ގްރޭޑް 10 ގެ ދަރިވަރުންގެ އިސްލާމު ފޮތް: ޖާމިނުވުމުގެ މާނަ ނޭނގުނު ކުދިންނަށް އެ ވާހަކަ އަދިވެސް ނުހުއްޓޭ. -- މިހާރު ފައިލް ފޮޓޯ
22 އެޕްރީލް 2025 - 12:50
މިދިޔަ އާދީއްތަ ދުވަހު ފެށި އެސްއެސްސީ އިމްތިހާނުގެ އިސްލާމް ޕޭޕަރުގައި އޮތް އެންމެ މާކުހެއްގެ ސުވާލެއް ދަރިވަރުންނަށް މާ ބޮޑުވެ އެ ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެ އެވެ.
ސުވާލަކީ "ޖާމިނުވުމަކީ ކޮބާ" ތޯ އެވެ.
ގްރޭޑް 10 ނިންމައި އިމްތިހާން ހެދި ބައެއް ކުދިންނަށް މި ލަފުޒު ފެނުނީ އަލަށެވެ.
އިސްލާމްގެ ފުރަތަމަ ޕޭޕަރުގައި ޖާމިނުވުމާ ގުޅޭ ގޮތުން އޮތް ސުވާލު ދަރިވަރުންނަށް މާ ބޮޑު ވާހަކައަކަށް ވީ ދުވަހަކުވެސް އަޑު އެހި ބަހެއް ނޫން ކަމަށް ބުނެ އެވެ. އެއާއެކު ސޯޝަލްމީޑިއާގައި ވެސް މި ކުދިން މިކަން ބޮޑު މަޖާގަނޑަކަށް ހަދައިފި އެވެ.
ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ މަޖާ ވީޑިއޯތައް ޝެއާ ކުރަމުން އެބަދެ އެވެ. އެ ސުވާލު ފެނިފައި ހޭނެތިފައި އެނދުމަތީގައި ކުއްޖަކު އޮންނަ ވީޑިއޯއެއް ވެސް އެބަ އުޅެ އެވެ. ގިނަ ބަޔަކަށް އެކަން މަޖާވީ، މިއީ އެ މީހުންގެ ހާލަތާ ވެސް ގުޅޭތީ އެވެ. އެއްބަޔަކަށް ދޭނެ ޖަވާބެއް ނޭނގިގެން ތިބީ ލޮލުން ކަރުނަ އަންނަ ހިސާބުގަ އެވެ.
ބައެއް ކުދިން ހީވި ގޮތަކަށް ޖަވާބު ލިއެފައި ޕޭޕަރު ހަވާލުކުރިއަސް ސިކުނޑީގައި އެ ބަސް ހަރުލީ އެވެ.
ޖާމިނުވުމަކީ ކޮބައިކަމާ މެދު އުފެދުނު ސުވާލުގައި ބައެއް ދަރިވަރުން ޖަވާބު ހޯދަން ބެލީ ރަދީފެވެ. އޭގައި އޮތީ ޖާމިނުވުމަކީ "ކަމެއް ބޮލުގައި އެޅުން ނުވަތަ ހަވާލުވުން" ކަމަށެވެ.
ނަމަވެސް މި ބަހާ މެދު ސުވާލު އުފެދުނު ގިނަ ކުދިންނަށް މިއީ އިސްލާމް ފޮތުގައި އޮތް، ދީނީ ކަންކަމާ ގުޅުން ހުރި ބަހެއް ކަމެއް ވެސް ނޭނގުނެވެ.
ޓިކްޓޮކްގައި ބައެއް ކުދިން ހަދާފައިވާ ވީޑިއޯތަކުގައި ވެސް އެއްބަޔަކު އަނެއް ބަޔަކަށް "ޖާމިނުވުން" އެ ކުއްޖަކަށް އެނގޭ ގޮތަކަށް ކިޔައިދީފައި އެބަހުއްޓެވެ.
ޖާމިނުވުމަކީ ތަބާވުން ކަމަށް އެއް ބަޔަކު ލިޔުނެވެ. އަނެއް ބަޔަކު ލިޔެފައިވަނީ އެއީ ކަމަކަށް އެއްބަސްވެ ތައުބާވުން ކަމަށެވެ. އަދި ޖާމިނުވުމަކީ ކަމެއްގައި ބައިވެރިވުން ކަމަށާއި ގަބޫލުކުރުން ކަމަށް ވެސް ބައެއް ކުދިން ޖަވާބުގައި ލިޔެފައިވެ އެވެ.
ޖާމިނުވުމަކީ ކިޔަމަންތެރިވުން ކަމަށް ވެސް ބުނެފައިވެ އެވެ.
