ލިވަޕޫލް އެފްސީގެ ޓީމުން ރާއްޖެ އައުމުން ވިޒިޓް މޯލްޑީވްސް ޓީމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި -- ފޮޓޯ: އެމްއެމްޕީއާރްސީ
20 މެއި 2025 - 15:02
އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ ސީނިއާ ޓީމުގެ ވަފުދެއް ރާއްޖެ އަތުވެއްޖެ އެވެ.
އެ ވަފުދު ރާއްޖެ މި އައީ ލިވަޕޫލްގެ "ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރު" ގެ ހައިސިއްޔަތުން ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް އެމްއެމްޕީއާރުސީއާ ގުޅިގެން ފަށާފައިވާތީ އެ ކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެ ކުންފުނިން މިއަދު ބުނީ، ޓީމުގެ ވަފުދުގައި އިސްކޮށް ހުންނެވީ އެ ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލް އާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓާ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވޮލޮޕްމެންޓް އެލެކްސް ފްރޭޒާ ކަމަށެވެ.
މި ވަފުދުގެ މި ދަތުރަކީ "ވިޒިޓް މޯލްޑިވްސް" ގެ ސްޓްރެޓިޖިކް ޕާޓްނާޝިޕް ތަރައްގީ ކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެމްއެމްޕީއާރްސީން ބުނިގޮތުގައި، މި ދަތުރުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިންނާ އެކު މުހިންމު ބައްދަލުވުންތަކެއް ބާއްވާނެ އެވެ.
ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެ އަށް ޒިޔާރަތް ކުރުމަށް އިތުރު ޓޫރިސްޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.
އެމްއެމްޕީއާރުސީން ބުނީ، އަންނަ އޮގަސްޓު މަހު ފަށާ އާ ސީޒަނާ ދިމާކޮށް ވެސް ގިނަ ހަރަކާތްތަކެއް ތާވަލް ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ލިވަޕޫލްގެ ކުޅުންތެރިން ހިމެނޭ ކޮންޓެންޓާއި ބައިނަލްއަގްވާމީ މުހިންމު ކެމްޕެއިނެއް އަންނަ މަހު ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ލިވަޕޫލްގެ ބޮޑު ފޭންބޭސް އެއް އޮންނަ އިނގިރޭސި ވިލާތާއި ޖަރުމަނާއި މެދުއިރުމަތިފަދަ އަގުބޮޑު މާކެޓުތަކަށް އަމާޒުކޮށްގެން ކުރަމުން އަންނަ މަސައްކަތުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހަރުދަނާ ވެގެން ދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާރިޓްޒް
20 May 2025
ބުނެބަލަ ވާރިޓުޒު ގެނެސްބަލާޝޭ ޓީމަށް. ޓްރެންޓް ގެ މޫނު ޖަހާފަ އިން ފޮޓޯ ތައް ވެސް ބަދަލުކުރަން ޖެހޭ
ދިއްދޫމީހާ
20 May 2025
އެބޭފުޅުން އަރިހުގައި ދަންނަވާލުން ވަރަށް ރަނގަޅު ތިޔަ ދަތުރުގައި ރާއްޖޭގައި އުޅޭ ކާޅު އަދި ވާލުގެ ތަފާސް ހިސާބެއް ނެެރެދިނުމަށް އެއީ އަލަށް ރާއްޖެ އަންނަ ބޭފުޅުންނަ ފަސޭހަވާނެ އެކަން ކޮއްލަން..
ޕެލެސް
20 May 2025
ފުޓްބޯޅަ ކުޅެން އޮތް ދެ ދަނޑު ފުނޑިފަ އޮތަސް ތިކަން ކުރާތި.ލާރިވެސް އޮންނާނެ ބޯކޮށް ތިކަންކުރަން
ޗޫޤީ
20 May 2025
އެއައީ ޓްރާންސްފާ ވިންޑޯ ހުޅުވެންވާއިރަށް މިކޮޅުގައި ތިބި ކުޅުންތެރިން ލިވަޕޫލަށް ގެންދަން ޑީލް ހަދަން.