ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް މި ލުއި ނުދޭނެ.
ވާނުވާ ބަންދަށް ހައްލެއް ހޯދަން ބޭއްވި ކޮންޕަރެންސްގައި ހޯމް މިނިސްޓަރު އަދި ޕީޖީ: ބޮޑެތި ތުހުމަތުތައްވާ މީހުންނަށް ލުއި ނުދޭނެ
29 މެއި 2025 - 10:49
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ތެރެއިން މޮނިޓަރިން ޓެގް އެޅުވުމަށް ފަހު، ދެ މީހަކު ބަންދުން ދޫކޮށްލާފައިވާ ކަމަށާއި އެކަމަކު ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހުންނަށް އެ ލުއިތައް ނުދޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުން ނޫނީ ވާނުވާ ބަންދުގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާއަށް ހައްލު ހޯދުމުގެ ގޮތުން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއިދޭން އިއްޔެ ވަނީ ފަށައިފަ އެވެ.
އޭގެ ތަފުސީލާ އެކު، ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިލެކްޓްރޯނިކް ޓެގް އެޅުމުގެ ނިޒާމުގެ ތެރެއިން ބަންދަށް ލުއިދޭ މީހުން ކަނޑައަޅަމުން ގެންދަނީ އެ މީހުން މޮނިޓާ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށް ކަމަށެވެ.
އެސެސްމަންޓުތައް ޕީޖީ އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
އެގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ދެ މީހެއްގެ ބަންދަށް، މޮނިޓަރިން ނިޒާމުގެ ތެރެއިން އިއްޔެ ލުއިދީފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އިތުރު ފަސް މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.
ޕީޖީ އޮފީހުގެ ބަޔާނުގައި ބުނީ، އެ މަސައްކަތުގެ ތެރެއިން ބަންދަށް ލުއި ދޭނީ އިލެކްޓްރޯނިކް މޮނިޓަރިން ޓެގް އެޅުވުމުން، އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ. އެ ނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަކަށް ހަމަޖެހިފައެއް ނުވާ ކަމަށް ވެސް ބުންޏެވެ.
އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދޭން އަދި ހަމަޖެހިފައެއް ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށް ވުރެ އިތުރަށް މީހުން ބަންދު ކޮށްފައިވާއިރު، މި މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުގެ އަމާޒަކީ، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ހައްލެއް ގެނައުން ކަމަށް ބަޔާނުގައި ބުންޏެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ތެރެއިން ބަޔަކު މޮނިޓަރިން ޓެގް އެޅުވުމަށް ފަހު، މުޖުތަމައުގެ ތެރެއަށް ދޫކޮށްލަން ފެށުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ، ޒަމާންވީ އެ މައްސަލަ އަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ މީހުންގެ ބަންދަށް ލުއިތަކެއް ދޭނެ ކަމަށެވެ.
އެ މަނިކުފާނު ކުރިން ވިދާޅުވެފައިވާ ގޮތުގައި ވާނުވާ ބަންދުގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ހައްލަކީ މައްސަލަ ބަލައި ނިންމުން އަވަސް ކުރުމެވެ. އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންގްރޫވް
30 May 2025
ޓެގު އެޅުވީމަ އެމީހުން ހުދުކާފޫރަށް ވާނެތަ؟ ވެރިޔަކު ކުރާނެ އެންމެ ފީކަޅާ އެއްކަންތައް ކުރަން ވެރިމީހާ އެނިންމީ ޝެއިޙު ބުނެގެން. ރާއްޖެތެރޭ ރަށެއްގެ ސްކޫލް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތު ބައެއް މީހުންނަށް ކުރެވޭކަމަށް މީގެކުރީގެ ހަބަރަކުން ފެނުނު ހަނދާނެއްވޭ! އެވަރު ބަޔަކު ޓެގާއި ތަވީދު އަޅާފަ ދޫކޮށްލަން ތިޔަ އުޅެނީ.ހެޔޮނުވާނެ އިނގޭތޯ
ގަޑިބު
29 May 2025
ކިހާވަރަކުން ދާނެބާ. ރުވާފަދޫކޮށްލާ ދުންޏެއްހެންގޮސް މީހެއްގެ ދުވަސްދުއްވާނުލައިފިއްޔާ ކަލާކޯ!
