އުތުރު ތިލަފަޅު ޔޫނިއަނުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ގާނޫނީ ވަކީލު އަލީ ހުސައިނާ އެކު، އެ ޔޫނިއަންގެ އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.
29 ޖޫން 2025 - 13:33
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯތި ދިނުމަށް އުތުރު ތިލަފަޅު ހިއްކި ނަމަވެސް މި ސަރުކާރުން އެ ތަނުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް އިއުލާނު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އުތުރު ތިލަފަޅު ޔޫނިއަނުން މިއަދު ބުނެފި އެވެ.
މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނާއި ދަފްތަރުގައި ޖެހުނުތާ 20 އަހަރު ފުރިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމުގެ މަޝްރޫއުއަށް ކުރިމަތިލާން މިދިޔަ ސަރުކާރުން ހުޅުވައިލުމުން 19،000 އަށް ވުރެ ގިނަ މީހުން އެ އަށް ކުރިމަތިލި އެވެ.
އޭގެ ތެރެއިން އުތުރު ތިލަފަޅުގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް 251 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ. އެ ތަނުން 5،000 ގޯތި ދޭން އޭރު އޮތީ ނިންމައިފަ އެވެ.
އެކަމަކު ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)އެއް ގާއިމްކުރުމަށް، އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ވަނީ މިދިޔަ އަހަރުގެ މާޗު 28 ގައި ސޮއިކޮށްފަ އެވެ.
އެކަމާ ގުޅިގެން އުތުރު ތިލަފަޅު ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ އެ ރަށުން ގޯއްޗާއި ފްލެޓް ދިނުން ފިޔަވައި އިތުރު ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
300 ކުދިންގެ ރިހެބިލިޓޭޓް ކުރަން 19،000 އާއިލާއެއްގެ އުއްމީދު ކީއްކުރަންހޭ އަޅުގަނޑުމެން ގެއްލުންވާލަންވީ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އުތުރު ތިލަފަޅުގައި އަޅަން ޖެހޭނީ ސެންޓްރަލް ޖަލެއް ނޫން. އެ ތަނުގައި އަޅަން ޖެހޭނީ ހޯޕް އައިލެންޑެއް ނޫން،"--- އަލީ ހުސައިން
އޭނާ ތަކުރާރު ކުރެއްވީ މި ސަރުކާރުގެ ކެމްޕެއިނު ދުވަސްވަރާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ގޯތި އަތުނުލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމެވެ.
އަލީ ހުސެއިން ވިދާޅުވިގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށާއި އިގްތިސާދު ސިންދަފާތުކުރުމަށާއި އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ކަމަށް ބުނެ ފެށި އެ މަޝްރޫއުއާ މެދު ކަންބޮޑުވާ ކަމަށެވެ. އުތުރު ތިލަފަޅުގެ 100 ހެކްޓަރުގެ ބިމުގައި ގްރީން ހައުސް ހަދައި ބާކީ 100 ހެކްޓަރުގައި ފަލަމަޑީގެ ބާވަތްތައް އިންދާނެ ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެތައް ހާސް ބަޔަކު ބޯހިޔާވަހިކަމުގެ އުއްމީދުގައި ތިއްބައި އެކަން ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މި ސަރަހައްދަށް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
"19،000 އެތައް ބަޔަކު ގޯތި ހޯދުމުގެ އުއްމީދުގައި ތިއްބާ ދަނޑުވެރިކަމަށް އުތުރު ތިލަފަޅު ހާއްސަކުރެވިގެން ދިޔައީމަ އެއީ ރައްޔިތުންގެ ކަންބޮޑުވުން އައި ކަމެއް. އެއީ މި ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން. ބޯހިޔާވަހިކަމުގެ މައްސަލަައަށް ދާއިމީ ހައްލެއް ހޯދޭނީ ގޯތި ލިބިގެން،" އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދަނޑުވެރިިކަމުގެ ޕްރޮގްރާމު ފުށިދިއްގަރަށް ބަދަލުކުރާ ކަމަށް ސަރުކާރުން ފަހުން ބުނެފައިވާ ކަމަށާއި އުތުރު ތިލަފަޅަށް ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު ބަދަލުކުރާ ވާހަކަ ވެސް ދެއްކެވިފައިވާ ކަމަށެވެ.
