"ޓީމޫ" އިން ވިޔަފާރިކުރަން އެކަނިވެސް މަހަކު ހަތް މިލިއަން ޑޮލަރު މިހާރު ދޫކުރަން ޖެހޭ
ބޭންކް އޮފް މޯލްޑިވްސްގެ ކާޑަކުން ޕީއޯއެސް މެޝިނެއް ބޭނުންކޮށްގެން ފައިސާ ކަނޑަނީ.-- ފޮޓޯ: ބީއެމްއެލް
30 ޖޫން 2025 - 17:40
ގައުމީ ބޭންކް، ބީއެމްއެލުގެ ކާޑުތަކުން ބޭރުން ކުރާ ވިޔަފާރިތަކަށް މަހަކު 45 މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ހަމަޖައްސައިދޭން މިހާރު ޖެހޭ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުން ކުރާ ބޭރުގެ ވިޔަފާރިތަކަށް ސަޕޯޓުގެ ގޮތުގައި މިހާރު ވެސް ކޮންމެ މަހަކު އެ ބޭންކުން 45 މިލިއަން ޑޮލަރު ދޫކުރާ ކަމަށެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިގެ ޓްރާންސެކްޝަންތައް ކަމަށް ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ބުންޏެވެ.
އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، އޮންލައިންކޮށް ވިޔަފާރިކުރަން ގާތްގަނޑަކަށް ދުވަލަކަށް 17.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.
އެ 75 ޕަސެންޓުގެ ތިންބައި ކުޅަ އެއްބައި ހޭދަކުރަނީ އެ ބޭންކުން މިއަދު އިއުލާނުކުރި ހަ މާޗެންޓަށް ކަމަށް ބުންޏެވެ. އެއީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ.
ދިވެހިންގެ މެދުގައި މިހާރު މަގުބޫލު ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް "ޓީމޫ" އިން ވިޔަފާރިކުރަން އެކަނިވެސް މަހަކު ހަތް މިލިއަން ޑޮލަރު މިހާރު ދޫކުރަން ޖެހޭ ކަމަށާއި އެ ޕްލެޓްފޯމުން ގެންނަ ގިނަ އެއްޗެހި ބޭނުންކުރަނީ ވެސް ވިޔަފާރިގެ ބޭނުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.
"މިއަދު މި ބަދަލުތައް ގެނެވުނީ މުޅި މުޖުތަމައުގެ ބޭނުންތައް ހަމަހަމަ އުސޫލަކުން އިންތިޒާމުކުރުމަށް އިސްކަންދިނުމުގެ ގޮތުން،" ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް ކަނޑާއަޅާފައި އޮންނަ މަހު ލިމިޓް މާދަމާއިން ފެށިގެން 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރަން ވަނީ ނިންމައިފަ އެވެ.
ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ވިޔަފާރިކުރާ ނަމަ ކޮންމެ ޓްރާންސެކްޝަނަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ.
އެކަމަކު، އެ ބޭންކުން ބުނީ، ޓިކެޓް ނެގުމަށާއި ހޮޓެލް ބުކިން ހެދުމަށާއި ސަބްސްކްރިޕްޝަން ކަހަލަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ފީއެއް ނުނަގާނެ ކަމަށެވެ. ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ ވެސް ފީ ނެގުން ނުހިމެނޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުނުކޮށް ކަމަށެވެ.
އެކަމަކު، ރާއްޖޭން ބޭރަށް ނުދާ މީހުންގެ ކާޑުތައް ބޭނުންކޮށްގެން ވެސް ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގަމުންދާ ކަމަށާއި އެހެންވެ މާދަމާއިން ފެށިގެން ބޭރުގެ އޭޓީއެމްތަކުން މަހަކަށް ނެގޭނީ 125 ޑޮލަރު ކަމަށާއި 10 ޑޮލަރުގެ ފީއެއް ވެސް ނަގާނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރާ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައި ދިނުމަށެވެ. ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާ ހަމައަށް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅުސޮރު
01 July 2025
ޖަޒުބާތުގެ ނުވަތަ އަހަރެން ބޭނުންވާ ގޮތް ނުވުނުން ރުޅި އަންނަންޏާ އަންނަންވީ އެވެ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދު އޮތް ހާލަތުން މިކަމަކީ ހަމަ ރަނގަޅު ކަމެކެވެ.ކީއްވެކަން ތަފްސީލުކޮން ނުލިޔެވުނަސް އިޤްތިޞާދީ ކަންކަން ކުޑަކޮށްވެސް އޮޅުން ފިލާފަ ހުރި މީހަކުނަމަ މިކަމާ ދެކޮޅު ނުހަދާ އެވެ.