އަބްޑޫޅް +
29 May 2025
ޙޫމް. ނުވަ އަހަރުގެ އަންހެން ކުދީންނަށް ޖިންސީ ގޯނާ ކޮށް، އެ ކުދީންނާއި ކައިވެނި ކުރިކަމުގައި ބުނުމަށްފަހު، ޖިމާއުވާ، ފިރިހެނުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ ނިޒާނެއް އޮވޭތް؟
ބާބީ
29 May 2025
ހަސަތޭކަ މީހުންގެ ތެރެއިން އެއްފަހަރާ ތި ދޫކޮއްލީ ހާދަބަޔެކޭ. ވައުދު ފުއްދުނީ.
ވާނުވާ.
29 May 2025
ދެން ވީ އެއްނު އެދެމީހުން ބަހައްޓައިހެން ހަވާ އަރުވަން!
ހައްޖަ.
29 May 2025
މިހާރު ވެސް ފަތިހު ނިކުންނަން ބިރުގަނޭ ބަލިކުދިން ގިނަކަމުން.އަދި އިތުރުކުދިން ދޫކުރީމަ ވަނީ ކިހިނެއް؟
ބާލީ
29 May 2025
މި ފަހުން ގެއިން ވައްކަން ކޮށްގެން ވަގު ގޮވާގެން ޕޮލިހަށް ދިޔާމަ ބުނީ ތިއީ ޓީބީ ޖެހިފަ އިން މީހެކޭ ނެޓޭ ޖަލައް ފޮނުވޭކައް އެހެންކިޔާފަ ދޫކޮށްލީ. އެކަމަކު އޭނަގެ ވަރަށް ކުށުގެ ރިކޯޑުވެސް އެބަހުއްޓޭ. ޕޮލިހުން ބުނީ އެމީހުންގެ ނެތޭ އެއްވެސް ބާރެއް ކީއްހޭ ކުރާނީ މިއީ މި ގައުމުގެ ހާލަތު
ފޯކަސް
29 May 2025
މައުލޫމާތު ހާމަނުކުރީކީއްވެ. ފޮޓޯ ކޮބާ؟
ކުޑަ ވަކީލު
29 May 2025
ކޯޓުތަކުން މައްސަލަ ނުހިންގަނީ ޖާގަ ނެތިގެންތޯ، މުވައްޒަފުން ނެތިގެންތޯ، ފަނޑިޔާރުން މަދުވެގެންތޯ، ތިބި މުވައްޒަފުންނަށް މަސައްކަތް ނުކުރެވޭތީތޯ، ފަނޑިޔާރުން މަސައްކަތް ނުކުރާތީތޯ، ކޮފީ ބޯން ހޭދަކުރާ ވަގުތު ގިނަވާތީތޯ، މުސާރަ ކުޑަވެގެންތޯ، އަދާކުރަންޖެހޭ ޒިންމާގެ ބޮޑުކަން ނޭންގޭތީތޯ، ލިބޭނެ އެހެން މަންފާއެއްގެ އިންތިޒާރުގައިތޯ މިއީ ބަލަންޖެހޭ ކަންކަން. ޖަލުން ބަޔަކު ނެރުނަސް އަސްލު މައްސަލައިގެ ހައްލެއް ނުލިބޭނެ
ކުޑަ ވަކީލު
29 May 2025
ހައްލު ބޭނުންވަނީ ޖަލުގެ ޖާގައަކަށް ނޫން. ހައްލަކީ ޝަރީއަތް އަވަސްވެ ކުށްވެރިވާކަން ނޫނީ މައުސޫމު މީހެއްކަން އަވަހަށް ކަނޑައެޅުން. ޖަލުން ބޭރަށް ނުކުމެވުނަސް ޝަރީއަތް ނުނިމި ވާނުވާގައި ހުންނަންޖެހުމަކީ ކުޑަކަމެއް ނޫން. ދިރިއުޅުމައިގެން ކުރިއަށް ނުދެވި ބޮލުތެރޭ އެކަން އެނބުރި ހުރުމަކީ މީހާ ވާނުވާއަށް ދާނެކަމެއް. ހައްލުކުރަންވީ ކޯޓުތަކުގެ ސްޕީޑް. ޝަރީއަތް އަވަހަށް ނުހިންގާ ތިބޭ މީހުންގެ މައްސަލަ ބަލަންވީ. ހައްލަކީ ކޯޓުތަކަށް ގެންނަންޖެހޭ ހައްލު