ސުޕްރީމް ކޯޓު: އިބްރާގެ ދުސްތޫރީ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައި
14 މެއި 2025 - 09:18
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރުމަކީ އެ ކޯޓު ހިންގުން ހުއްޓުވާލުން ކަމަށް ވިދާޅުވެ، އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމާފައިވާތީ، ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމަށް ފަހު، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް އިބްރާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު ކުރިމަތީގައި އޮތް ނުރައްކަލުން ގައުމު ސަލާމަތް ކުރެވެން އޮތީ ދުސްތޫރީ މައްސަލަ ބަލައި، ގޮތެއް ކަނޑައަޅައިގެން ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ކުޑަމިނުން ފަނޑިޔާރުން ވަކިކޮށް ނިމުމުގެ ކުރިން މި މައްސަލައިގައި ފާހަގަކޮށްފައިވާ ގާނޫނީ ސުވާލުތައް ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އަޑުއެއްސުވުމަކީ ރައްޔިތުންގެ ހައްގު އަދާކުރުމަށްޓަކައި ސުޕްރީމް ކޯޓުން ކޮންމެހެން ކުރެއްވުން ލާޒިމް ކަމެކެވެ،" ސިޓީގައިވެ އެވެ.
އެހެންވެ، އިބްރާ އެދިވަޑައިގަތީ މައްސަލައާ މެދު މިއަދުން މިއަދަށް ގޮތެއް ނިންމޭނެ މަގެއް އޮތް ނަމަ އެ މަގެއް ދައްކަވައި ދެއްވުމަށެވެ.
މިދިޔަ އާދިއްތަ ދުވަހު އިބްރާގެ ފަރާތުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ އެއީ އަބަދުމެ، ހިނގަހިނގާ އޮންނަން ޖެހޭނެ ތަނެއް ކަމަށް ގާނޫނުއަސާސީ ތަސައްވުރު ކުރާއިރު، ފަނޑިޔާރުންގެ ސަސްޕެންޝަނާ އެކު ކޯޓުގެ ބައެއް މަސައްކަތްތައް ހުއްޓިފައި އޮންނާތީ އެވެ.
އެ މައްސަލަ ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަންއާ ދެކޮޅަށެވެ.
އިބުރާ "މިހާރު" އަށް ވިދާޅުވީ ދުސްތޫރީ ނިޒާމަކީ އެއްކޮށް ގެތިފައި އޮންނަ އެއްޗެއް ކަމެއް ކަމަށާއި އޭގެ ތެރެއިން އެންމެ ނިޒާމެއްގެ މަސައްކަތް ހުއްޓުނަސް މުޅި ނިޒާމް ރޫޅިގެން ދާނެ ކަމަށެވެ. މިހާރު ދުސްތޫރީ ނިޒާމް އޮތީ އެ ހާލަތުގައި ކަމަށާއި މިއީ ހައްލުކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރިއިރު، އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ފަނޑިޔާޜު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ. އަދި ކޯޓުގައި މި ވަގުތު ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އިބްރާ ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރޭގައި ފަނޑިޔާރުންގެ ސަސްޕެންޝަން ނިމުމަކަށް ގެންނަން ވެސް އެދިވަޑައިގެންފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޖުރާއަތްތަކާ ހިލާފަށް ކޮށްފައިވާ ސަސްޕެންޝަނެއް ކަމަށާއި އެކަމުގެ ވަށައިގެން ވަނީ މުޅިން ވެސް ގޯސް ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާގެ ފަރާތުން އެ މައްސަލަ މީގެ ކުރިން ހައި ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު، އެ ކޯޓުން ވެސް ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގައި އިޖުރާއީ ގޯސްތަކެއްވާ ކަމުގެ ކަންބޮޑުވުންތައް އޮއްވައި، ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މިއަދު މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
0909999
15 May 2025
ރިފޯމްގެ އަންމައާ އައްޕަކަމަށް ދައުވާ ކުރާ އެމްޑީޕީއިްނ ޖުޑީސަލްކަމިސަންއިން ސިޔާސީމީހުން ބޭރުކޮށް މިނިވަން ކުރަން ވައުދު ވެގެން ރައްޔިތުން ސުޕަރ މެޖޯރިޓީ ދިނީމާ އެކަން ނުކޮށް ދައުރު ނިންމާލީ ކީއްވެތޯ އެޕާޓީ ޕާރލިމެންޓް ރައީސް އާޒިމާ ޕާޓީ ރައިސް ފަޔާ އެންޑިޕީ ޖުޑީސަލް ރައީސް ހިސާނު ކައިރީ އަހ ބުނާ އެއްޗެއް ދިރާސާ ކޮށް ގެނެަސް ދޭނެ އެންމެ ނޫސްވެރިއެއްވެސް މިގައުމުގައި ނެތިއްޔާ މާނައަކީ ރައްޔިތުންގެ ހައްގުގައި އުޅޭނެ މީޑީއާއެއްމިރާއްޖެއަކުނެތޭ.
