ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި ފުލުހުން އަމަލުކުރި ގޮތް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފި އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ މީގެ ފަސް މަސް ކުރިން ފެނުނީ، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާގެ ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ވެސް ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ފުލުހުން ބުނެ އެވެ.
އެކަމަކު އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުނުކޮށް، ގިނަ ދުވަސްތަކެއް ވަމުންދާއިރު ހޮޅުދޫގައި ޒަކިއްޔާގެ އާއިލާގެ މީހުން ވަނީ އެކި ފަހަރު މަތިން އިހުތިޖާޖުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މައްސަލާގައި މިއަދު ވެސް ރަށުގައި އިހުތިޖާޖުކުރި އެވެ.
އާއިލާ އާއި ރަށުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ޒަކިއްޔާގެ މަރުގެ ފަހަތުގައި އެހެން ކަންތައްތަކެއް ވެ އެވެ. އޭނާ އަމިއްލަ އަށް ކަރުގައި ވަޅި އަޅައި މަރުވެދާނެ ކަމަށް ގަބޫލުކުރަން ދަތި ކަަމަށް ވެސް މުޒާހަރާތަކުގައި ދަނީ ގޮވަމުންނެވެ.
އެ މައްސަލާގައި އެންއައިސީން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ އާންމުން ފުލުހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާތީ އާއި އާންމުންގެ ކަންބޮޑުވުން ވެސް އޮތް މައްސަލައަކަށްވާތީ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ.
މައްސަލަ ތަހުގީގުކުރުމުގައި ގާނޫނާއި ގަވާއިދާއި ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވޭތޯ ބަލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ މައްސަލާގައި ރޭ އެޗްއާރުސީއެމުން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅިގެން ގާތްތިމާގެ މީހުންގެ ހުރި ކަންބޮޑުވުންތައް އެ ކޮމިޝަނަށް ހިއްސާ ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ރަށުގެ ރައްޔިތުން، އޭނާގެ ފިރިމިހާއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އޭނާ ހައްޔަރުކުރަން ދަނީ ގޮވާލަމުންނެވެ.
އެކަމަކު އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ތަހުލީލުތަކެއް ކުރި ނަމަވެސް އޭނާ ވަޅުލީ ޕޯސްޓްމޯޓަމް ނުހަދަ އެވެ. އަދި އެ މައްސަލާގައި މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް އެރަށަށް ދިޔަ އެވެ. މިހާރު ވަނީ އެ މައްސަލާގައި އެފްބީއައިގެ އެހީ ހޯދުމަށް ވެސް އެދިފަ އެވެ. ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނެފައި ވަނީ އޭނާގެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަކަށް ތަހުގީގުގެ އެހާ ހިސާބަށް ފާހަގަވެފައި ނުވާ ކަމަށެވެ.