"300 ކުދިންގެ ރިހެބިލިޓޭޓް ކުރަން 19،000 އާއިލާއެއްގެ އުއްމީދު ކީއްކުރަންހޭ އަޅުގަނޑުމެން ގެއްލުންވާލަންވީ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އުތުރު ތިލަފަޅުގައި އަޅަން ޖެހޭނީ ސެންޓްރަލް ޖަލެއް ނޫން. އެ ތަނުގައި އަޅަން ޖެހޭނީ ހޯޕް އައިލެންޑެއް ނޫން،" އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މީހުން ރިހެބިލިޓޭޓް ކުރަން ޖެހޭނީ ރަށެއްގައި އެކަހެރިކޮށްގެން ނޫނެވެ. އެއީ މުޖުތަމައާ ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާން ސަރ
29 June 2025
ހިލޭ ގޯތި ބެހުމާއި ދެކޮޅަަށް ވާހަކަދެއްކި ތިޔަ އަލީ ހުސޭން މީގެކުރިން އިބޫވެރިކަމުގެ ފަހުކޮޅު. އިބޫ ބާލަން ދެއްކި ބަހަނާ ތަކުތެރޭ ހިލޭ މާލެ ސަރަހައްދުން ގޯތި ދިނުން ހިމެނޭ. މިއަދު މި ވަކާލާތު ކުރަނީ އެގޯތިތައް ނުދީގެން. މީ ކީ ޖޯކެއްނު!! އަލީހުސޭނު އަށް ކަމަކު ނުދާނެ އެއްވެސް ވެރިކަމެއް. ވެރިކަން ނުލިބިގެން ތެޅޭ މަދު މީހުންތެރޭ ދެކޮޅަށް ވާހަކަދައްކާ ކުފޫ ހަމަނުވާ މީހެއް މީ މިހާރު. މަ ކުރިން ހީކުރީ މީ ރަނގަޅު ސޮރެއްކަމައް. ކާޅަކަށް މިވީ.
އަފްރާސިޔާބު
29 June 2025
ރަނގަޅު ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ފެށީ ކާމިޔާބު ވެއްޖެއްޔާ. މަށަށް ހީވަނީ ހަމަ ނަމުން ބިޔަ މަޝްރޫއެއް ހެން. ކުރެވޭތޯބަލާބަލަ. ކީއްކުރަން ދެކޮޅުވާންވީ.
މުރާސިލް
29 June 2025
ޢަލީ ހުސައިން މީ ކިހިނެތްވެގެން ކޮން ކަމެއް ނުވެގެން އުޅޭ ބޭފުޅެއްތޯއެވެ. އަލީ ހުސައިން ތިހަ ހުންނެވީ ހަމަ ހޭގައިތޯ އަހާލަން ބޭނުންވެއެވެ. ތިޔަ އުޅެނީ ރައްޔިތުން ގުނބޯހައްދަން ފުން ފަޅުތަކުން ގޯތި ކަނޑާފައިދިން، އެމްޑީޕީން ނޫން ބަޔަކު ވެރިކަމުގައި ތިބީމައި އެކަން ބަލައިނުގަނެވިގެން ހެއްޔެވެ؟!
ގުދުގުދާބެއްޔާ
29 June 2025
މިއަލީ ހުސޭނު މިއީ މާލޭ މީހުންނަށް ގޯތި ދޭތީ ކޯޓައް ދިޔަމީހެއް! މިހާރު މިކިޔަނީ އެހެންލަވައެއް!
