ލޯޔަރު އަލީ ހުސެއިން.
29 މެއި 2025 - 16:24
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން ކަނޑައަޅާފައިވާ 4،000 މީހުންނަކީ އެ ފްލެޓްތަކުގެ ހައްގުވެރިން ކަމަށާއި އެ އެއްބަސްވުން އުވާލެވޭނީ ކޯޓަށް ގޮސްގެން ކަމަށް ގަނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ 4،000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނޮވެމްބަރު 4، 2023 ގައި އާންމުކޮށްފަ އެވެ. އެ އެންމެންނާ އެކު ނޮވެމްބަރު 15، 2023 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ފްލެޓްގެ އެއްބަސްވުން ހަދައިފަ އެވެ.
އެކަމަކު އޭރުގެ ސަރުކާރުން ފްލެޓް ދިނީ ހައްގުވެރިންނަށް ނޫން ކަމަށް ބުނެ އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން އޭރު ވަނީ ފްލެޓް ހަވާލުކުރުން މަޑުޖައްސާލަން ހައުސިން މިނިސްޓްރީ އަށް އަންގައިފަ އެވެ.
އޭސީސީގެ ތަހުގީގުތަކަށް ފަހު،އެ ކޮމިޝަނުން ބުނެފައި ވަނީ އެ ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުން ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށެވެ. އެހެންވެ، އަލުން ކޮމިޓީއެއް ހަދައިގެން ފްލެޓުގެ ހައްގުވެރިން ހޯދިއިރު ޝަރުތު ހަމަވަނީ 1،820 މީހުންނެވެ.
އެ މައްސަލާގައި ހައުސިން މައްސަލަތަކާ ގުޅިގެން ވަކާލާތު ކުރާ "ފަހި ޔޫނިއަން" ގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަލީ ހުސެއިން ވިދާޅުވީ އޭރު ހަދާފައިވާ އުސޫލުގެ ހަ ވަނަ ނަމްބަރުގައި ވަނީ ފްލެޓް ލިބޭ ފަރާތަށް ފްލެޓް ރަސްމީކޮށް ހަވާލުކުރާނީ އެ ސްކީމުން ހިންގާ ފަރާތުން ކަނޑައަޅާ ފަރާތަކާ ފްލެޓް ލިބޭ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
އެހެންވެ، އެ އެއްބަސްވުން ހަދާފައިވަނިކޮށް އުވާނުލެވޭނެ ކަމަށް ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ، މި ސަރުކާރުން ވެސް ބުނަމުން ދަނީ ފްލެޓް ދިނުމުގައި އަމަލުކޮށްފައި ވަނީ އެ އުސޫލަށް ބިނާކޮށް ކަމަށެވެ.
"އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވާ އެންމެ މުހިއްމު ޕޮއިންޓަކީ މި މުއާމަލާތަކީ ހަގީގަތުގައި ނިމިފައިވާ އޮތް މުއާމަލާތެކޭ. 4،000 ފްލެޓް އެ ވަނީ 4،000 ނުވަތަ 4،000 ފަރާތަށް ހަވާލުކުރެވި ނިމިފައޭ. އެއީ އުސޫލުގައި ބުނާ ގޮތަށް އެގްރީމެންޓް ކުރާ ހިސާބުން ފްލެޓް އެ އޮތީ ހަވާލުކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވި ގޮތުގައި ފްލެޓްގެ މުއާމަލާތް މިހާރު އޮތީ ނިމިފަ އެވެ.
"ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ވެސް އެއް ފަރާތަކުން އޮފާއެއް ކުރުމަށް ފަހު އަނެއް ފަރާތަކުން އެ އޮފާ ގަބޫލުކުރުމަށް ފަހު އިޖާބާ ގަބޫލު ހިންގުމަށް ފަހު، އެ ހިސާބުން އެ އޮތީ ހަގީގަތުގައި އެ އޮތީ އެގްރީމަންޓެއް އުފަންވެފައި."
