ފަނޑިޔާރު އަޒްމިރަލްދާ: ކަންބޮޑުވުންތައް ނުބަލައި، ފަނޑިޔާރުންނާ މެދު ފިޔަވަޅު ނާޅަން ލޯއޭޝިއާ އާއި އިންޑިއާ ބާ އެސޯސިއޭޝަނުން ވަނީ ގޮވާލާފައި - ފޮޓޯ: މިހާރު
12 މެއި 2025 - 11:04
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާ ގުޅޭ ސުލޫކީ މައްސަލަ ބެލި ގޮތާ މެދު އޮތް ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެނީސް، އެ ފަނޑިޔާރުންނާ މެދު ފިޔަވަޅު ނާޅަން ލޯއޭޝިއާ އާއި އިންޑިއާގެ ބާ އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
ލޯއޭޝިއާއިން ނެރުނު ބަޔާނެއްގައި ފަނޑިޔާރުންނާ ގުޅޭ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާފައިވަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށާއި އެކަމުގައި ހާމަކަމެއް ނެތް ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ގެންދަނީ ޑިއު ޕްރޮސެސް އާއި އިޖުރާއީ އަދުލުވެރިކަން ނެތި ކަމަށް ބުނެ ފާޅުކުރާ ކަންބޮޑުވުމަކީ ރަނގަޅު ކަންބޮޑުވުމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އިންޑިއާގެ ބާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންނާ ގުޅޭގޮތުން ހިންގި ތަހުގީގުގައި ހާމަކަން ނެތުމާއި ޑިއު ޕްރޮސެސް ފުރިހަމަ ނުކުރާ ކަންބޮޑުވުމަކީ ތެދަކަށްވާ ނަމަ، ރާއްޖޭގެ ޖުޑިޝަރީގެ މިނިވަންކަމާއި ގާނޫނުގެ ވެރިކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދިގެންދާނެ ކަމަށެވެ.
އެހެންވެ، ލޯއޭޝިއާ އާއި ރާއްޖޭގެ ބާ އެސޯސިއޭޝަނުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ބަލައިގަނެ، އެ ކަންކަމާ މެދު ހައްލެއް ހޯދުމަށްފަހު ނޫނީ ފަނޑިޔާރުންނާ މެދު ފިޔަވަޅު ނާޅަން އިންޑިއާގެ ބާ އެސޯސިއޭޝަނުން ގޮވާލި އެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަން ނުގެއްލޭނެ ގޮތަށް އަދި އެކަށީގެންވާ ހެކި ނެތް ނުވަތަ ހަމަނުޖެހޭ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅު ނާޅަން ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ) އިން ވެސް އިއްޔެ ވަނީ ގޮވާލައިފަ އެވެ.
ފަނޑިޔާރު މަހާޒު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުވީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެ މައްސަލަ ދިރާސާ ކުރަން އިއްޔެ ބޭއްވި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި، މައްސަލަ ވަނީ ތަޅުމަށް ފޮނުވައިފަ އެވެ. އެގޮތަށް ކޮމިޓީން ފާސްކުރީ ސިއްރުކޮށްގެން ގެންދިޔަ ބައްދަލުވުމެއްގަ އެވެ.
ޖޭއެސްސީން ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް އެދިވަޑައިގެންނެވި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދުނެވެ.
ނަމަވެސް، ޖުޑިޝަރީ ކޮމިޓީން ނިންމީ އެއްވެސް ފަނޑިޔާރަކު ހާޒިރު ނުކުރުމަށެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޫރުބެ
12 May 2025
ލަދުންމިތަނުގަ އުޅެންނުކުރޭނެޔޭ! މަދުންނަމަވެސް ހަމައިގެ ކަންފުޅެއްނެތޭ! ކަމުން ހުދުކާފޫރަށް ދޫނުކުރެޔޭ!
ފުރުސަރުބެ
12 May 2025
ބަލަ ޖޭއެސްސީން ފުރުސަތު ދީ ގެންދިޔަނު. ދެން މި މީހުން ދިފާއުގަ ދެއްކި ވާހަކަ ގަބޫލު ނުކުުރުމަކީ ފުރުސަތު ނުދިނުމެއް ނޫނެއްނު. ފުރުސަތަކަށް ވަނީ މި މީހުން ހަދަނީ ތެދު ކަމަށް ނިންމީމަތަ؟
އަޖުނަބްސް
12 May 2025
މާތްވެގެންވާ އިސްލާމް ދީނަކީ ޢަދުލްގެ ދީން. އިންސާފުގެ ދީން. އެދީން އަމުރުކުރަނީ އެންމެ ބޮޑު ތުހުމަތުވާ މީހާއަށް ވެސް އޭނާގެ އަޑު އިއްވުމުގެ ފުރުޞަތު. ދިފާޢުވުމުގެ ފުރުޞަތު ނުދިނުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފުކަމެއް.