ޖާމިނުވުމަކީ ކޮބައިކަމާ މެދު ބަހުސް ބޮޑުވެ، އެއީ ހަމަ ހަގީގަތުގައި ވެސް އިސްލާމް ފޮތުގައި ބުނެދީފައި އޮތް ބަހެއްތޯ އާއި އޮތް ނަމަ އޮތް ތަނެއް ބުނެދޭން އިސްލާމް ޓީޗަރުންނާ ވެސް ސުވާލުކޮށްފައިވެ އެވެ. ބައެއް ކުދިން ޓެސްޓު ނިންމާފައި އަލުން އިސްލާމް ފޮތް ނަގައި އެއްކޮޅުން އަނެއްކޮޅަށް ބެލި އިރު އެއީ ދޫ ރައްކާތެރިކުރުމާ ގުޅޭ ފިލާވަޅުގެ ދަށުން އައިސްފައި އޮތް ވާހަކައެއްކަން ފަހުން އެނގުނެވެ.
ޖަވާބު ރަނގަޅަށް ލިޔުނު ކުދިން، ޖާމިނުވުން އޮތް ސޮފްހާ ނަމްބަރު ވެސް ކިޔައިދީފައި އޮތެވެ. އެއް މާކްސް ލިބޭ ޖާމިނުވުމުގެ ސުވާލުގެ ޖަވާބަކީ "ހަވާލުވުން" ނުވަަތަ "ޒިންމާވުން" ކަން ބައެއް ކުދިން ލިއެފައި ހުއްޓެވެ.
އެކަމަކު ވަގުތު ފާއިތުވެއްޖެ އެވެ. ޖާމިނުވުމަކީ ކޮބައިކަން ދަރިވަރުންނަށް ސާފުކޮށް މި އެނގުނީ އިމްތިހާނު ނިމުނު ފަހުންނެވެ.
އެކަމަކު މާނަ ނޭނގުނު ކުދިންނަށް އެ ވާހަކަ އަދިވެސް ނުހުއްޓެވެ. މިވަގުތަށް ހިތްހަމަޖައްސާލަނީ، ދެން ދުވަހަކު ވެސް އަތްނުލާނެ ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު123
23 April 2025
ޖާމިނު އަކީ އަރަބި ބަހެއްކަމަށް ހީވެގެން އުޅޭ މީހުންނަށް: ޖާމިނު، ޖާމިނުވުން، ޖާމިނުކުރުވުން މިއީ އަރަބި ބަހެއް ނޫން. މިއީ ދިވެހި ބަހެއް. ޖާމިނު ނުވަތަ ޖާމިން ކިޔާ ލަފުޒެއް އަރަބި ބަހުގައި ނާދޭ. އަރަބި ބަހަކީ ޟާމިން (ضامن). ހަދީސްގައި ވެސް އޮތީ أضمن މާނައަކީ ޖާމިނުވުން.
އަލީ ޚާލިދު
23 April 2025
ކިހާ ދެރަކަމެއް. ފިލާވަޅު ދަސްނުކޮށް ދިޔަކަން އެނގި ބޭޒާރުވީމަވެސް އަދި ސޯޝަލް މީޑިއާގައި މަޖާ ނެގޭތޯ މިބަލަނީ.. ޒަމާން ބަދަލުވާ ވަރަކަށް ދިވެހި މުސްތަޤްބަލްގައި ކުލަ ޖައްސަންތިބި ކުދިންގެ ފެންވަރެއް ނެތްކަން މި ފެންނަނީ
ނަންނުކަަތި
23 April 2025
އިސްލާމް ޕޭޕަރު ބަލާލަބަލަ. ހީވާނީ ހަމަ ދިވެހި ޕޭޕަރެއް ހެން. އޮންނާނެ ސުވާލުތަކެއް. މި ހަދީސުގައި މި ބުނަނީ ކީކޭ. މި ހަދީސުގައި މިބުނަނީ ކީކޭ.
ދެރަ
23 April 2025
ގްރޭޑް 3 ގެ އިސްލާމް ފޮތުގެ 116 ވަނަ ސަފްހާގައިވާ ދޫރައްކާޔެރި ކުރުން ފިލާވަޅުގައިވެސް ތިބަސް އިދޭ، މާނަޔާއެކު އިސްލާމް ޓީޗަރުން ބުނެދެއްވާ! ފިލާވަޅު ގަޔާވެގެން ކިޔަވާ ދަސްކުރި ކުދިންނަށް އެގޭނެކަން ޔަޤީން. ޢެއީ އަރަބީގައި އަސްލު އޮތް ދިވެހި ބަހެއް، އަޅުގަޑުގެ މާމަ ވާހަކަ ދެއްކުމުގައި ބޭނުން ކުރާތީ ދަސްވި ބަހެއްމީ
ޖަމީ
23 April 2025
އަހަރެންގެ ދަރިފުޅު ވާހަކަ ދަށްކަނީ އިނގިރޭސިން. ދިވެއްސަށް ވަރަށް ނުފަރިތަ. އަހަރެން އަހައިފިން، އަޅެ ދިވެހި ގަޑީގަވެސް ވާހަކަ ދަށްކަނީ އިނގިރޭސިން ހޭ؟ ބުނީމަ ބުނީ "ދިވެހި ޓީޗަރ ނޯސް އިންގްލިޝް" އޭ. ދެން ދިވެހި ދަސްވާނެތަ.
