ރައީސް އިބޫ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ އެކު: ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު
26 ޖޫން 2025 - 14:33
މިއަދު 20 އަހަރު ފުރުނު އެމްޑީޕީ ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އިބޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ އަކީ ހިތްވަރާއި އިސްލާހާއި އަދި ތަހުޒީބީ ހިޔާލާ އެކު ރާއްޖެއަށް ޑިމޮކްރަސީ ތައާރަފް ކުރުމުގެ ފަހުރުވެރި ޕާޓީ ކަމަށެވެ. އަދި އިންސާނީ ހައްގުތަކާއި ސިޔާސީ މިނިވަންކަމާއި ވެރިކަމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބާރުވެރި ކުރުމުގެ ފުރުސަތު ފަހިކޮށްދިން ޕާޓީ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭން އަޅުގަނޑުމެން 20 އަހަރު ކުރިން ފެށި މި ދަތުރު އަދި ނުނިމޭ. ކުރަން ހުރި ކަންކަން ބައިވަރު، ޚުދުމުހުތާރު ގޮށްމުށްތަކުގެ ދަށަށް ގައުމު އަނބުރާ ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީން ކުރިއަށްދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި،" އިބޫ ވިދާޅުވި އެވެ.
އެމްޑީޕީ ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް އިބޫ ވިދާޅުވި މި ދަނޑިވަޅު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. އެ މަނިކުފާނު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.
ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް އިއްޔެ ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ޕާޓީ އޮންނާނީ ގަދަކޮށް އެކުގައި ކަމަށް ފައްޔާޒު ވެސް ވަނީ ވިދާޅުވެފަ އެވެ. އެތެރޭގެ ވާދަވެރިކަމުގެ ސަބަބުން ކުރިން ޕާޓީގެ ތެރޭގައި ހިނގައިދިޔަ ކަންކަން ދެން ތަކުރާރުނުވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުނުއިރު، އެ ޕާޓީގެ ޓިކެޓްގައި ފުރަތަމަ ރައީސްކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެ އަހަރަށް ފަހު މިދިޔަ ހޯމަ ދުވަހު ޕާޓީއާ އަލުން ވަނީ ގުޅިވަޑައިގެންފަ އެވެ. އެ މަނިކުފާނު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، އޭރުގެ ރައީސް އިބޫ މެދު އުފެދުނު ސިޔާސީ އަރައިރުންތަކުގެ ސަބަބުންނެވެ. އެ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް އިބޫ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެކުގައި މަސައްކަތްކުރަން އެ މަނިކުފާނު ދައުވަތު ވެސް ދެއްވާފައިވެ އެވެ.
އިބޫއަށް މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ މި ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަ ނުކުރެއްވިޔަސް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަކަރޭ
27 June 2025
ޥަކިވާ ބަޔަކު ވަކިވާނެ ރޫޅާ ބަޔަކު ރޫޅާނެ ނުރޫޅިގެން އުޅޭ ބަޔަކު އުބައްޖަހާނެ ރޫޅައެއް ނުލެވުނުތާ ދ ބިދުނީ އެހެންނު
ސަރީރާ
27 June 2025
ދޭތިން އެކަތިގަޑެއްގެ ގޮތުގައި ދެއްތޯ!
ޑރ ވާންޗޯ
26 June 2025
ކުރިޔަށޭ!!!!. ދެފަހަރަށް ގިއަބޮކްސް ފުނޑިފަތިހިރީ އަދިވެސް ކުރިޔަށް ޖެހޭތަ؟
ޢަލިއ
26 June 2025
އެމްޑީޕީއޭ ބުނީމަވެސް ބޮލުގަރިއްސާ، މިމީހުން މިޤައުމު ހަލާކުގެ ތެރެއަށް ވައްޓާލާފަ ދެން ކޮން މޮޅުވާހަކައެއް، އެނގޭ ލަނޑަޔާ ވާނީ ލަނޑަޔާކަން އެއްބަޔަކު އަނެއްބަޔަކަށް ގޮވިހައި އެއްޗެހި ހަނދާންނެތިއްޖެ ހީވާން އުޅެނީ ކޮންމެވެސް އެއްކޮޅެއްގެ ބަދަލުހިފުމެއްހެން ކުޅިބަލަން ތިބެމާ!
ޮޙިތުން ހިތުން
26 June 2025
އެކަތި ގަނޑަކަށްވާން ކައިރިވީމާ މިތިބަ މީހުން ވަރަށް މޭ ކަރުވާނެ
ކަނބިލި
26 June 2025
އެމްޑީޕީ ވެސް ދީނީ ގައުމީ ވިސްނުން ކުރިއަށް ނެރެ މޯލްޑިވްސް ފަރސްޓް ސިޔާސަތު ގެންގުޅުން ރަނގަޅުވާގނެ. މެދުމިނުގެ ދީނީ ސިޔާސަތު ކުރިއަށް ނެރެ ދޮން މީހުން ކުޑަތާ ކަނލާގެއަކަށް ހަދައިގެން، އެވެރިންގެ ފަރާތުން ހެވަތެއް ލިބޭނެ ކަމަށް ބަލައިގެން، އެވެރިންގެ އެޖެންޑާ ރާއްޖޭގައި ޕްރޮމޯޓްކުރުމުގެ ވިސްނުން ދޫކޮށްލާ. ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމާއި ސިޔާދަތާއި އަމިއްލަ ވަންތަ ކަމަށް އިސްކަންދީ. އޭރުން ރައްޔިތުންގެ އިތުބާރު އިތުރުވާނެ
ހާމިރު
26 June 2025
20 ވީމަ ތިޔަ ޕާޓީ އުވާލަންވީ ދެން. ކަމުދާ ޕާޓީއެއްނޫން. މުޅިން ފިތުނަ އޮތީ
ގެދާނޯމޮސް
26 June 2025
ތީ މިހާރު ވަކިފިކުރެއްގެ ވިސްނުމަށް ގައުމާއި ދިވެހި އަދަކާދަޔާ ދީންވެސް އޮބިއަޅުވަމުން ދާ ޕާޓީއެއްކަން ތިޕާޓީގެ ތާރީޚުން ހެކިދެއެވެ!
ދަރުވާލުން
26 June 2025
ކަލޭގެ 120 ބިލިއަނުން ދަރުވާލީ
ހާމު
26 June 2025
އެހެންވެ ޖަލުސާއްވެސް ނައީ