ޑރ ވާންޗޯ
29 June 2025
ކަލޯ ތީ ސިޔާސީމީހުން، ބޮޑުކަންނެއްޔައްވުރެ ދަހިކޮށް ބޭނޭނެ. އެންމެބޮޑު ފައިސާބޮނޑިއަކުން ފިލިކޮށްލިފަރާތަކަށް ވަގުތުން އެނބުރޭނެ.
މުޑަހަންޖާ
29 June 2025
ދުނިޔޭގެ އެހެންތަންތާ ދަނޑުވެރިކަން ކުރަނީ ބިންއޮންނަ ހިސާބުހިސާބުގަ، ރާއްޖޭގައި ބިންހުސްވެގެން ތޯއްޗެ ދަނޑުވެރިކަންވެސް ކުރަންޖެހިފަ މިއޮތީ ބިމުގެއަގު އަކަފޫޓަކަށް 10 ހާސް ޖެހޭހިސާބުގަނޑެއްގައި ކަނޑުހިއްކައިގެން އަދި ނުވިތާކަށް އެތައްސަތޭކަ މިލިއަނަކަށް ކަނޑުހުރަސްކޮށް ބުރިޖެއް އަޅައިގެން. ދެން މިރުހެއް ވިއްކޭނީ ކިހާވަރަކަށްތޯ.
ނަފާ
29 June 2025
ކުރީސަރުކާރުން ކޮއްފައިވާ ކަމަކަށްވާތީ މިސަރުކާރުން ބިމާއި ފުލެޓު ދޭނެހެން ހީނުވޭ އަސްލު އުތުރު ތލަފަޅުން ބިންދެންޖެހޭ ނުނީ އަގު އެޔޮކޮން ވިއްކަންވިއެވެ
ވަހީދުގެ
29 June 2025
އާއްމު ރަށްޔިތުންނަށް ކަނޑުފަޅުން ބިން ދީފައި، މިމީހުންގެ ޢާއިލާތަކަށް ހުޅުމާލެއިން ބިން ނަގައިގެން އެތަންތަން 15 މިލިޔަނުން 20 މިލިޔަނުން ވިއްކާގެން މަހުޖަނުންނަށް ވެފަ އެތިބީ. ކޮބާ އަދުލުއިންސާފު، ކޮބާ ލަދު.
ގސފދސގަހދ
29 June 2025
ވަކި ޢާއިލާތަކަށް ޖެހިޖެހިގެން ހުރި ބިންތައް ބަހާލި މައްސަލާގައި ރައީސް ސާލިހުއަށް ދައުވާ ކުރަން ޖެހޭ.
ހައިދަރު
29 June 2025
ކުރީ ސަރުކާރުގެ ގުޅިފަޅުން މާލޭ ރައްޔިތުންނަށް ގޯތިތައް ދިނީމަ އެކަން ނުކުރެވޭނެއޭ ކިޔާފަ އެންމެ ގަދަޔަށް އަޑުގަދަ ކުރި އެކަކު އަލީ ހުސައިން އަކީ. މިއަދު މިކިޔަނީ ކުރިން ދިންވަރަށް ވުރެ ގިނައިން ގޯތި ބަހާލާށޭ. ސިޔާސީ ގޮތުން ދެކޮޅުވެރި ވިޔަސް މިއީ ދެން ބޮޑުވަރު. މިކަހަލަ ފިތުނަވެރި ކަންތަކާ އަބަދު އުޅޭތީ އަލީ ހުސައިންމެން ކަހަލަ ބޭފުޅުންނަށް މިއަދު ރައްޔިތުން ތާއީދު ނުކުރަނީ.
އަޅި އަލީ
29 June 2025
ގެސްޓް ހައުސްއެއް އަޅަން ނޫނީ ގުދަނެއް އަޅަން ގުޅިފަޅުން ގޯތި ނުލިބިގެން ތިޔަ އުޅެނީ! މަމެން މިއުޅެނީ ވަންނާނެ ގެ ގަނޑެއް ބޯހިޔާވަހިކަމެއް ނުލުބިގެން!