December 2024
ފަޒުލްގެ ފޯނުގައި ހުރި މުއީޒުގެ މެސެޖުތައް ފުލުހުންގެ ބެލުމުގެ ދަށުން ނައްތާލަފާނެތީ ކަންބޮޑުވޭ
މޭރާ ޚެޔާލް
24 December 2024
ޒުހޫރު ރައީސަށް ފޮނިވި ސިތީގެ މައްސަލަ ވެސް ތަޙްޤީޤު ކުރަން ޖެހޭ ކަމަށް ދެކެން
ހަޖާމްބެ
24 December 2024
މިހާރު ރައްޔިތުން ހަނދާންނެތިއްޖެ. ދެން ފަޒުލް އަށް އަލުން ވަޒީފާދިނަސް ރަގަޅުވާނެ.
ޖައު
24 December 2024
ކޮބާ ބޮޑާކަމާ ކިބުރުވެރިކަމުގަ ހުރެވިއްޖެބާ
ޢަޖައިބު
24 December 2024
ހެކި ނައްތާލަން ދޭނެހާ ވަގުތެއް ދީފަ އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަންތައް އެންމެ ފަހުން ކޮށްފަ ދެން ބުނާނެ ދައްކާނެ އެެއްޗެއް އޮންނާނެތަ މުޅި ގެ ބެލިޔަސް؟ ފުލުހުންނަށް އޮތް އިތުބާރު އެއްކޮށް ގެއްލިއްޖެ. ހަގީގަތުގަވެސް ކަންބޮޑުވާން ޖެހޭ ފަދަ ކަންކަން މީ
ރައީސް1
24 December 2024
މަގޭ ގެވެސް ބަލާ ފާސްކޮށްލަދީ، މަވެސް ތިކަމުގައި އެންމެ ފުރިހަމައަށް އެއްބާރުލުން ދިނީމެވެ.
ޑރ ވާންޗޯ
24 December 2024
ތީދެންކޮން ޑްރާމާއެއް، ގެންގޮސްފަ ބޭރުން ފޮހެސާފުކޮށްފަ އަވަހަށް ގެނެސްދީ!!!!.
އިބުރޭ24
24 December 2024
ތިޔާ ވެސް ކުރީ ސަރުލާރު ސޮރެކޭ... އޮޅިގެން މިސަރުކާރުން ވަޒީފާދެވުނީ ލާރިކޮޅެއް ދިނީމަ.. މި ބުނީ ޔާމީނު މެން އަދީބުމެނއ ހިންގި ސަރުކާރޭ... އިބުރޭ ސަރުލާރެކޭ ނޫން އިނގޭ
ޑރ ވާންޗޯ
24 December 2024
ތިޔަބުނާ ސަރުކާރުގެ ބޮޑެއްނޫންތަ ވެރިކަމުގަހުރީ؟.
އިބުރޭ4
24 December 2024
ނޯޓް: ސަރުކާރު ނުކިޔަން މިހާރު އަޅުގަނޑު އެހެންވެ ސަރުލާރު މި ލިޔަނީ.. ލާރިއާ ގުޅުވާލައިފަ.. ވެރިކަމަށް އަންނަނީ އެކަމުގަ އެންމެންވެސް ލާރި ލާރި ލާރޫ
އަސް
24 December 2024
ހާދަ ޑްރާމާއޭ. ކާކު ފުލުހުންނަށް އިތުބާރު ކުރަނީ؟
ފެކްޓްް
24 December 2024
ޕްރޮފެޝަނަލް ވުމަކީ މިއީ ތޯއެވެ. ލަދުންބޯހަލާކު. އެންމެ ފުރަތަމަ ކުރަންޖެހޭ ކަންކަން މިހުންނަނީ. އެހެންތާވާނީ ފުރަތަމަވެސް ބެލީ ޕްރެސްއެއް ބާއްވާފަ ކުރީސަރުކާރު ބޮލުގައި އެޅުވޭތޯ.