01 ޖޫން 2025 - 19:04
މުޅި މާލެއިންނާއި ހުޅުމާލެ އިން އެއްކޮށް މިއަދު މެންދުރު 12:40 ހާއިރުން ފެށިގެން ފަސް ގަޑިއެއްހާއިރު ވަންދެން ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފި އެވެ.
މިއަދުގެ އިރުއޮއްސި 6:30 ވާން އުޅެނިކޮށް މާލެ އާއި ހުޅުމާލޭގެ ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ފޯރުކޮށްދޭން ސްޓެލްކޯ އިން ފެށި ފަހުން ފުލުހުން "އެކްސް" ގައި ބުނީ، ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުކޮށް، އާންމު ހާލަތަށް ރުޖޫއަ ވެވެންދެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ "ހާއްސަ މަސައްކަތްތައް" ކުރިއަށް ގެންދާނެ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވައިދޭ ގްރިޑުގެ ކަނެކްޝަނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑުމާ އެކު ފުލުހުން ވަނީ އެކަން ހިނގި ގޮތް ބެލުމުގެ ތަހުގީގެއް ފަށާފައިވާކަން ވެސް އިއުލާންކޮށްފަ އެވެ.
ހައްޖުގެ އަޅުކަމަށް މި ވަގުތު ސައޫދީގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރާއްޖޭގެ ވެރިރަށް މާލެ އިން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލަން ކަމާގުޅޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ސްޓެލްކޯ އިން ބުނެފައި ވަނީ މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ފޯރުކޮށްދޭ ގްރިޑްގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ފެންނަން ނެތް ކަމަށެވެ.
ވިލިމާލެ ފިޔަވައި މާލެ ސަރަހައްދުގެ ވަރަށް ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތް ކެނޑުމާ ގުޅިގެން ހަވީރު ބޭއްވި މީޑިއާ ބްރީފިންއެއްގައި ސްޓެލްކޯގެ އޮފިޝަލުން ވިދާޅުވީ، މިހާތަނަށް ބެލިއިރުގައި "ބޮޑު އިކުއިޕްމަންޓެއް" ހަލާކުވެ އަދި "ބޮޑު ޓްރާންސްފޯމަރެއް" ގެ މައްސަލަ ވެސް ޖެހިފައި ނެތް ކަމަށެވެ.
"މެއިން އެއްވެސް ނެޓްވޯކެއްގެ މޭޖާ އެއްވެސް ކޮމްޕޯނަންޓެއްގެ މައްސަލައެއް ޖެހިފައެއް ނެތް،" ސްޓެލްކޯގެ އޮފިޝަލުން ވިދާޅުވި އެވެ.
އެ ބޭފުޅުން ވިދާޅުވީ، ހަގީގީ މައްސަލަ ދަނެގެވޭނީ ހުރިހާ ސިސްޓަމްތައް އެނަޖައިޒް ކުރުމަށް ފަހު ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެނީ ކަރަންޓު އަލުން ދޭން ކަަމަށެވެ. މުޅި ސިސްޓަމް އެނަޖައިޒް ކުރަން ވެސް ވަގުތު ނަގާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު
02 June 2025
ދެން ކީއްވެ އެހާ ގިނައިރަަށް ކަރަންޓް ދިޔައީ. ތިތަތަނުގަ ތިބި ބަޔަކު ކަރަންޓް އެކީ ކެބޑޭ ގޮތަށް އަމަލުކުރީ ކީއްވެ. އިތުބާރު ދަމހައްޓަވަން މިކަމަށް ރަނގަޅު ޖަވާބެއް ދިނުން މުހިއްމު
އައްބެ
01 June 2025
ސިސްޓަމް ހެކްކޮށްގެން ބަޔަކު ކުރިކަމަކާ ވައްތަރު
ނެތޭވެވޭކަށް
01 June 2025
ދެން ހަމަ ކަނޑާލީ ދޯ ތިބެތިބެފަ
ޑެބީ
01 June 2025
ފުލުހުންނަށް މަގުމަތީ ވެހިކަލް ދުއްވުންނޫންކަމެއް ނުވާނެ.
ޓުރޫ ސުޓޯރީ
01 June 2025
ކަރަންޓު ބަގާވާތް ކުރީ.
އެންމެން ހެޕީ
01 June 2025
ފުލުހުންނޭ......މާތް ރަސްކަލާންގެ އާއި ވަކީލް