އަލީ ހުސައިން ވިދާޅުވީ އެގްރީމެންޓުގައި ސޮއިކުރުމާ އެކު، ބައެއްގެ ހައްގެއް އެ އޮތީ އުފެދިފަ އެވެ. އެ ހައްގަކީ އެމީހުންނަށް ދޭންޖެހޭ ފްލެޓް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވާއިރަކު އެއްބަސްވުން އުވާލުމުގެ ބާރެއް ނުލިބެ އެވެ. ދެ ފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމެއް އުވާލެވޭނީ ކޯޓަށް ގޮސްގެން ކަމަށާއި އެކަމަކު ސަރުކާރުން އެކަން ކުރީ އެއްބަސްވުން އުވާނުލާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
"ސަރުކާރުން ބޭނުންވީމަ އެގްރީމަންޓް ނިއުޅާއެއް ނުލެވޭނެ. އެއީ ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްބުމެއް. އެއީ ދެ ފަރާތުގެ ދެމެދުގައިވާ އަހުދެއް. އެއް ބައިވެރިއަކު ބޭނުންވީމަ އެގްރީމަންޓް ރޫޅާ ނުލެވޭނެ. ދަންނަވަން މިއުޅޭ ވާހަކައަކީ ފްލެޓް އެ އޮތީ ގާނޫނީ ގޮތުން ފްލެޓް ހަވާލުކޮށްފައި." އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން އަނބުރާ ފްލެޓް އަތުލެވޭނީ ކޯޓުގެ ތިން މަރުހަލާ ނިންމައިގެން. އެ ނޫން ގޮތަކަށް ފްލެޓް އަތުނުލެވޭނެ."
އޭނާ ވިދާޅުވީ މިއަދުވެސް އެ ފްލެޓްތަކުގެ ހައްގުވެރިންނަކީ ކުރީ ސަރުކާރުން އެކުލަވާލި ދާއިމީ ލިސްޓުގައި ހިމެނޭ 4،000 މީހުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނާރީ
30 May 2025
4000ފުލެޓަކީ މިގައުމުގަ ގެދޮރުނެތް ރައްޔިތުންގެ މަސްލަހަތާ ގުޅޭ މައްސަލައެއް. ބޭނުންވާ ބަޔަކަށް ދީ ގެދޮރު ހުރިމީހުނަށް ބައިއެޅެންޖެހޭ ފުލެޓްތަކެއްނޫން . އެމީހަކު އެޅި ފުލެޓަކަށް ވީތީ އޭ ކިޔާ އެބައެއްގެ އައުވާނުން ނަށް ނަގަން ޖެހޭނެ އެއްޗެއްވެސް ނޫން . ސަރުކާރުން ނިއްމަން ޖެހޭނީ މަސްލަހަތަށް ވުރެ ބޮޑަށް އަދުލުވެރިކަމާ އިންސާފަށް.
ޢަބްލޯ
30 May 2025
ރަނގަޚު ވާހަކައެއް ތިބުނީ. ބަދަލުކުރާނަމަ ހިޔާފުލެޓު ލިބިގެން މާލެބަދަލުވީ މީހުންގެ ފުލެޓުވެސް އަތުލަންވާނެއެވެ.
މާކުންބެއްޔާ
30 May 2025
ދެ ދުވަސްތެރޭ ކޮމްޕިއުޓަރ ޖެނެރޭޓެޑް އެގްރީމެންޓުތައް ހުރީ އެއްފަރާތުން ސޮއިކޮށްފަ. ފެށުމުމުގައި ބާތިލް އެއްޗެއް، ޝަރުތުފުރިހަމަ ނުވާ މީހުންގެ އެގްރިމެންޓެއް ނެތް ފެށުމުގައިވެސް ބާތިލް. ކޮބާ 2018 ގައި ދައުލަތުގެ ސިއްކަ ޖަހައިދިން ފްލެޓްތައް އޭގެ ހައްގުވެރިންގެ ހައްގުތައް ކޮބާ؟
ލަޠީ
30 May 2025
ޢަލީ އާއި ޖަމީލް އަދި މަލީޙަށް ރަނގަޅު ސަރުކާރެއް ރަނގަޅު ކަމެއް ކުރާ ބަޔަކު ނާންނާނެ. އެއީ އެމީހުންގެ ކަށީގަ އަށަގެންފައިވާ ބައްޔެއް. ޤާނޫނުވެސް މާ ބޮޑަށް ދަންނަނީ. ޙައްޤުތައްވެސް އެހާބޮޑަށް އެނގެނީ. ތި ޢަލީވެސް މަޖިލީހުގައި 10 އަހަރު އުޅެފައި މިފަހަރު ނުހޮވުނީމާ ދެން ގޯސްތައް ބޯކޮށް އެފެންނަނީޔޯ..