ރަށު ދޮންބެ
14 May 2025
ޤައުމާއި، ޤައުމުގެ ކަންކަން ހެޔޮމަގަށް އަޅުވައި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމަށް މަތިކޮށްފައިތިބި ފަރާތްތަކުން ޤައުމާއިމެދު ކަންކުރަމުންދާތަން ފެނުމުން ހާދަހާދެރަވެއެވެ. މި ގައުމުގެ ކަންކަން ހަމަ ދާނީ މިހެން ހެއްޔެވެ؟ އިތުރު ބަޔަކު މި ޤައުމުގެ ކަންކަން ރަނގަޅު ކުރަން އަންނާނެ ކަމަށް ދެކިގެން ތިބުމަކީ މޮޔަ އަދި އަޅުވެތިކަމަށް ދެވޭ ޖާގައެކެވެ. އެކަމަކު އަހަރެމެންގެ ކަންކަން އަހަރެމެންނަށް ހަމަ ހަގީގަތުގައިވެސް ޙައްލުކުރެވޭނެ ހެއްޔެވެ؟
އަބްދޫ
14 May 2025
7 ނުވަތަ 5 ން ބަލަން ފެށިޔަސް 3 ގެ ބެންޗަކުންވެސް ކުރިޔަށް ގެންދެވޭނެ.އެއްވެސް ގާނޫނަކުވެސް ގާނޫއަސަސިއަކުވެސް ނެތް 7 ގެ ބެންޗަކުންފަށައިފިނަމަ މައްސަލަ ނިމެންދެން ބަލަންވަނީ 7 ގެ ބެންޗަކުންކަމަކަށް. އޮންނަނީ ބަލަންވާނީ އޮނަހިރިއަދަދެއްގެ ބެންޗަކުންކަމަށް.
އަބްދޫ
14 May 2025
ސްޕްރިމްކޯތް ގަ މައްސަލަ ބެލުމަށް ގާނޫނީ ގޮތުން ހަމަޖެހިފަވަނީ އޮނަހިރި އަދަެއްގެ މައްޗަށް ސްޕްރީމްކޯޓްގެ ފަނޑިޔާ ރުންގެ އަދަދު 7 އަށް ވާއިރު އޮންހިރި އދަދު ތަކަށް 3 5 7 އާދޭ މި އިން ކޮންމެ އަދަދކީ ވެސް ސްޕްރީމްކޯޓް ހިގަހިގާ ހުންނަ އަދަދުތައް. 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމުން 5 އާއި 7 ގެ އޮނަހިރި އަދަދު ނެތި ދިޔަޔަސް 3 ފަނޑިޔާރުންގެ ބެންޗުން މައްސަލަ ގެންދެވޭނެތީ ސްޕްރީމްކޯޓް ހުއްޓުމަކަށް އައީ ކަމަށް ބެލެވެން ނެތް. އަދި ދުސްތޫރީ ނުވޭ.
ގުނައިދު ޝަރީފް
14 May 2025
އެއޮތީ ފަނޑިޔާރުން ވަކިކޮށް އުކާލާފަ. ދެންތިބޭ މަޑުމަޑުން ނޫނިއްޔަ ތިކިޔާ ފަނޑިޔާރުންގެ މަޖިލިސްވެސް އުވާލަފާނެ.
low000
14 May 2025
ވަގަށް ނަގާ ފައިސާއާ ރަށްތަކާ ހޯދަން ފުންނާބު މަތި low ޔަރުން މިަވަރަށް އުޅޭނަމަ މިތަ ހުރިހާ ކަމެއް ހުންނާނީ ހައްލުވެފައި
ސްޓަންޓް މޭން
14 May 2025
ތިޔަ އުޅޭ ސިޔާސީ އެއްވެސް ބައެއްގެ އިހްލާސްތެރިކަމާ ދޭތެރޭ ދިވެހިރައްްޔިތެއްގެ ހައިސިއްޔަތުން މަށެއް އިތުބާރެއް ނުކުރަން. ވަކި ޕާޓީއެއް ކިޔާނެކަމެއް ނެތް. މަ ނުކުރަން އިތުބާރެއް. ސުޕްރީމް ކޯޓާ ނުކުޅޭ ވެރިކަމެއް ދައްކަބަލަ! އެބަޔަކު ތާއީދުކުރާ ބަޔަކު ނުވަތަ ތިމާމެން ކުރަންވީ ހަމަ އޯކޭ. ހަމަ އެކަން އެހެން ބަޔަކު ކުރީމާ ގޯސް. މީ މެންދުރުގެ އިރު ފަދައިން ރައްޔިތުންނަށް ފެންނަން އޮތް ހަގީގަތެއް. އިހްލާސްތެރިކަމާ ދޭތެރޭ ހަމަ ނެތް އެއްވެސް އިތުބާރެއް!