ފަގީރު
01 July 2025
ހީވާ ކަހަލަ އޮންލައިން ވިޔަފާރި އޮންނަނީ މި ގައުމުގަ އެކަނިހެން. 10/- އަށް ލިބޭ އެތި 300 އަށް ފިހާރަވެރިންނަށް ނުވިއްކެނީއޯ.
ހަމީދު ކޑ
01 July 2025
ވާހަކަ ރަނގަޅު، މިކަން ބޮއްސުންލައިގެން ފައިވަނީ މިހާރު، ޕޯސްޓް އޮފީސް ފުރިފަ، ފްރީޝިޕިންގ ލިބިފަ، ޑިޔުޓީ ދައްކަން ނުޖެހީ މުދާ އެރެކުރެވުނީމަ، ހައްޓަކު ހެއެއް ނެތް، މީގަ ރާއްޖޭގައި އުޅޭ ބިދޭސީން ، (ތައިލެންޑް، ފިލިޕީންސް) މީޙުންވެސް ވިޔަފާރިއަށްވަދެ ވިޔަފާރިކުރަނީ. އިޤްޠޮސާދު ހަލާކުވަނީ. ނބޭންކުގެ ބޭނުނަމޚި މިކުޅިވަރު ހުއްޓުން. ރާއްޖޭގައި ޑޮލަރު މީ މިހާރު ތަދު ބޭހެއް، މިކަން މައިތިރިނުކޮށްފިނަމަ އެންމެ ކުރާ ކަމަކީ ތެމޫގޭމް ކުޅުމަށް ވެދާނެ
ޚުރާސް
01 July 2025
30% ނަގަނީ ބަޔެއް ސައިޓްތަކުން ކުރާވިޔަފާރިން. އެހެނަސް 500 ޑޮލަރު ލިބުނީމަ ރަގަޅު. ކޮންމެހެން ނަގުދު ފައިސާ ބޭރު އޭޓީ އެމް ތަކުން ނަގާކަށް ނުޖެހޭ.
ކަހީނުގެ ޗައްކަރު
01 July 2025
45 މިލިއަނުގެ %75 އަކީ 33,750,000 މިލިއަން ބޮލަކަށް 250 ޑޮލަރުން ދިނީމަ އެއީ 135,000 ރައްޔިތުން ނުވަތަ ކާޑު. މި 135,000 ބޮލަށް 500 ޑޮލަރު ދިނީ އޯކޭ. 500 ޑޮލަރުގެ %30 އަކީ 150 ޑޮލަރު ބެންކު ފީ. 135،000 ބޮލަކަށް 150 ޑޮލަރު އެވީ 20,250,000 މިލިއަން ޑޮލަރު. މީގެ 4 މަސް ގުނަކޮށްލާ. މީ އެބުނާ 1 ބިލިއަނުގެ ލޯނު ދައްކާ ގޮތް. ރިސޯޓްތަކުން ލިބުނު ޑޮލަރުން ވިޔަފާރި ކުރީ ރައްޔިތުން ލައްވާ ލޯނު ދެއްކުމަށް. ރައްޔިތުން ފެލާލީ.
ސީމު
01 July 2025
އިންޓަނެޓު ކަނޑާލަ ބަލަ އޭރުން އޮންލައިން ވިޔަފާރިތައް ހުއްޓިދާނެ
ސުހާގު
01 July 2025
ދުނިޔެ ތަރައްގީ ވިޔަކަސް މީމިހުން މިއުޅެނީ 80 ގަ
ސާހިލު
01 July 2025
އިންޓަނެޓުވެސް ވިޔަފާރިވެރިންނައްޓަކާ ކަނޑާލަދީ
ކޮންކަހަލަ ބޭންކެއް
01 July 2025
ދެންރައްޔިތުން ކުރާހުރިހާކަމެއް ހުއްޓުވަންވީ؟
ޑޮލަރުބޭ
01 July 2025
ވީމާ ޑޮލަރުގެ ހަމަ އަގަކީ 20.60 ވަރަށް ސަލާމް