ޕްލޭން އޭ
30 May 2025
ފްލެޓްގެ ހައްގުވެރިންނަން ދިން ފްލެޓްތަކުގެ 70% އެހެރީ ކުއްޔައްދީފައި އެތަން ދިން މީހުން ދައުލަތަށް ދައްކަން ޖެހޭފައިސާ ނުދައްކާ
ވާހިދުބެ
30 May 2025
އެބުނާހެން ފުރަތަމަ އެއެއްޗެހި އަތުލާށެވެ
ދަރުމަ
30 May 2025
ޢަލީ ޙުސޭނުއަށް މި ފެންނަނީ އެންމެ ފަރާތެއްގެ ޙައްޤުތައް. ދަލުބޭރުން ސިޔާސީކޮޅު ގަދަކުރަން ފުލެޓްތައް ބަހާލި ގޮތުން ޙައްޤުތައް ގެއްލުނު މީހުންގެ ވާހަކަތައް ކޮބާ؟ އެމީހުންގެ ޙައްޤެއް ނެތީތޯ؟ މައްސަލައިގެ އަސްލަށް ނުބަލައި، ނާޖާއިޒްކޮށް ނެރެފައިވާ ނަތީޖާއަށް އެކަނި ބަލައިގެން، ތިފަދަ އެއް ލޯ ހުޅުވޭ ސިޔާސީ މަރުމޯލުންނަށް "ޙައްޤެއް" ނުފެންނާނެ!!! މިއީ ވަރަށް ވާހަކަ.
އަހަންމާކަލޯ
30 May 2025
ވަރަށް ރަނގަޅު ވާހަކައެއް އެހެން ސަރުކާރަކުން ބަލާނެ ގޮތަކަށް ބާލާނެ ވަރަކަށް ބަލާފަ ނެރެފައި އޮތް ލިސްޓެއް ދެން ސަރިއަތުން ނޫން ގޮތަކަށް ބާތިލެއް ނުކުރެވޭއެވެ. ނޯ ބޮޑީ އިޒް އަބައުދަ ލޯ ނޮޓް އީވަން ދި ޕްރެސިޑެންޓް. އެކަމަކު އަނެއްކާ ގާޒީން ކޮޅެއްގެ ގޮނޑިކޮޅު ދާން ތިއުޅެނީ
އިލަ
30 May 2025
އެކުވެރި އަލީ ހުސޭނެވެ.. ތިމާއަށް އެކަނި މާބޮޑަށް ގާނޫނު އެނގުނީމާ ލިބޭނީ މީހުންގެ ނަފުރަތެވެ. މިތަނުގައި ހުރި ކޮމެންޓުތަކުން އެކަން ވަރަށް ސާފެވެ. ވަރަށް ސަލާމް...
އާމިނަތު ދައްތަ
30 May 2025
ވަކީލު ކަމަކީ ތާއީދު ހޯދަން ކުރާކަމެއްނޫން. ހުރިހާކަމެއް ތާއީދު ހޯދަން ދައްކައިގެން ދެއިރު އެކައްޗެއް ނުކިޔޭނެ
އަބޫ އިބްރާހިމް
30 May 2025
އަސާސީ ސަރުތު ހަމަ ނުވެ ދީފަ އޮތިއްޔާ އަތުލެވޭނެ ކޯރޓަށް ދާން ޖެހޭނި ނުހައްގުން ހޯދި މީހަ ސުވާލު އުފެދޭ ޕޮއިންޓަކަށް ވެއްޖިއްޔާ ރައްޔިތު މީހާ ފަހަތުން ނުދުވެ ދައުލަތުން ދޫކޮއްލުން ރަނގަޅު މެންދުރު އަލީގަ ކުރާ ވައްކަން ދޫކޮއްގެން ނުވާނެ
ޢެޑްމުންޑޯ
30 May 2025
ކަލޯ ތިބުނާ 4000 މީހުންގެތެރޭ ފްލެޓާއި ބިންވެސް ލިބިފައި ތިބި މީހުން އެބަތިބި ، މީހާދަ ގަމާރު ވާހަކަ ދައްކާ ސޮރެކޭދޯ