ނޫސަންގު
12 May 2025
ވެރިކަން ކުރަން ފުރުސަތު ދެނީ ގާނޫނު އަސާސީ ކިޔާ އެއްޗަކަށް ޙުރުމަތް ތެރި ކޮށް ހިތައި އެކަން ކުރުމަށެވެ. އެއީ ރައްޔިތުންނާ ދައުލަތާ ދޭތެރޭ އޮންނަ ކޮންޓްރެކްޓެކެވެ. ޚަތިމްގައި އަތްލުމަށްފަހު ހުވާ ކުރަނީ އެ ކޮންޓްރެކްޓާ އިސްލާމްދީނަށް ރައްކާތެރިވުމަށެވެ. ކުންފުންޏެއްގެ ސީއީއޯ ކަންކުރަން ޖެހޭނީ ބޯޑުން އަންގާ ގޮތަށެވެ. ބޯޑު މެމްބަރުންނަށް ރިޝްވަތުދީ އެމީހުން ބަނދެެގެނެއް ނޫނެވެ. އެއީ ގުޑް ގަވަރނެންސްގެ އުސޫލެއް ނޫނެވެ.
ފުލުތިކި
12 May 2025
ކިޔާނެއެއްޗެއް ކިޔަންވީއެވެ. ގޮވާއެއްޗެއް ގޮވަންވީއެވެ. ލިޔާއެއްޗެއް ލިޔަންވީއެވެ. ފެންނަފެނުމަށް ކަމަކީ "ނިމިފަ"އޮތް ކަމެކެވެ.
ޤައުމު24
12 May 2025
ކަމެއް ގޯސްކޮށް ދިޔަޔަސް ހެޔޮކޮށް ދިޔަޔަސް ބޭރު ޤައުމުތަކުން މި ރާއްޖޭގެ ކަންކަމާބެހޭކަށް ނުޖެހޭ
ތިމާވެށި
12 May 2025
ތައުލީމީ ޒިންމާ ދާރު ފިރިމީހާ އަށް ހެދުނު ގޯހެއްގެ ސަބަބުން އަނބި މީހާ ގެ ވަޒީފާ ގެއްލިގެން ދަނީ އެވެ. ފިރިމީހާ އަށް ކުރެވުނު ކަމާ ދޭތެރޭވެސް ދެރަ ނުވެ ދައްކާފަ ހުރި ވާހަކަ ތައް ނޫސްތަކުގަ އެހުރީ އެވެ.
ކޮރަލް
12 May 2025
ޑިމޮކްރަސީ އަށް ފަހު ރާއްޖޭގެ ވެރިކަން ކުރަނީ ކޮންމެ ވެސް އެއް ޕާޓީ އަކުންނެވެ. އެޕާޓީ އަކަށް ރައީސް ކަމާ އި މަޖްލިސް މެޖޯރިޓީކަން ރައްޔިތުން އެބަ ދެ އެވެ. ވީމާ ކަން ކުރާނެ ގޮތް އެނގޭނީ ވެރިކަން ކުރާ ޕާޓީ އަށެވެ. އެއް ގޮތެއް ނުވިއްޔާ ގާނޫނު ބަދަލު ކޮށްގެން ވެސް ބޭނުން ކަމެއް ކުރެވޭ ވަރަށް ރައްޔިތުން ގެ ވޯޓް އިން ބާރު ވަނީ ދީފަ އެވެ. އެވަރު ވިސްނި ބަލާށެވެ.
ކަށަވަރު
12 May 2025
ކަންހިނގަނީ ތިގޮތަށެވެ. ރާއްޖެއަށް ޑިމޮކުރަސީ އައީވެސް ގޮތަކަށެވެ. ޑިމޮކުރެޓިކް ވަރިކަމެއްގެންނަން އެއްބަޔަކު މަސައްކަތްކުރިއިރު ވެރިކަމުގައިތިބިމީހުން ގެންނަން ބޭނުންވީ ދީމިގުރާތީ ވެރިކަމެކެވެ. ރައްޔިތުންނަށް އެއެއް މިއެއްނުއެނގިތިބެ ދަސްކުރީ ހަކުރުދެންޏާ ބޮޑުބޭބެކިޔާށާއި ފުއްޕިހަކުރުކައިގެން ގުނބޯނަށާށެވެ. ފޮތުގައިއޮތްގޮތް ހަދާކަށް ދަހެއްނުވިއެވެ. ރައްޔިތަކަށް ވެރިންދެއްވަވާނީ އެބަޔަކު އެދޭގޮތަށްކަމުގައި އޮންނަ ވަޙީބަސްފުޅު ދޮގެއްނުވާނެއެވެ.
ހެޔޮއެދޭ އިންސާނާ
12 May 2025
ޔާ ރައްބު. މި ޤައުމު ފަސާދައިން ސަލާމަތްކުރައްވާ، އަޅަމެން އެންމެންނަކީ ވެސް އިންސާފަށް ލޯބިކުރާ، ޙައްޤުގެ މަގަށް ރުޖޫޢަވާ ބަޔަކު ކަމުގައި ލައްވާނދޭވެ. އިންސާފު ޤާއިމް ކުރާއިރު ތުހުމަތުކުރެވޭ ފަރާތުގެ ބަސް އިއްވުމަށް ފުރުޞަތު ލިބޭ ނަމޫނާ މުޖްތަމަޢުއެއް ކަމުގައި މި ދިވެހިރާއްޖެ ލައްވާނދޭވެ. އާމީން.
ބުރަކިމަންޖެ
12 May 2025
މިއީ ވަރަށް ގޯސް ފާލެއް. އިސްލާމީ އުސޫލަކީ ކޮބައިކަން ޝެއިޚުން ބުނެދެއްވަންޖެހޭ. އެ އުސޫލާ ޚިލާފަށް، ދިފާއުގެ ފުރުޞަތު ނުދެންޏާ، އެކަމާ ދެކޮޅަށް ނުކުންނަވަންޖެހޭ.