ޖާމިނު
23 April 2025
ކުދިންނާއި، ބެލެނިވެރިންނާއި، މުދައްރިސުން އަދި ނޫސްވެރިންވެސް ގޯސް ނުކުރަމާ ހިނގާށެެވެ. އަހަރެންނަށް މީގައި ގޯހީ އިސްލާމް ފޮތާއި ސުވާލު އޮތް ސުވާލު ކަރުދާހެވެ.
ޖެން
22 April 2025
މިތާނގަ ރޯނުއެދުރު ވެގެން ކޮމެންޓު ކުރާ މުސްކުޅިންނަށް ބުނެލަން - ސުވާލުގަ އަހާފަ އޮތީ ޖާމިނު ވުމުގެ ދިވެހި މާނަ އަކަށް ނޫން. ހަދީސަށް ބިނާކޮށް އަހާފަ އޮތް ސުވާލެއް. ކުދިން މަޖަލެއް ކޮށްލިއަސް ހީވަނީ ގައުމުގަ މިވަރުގެ ބޮޑު ކަމެއް ނުހިނގާހެން.
ބޭޒާރުވަނީ އަމިއްލައަށް
22 April 2025
މިތާނގަ ކޮމެންޓު ކުރަނީ މުސްކުޅިންކަން އެނގެނީ ކިހިނެއް؟؟ބޮޑެތިވެފަތިބި ދަރިވަރުން ތަކަކަށް ސާނަވީ ތައުލީމު ނިމުނު އިރުވެސް ފޮތުގަ ބުނެދީފަ އޮތް އެއްޗެއް ގިނަ ކުދިންނަށް ނޭނގުން އެއީ ވ.ލަދުކަމެއް. އަދި ނޭނގުނީމަވެސް އެކަން މަޖާވެގެން މުޅި ސޯޝަލް މީޑިޔާއަށް ވީޑިޔޯ ހަދާފަ ލީމަ މީހުން ތަފާތު ގޮތް ގޮތަށް ވާހަކަ ދަައްކާނެކަން ދަންނަންވާނެ.
ލަސް
23 April 2025
ބޫމާސް
ކުރީ އެދުރު
22 April 2025
މައްސަލައަކީ މުދައްރިސުންނާއި މައިންބަފައިންނެވެ.
ޖާމި
22 April 2025
އަމިއްލަ ބަސް ރަނގަޅަށް ނޭނގޭ ޖީލެއް މި އޮއް ދަނީއެވެ. ގޯސްވާނީ ކިޔަވައިދިން އެދުރުންނެވެ. މިއީ ދިވެހި ބަސް އުނގަންނައިދިނުމުގައި ހުރި މައްސަލައެއް އެއް ނޫނެވެ. އަދި އިސްލާމް ޓީޗަރުގެވެސް މައްސަލައެއް ނޫނެވެ. މިއީ ޤައުމުގެ މަތީިފަޑީގައި ތިއްބެވި ބޭފުޅުން އަމިއްލަ ބަހަަށްވުރެ ބޭރުބަސް އިސްކުރުމުގެ ނަތީޖާއެވެ . އެންމެ ތުއްތު އިރުއްސުރެ ބޭރުބަހަކުން ދަރިވްރުންނަށް ކިޔަވައިދޭން ފެށުމުގެ ނަތީޖާއެވެ.
ދަރިވަރު
22 April 2025
ދިވެހި ބަސް ކުރިއަރުވަން މަސައްކަތް ކުރާކަށް ނޫންތޯ އައު މާއްދާއެއް ގައުމިއްޔަތުގެ ނަމުގައި އުފެއްދީ ވެސް؟ އެއްޗެއް އެނގިގެން ކިޔުން މުހިއްމު!
ދިވެހިންް
22 April 2025
ދުވަސްކޮޅަކުން މަންމަ އޭ ބުނީމަ އެއީ ކޯޗެއްކަން ނޭގޭ ކުދިން މިގައުމުގަ ތިބެދާނެ
ދިވެހިން2
23 April 2025
މިހާރު ބައްޕަ ބުނީމާ ނޭންގޭ ގިނަ ކުދިންނަށް. ޑަޑާ ޑެޑީ ބައްޕީ ކިޔަމުން ގޮވާތީ ގިނަ ކުދިންނަށް ބައްޕަ ހީވަނީ އެހެން މީހެކޭ. ގިނަ ފަހަރަށް ބައްޕަ ކިޔައދެނީ ތިމާގެ ކޮންމެވެސް އެހެން މީހަކަށް