ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: އާ ޓާމިނަލް ހުޅުވުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
20 ޖުލައި 2025 - 13:40
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ހަރަކާތްތައް މާލެ ސަރަހައްދުގައި ބާއްވާ ވަގުތާ ދިމާކޮށް ދޮޅުގަޑިއިރަށް އެ އެއާޕޯޓުގެ ވައިގެ ސަރަހައްދު ބަންދުކުރަން ނިންމައިފި އެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ލަމްއާން "މިހާރު" އަށް މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ވީއައިއޭގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އާ ޓާމިނަލް ހުޅުވުމަށް ހޮނިހިރު ދުވަހުގެ ރޭ މާލެ ސަރަހައްދުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަމްއާން ވިދާޅުވީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ހަރަކާތްތައް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ސްކްރީން ބަހައްޓައިގެން ބަލައިލެވޭނެ އިންތިޒާމު މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަދި އައްޑޫގައި ވެސް ހަމަޖައްސާނެ ކަމަށެވެ. މާލެއިން އެއާޕޯޓް ފެންނަ ސަރަހައްދު، ސީހައުސް އިން ފެށިގެން ކާނިވާ ސަރަހައްދާ ދެމެދުގައި ހުންނަ ކެފޭތަކުން މި ރަސްމިއްޔާތު ބެލޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކެފޭތަކުން އަޅުގަނޑުމެން އިންތިޒާމުކުރާ ބުފޭ ލިބޭނެ. ވަކި ކުއެންޓިޓީއަކަށް ހުންނާނެ ބުފޭ ހަމަޖައްސާފައި،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކާއި އައްޑޫގައި ވެސް އެ ރޭ ހާއްސަ ޝޯއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި ހިޔާ ފްލެޓް ސަރަހައްދުގައި ވެސް ސްކްރީނެއް ބަހައްޓައިގެން މި ރަސްމިއްޔާތު ދައްކާނެ އެވެ.
ލަމްއާން ވިދާޅުވި އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ ގަޑީގައި ދަތުރުކުރާ ފަސިންޖަރުންނަށް ހާއްސަ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.
"އެ ގަޑީގައި ފުރަން އަންނަ މީހުން ޕޮލިސް ޗެކް ޕޯސްޓާ ހިސާބުން އަޅުގަނޑުމެންގެ ވެހިކަލްއަކަށް ޓްރާންސްފާ ކޮށްގެން ޓާމިނަލަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައި. އާންމު އުޅަނދުތަކަށް އެ ވަގުތު އެއާޕޯޓަށް ނުވަދޭނެ،" އޭނާ ވިދާޅުވި އެވެ.
"[ރޭގަނޑު] 8:30 އިން 10:00 އަށް އެއީ ނޯ-އެއާ ޓައިމް [ވައިގެދަތުރުތައް މެދުކަނޑާލާ ވަގުތު]. އެއާލައިންތަކުން އެ ކަންކަން ހަމަޖައްސާނެ."
ލަމްއާން ވިދާޅުވި ގޮތުގައި، ވައިގެ ސަރަހައްދު ދޮޅުގަޑިއިރަށް ބަންދުކުރި ނަމަވެސް، ފްލައިޓްތަކުގެ ޗެކިން މެދުކަނޑާނުލައި ކުރިއަށް ގެންދާނެ އެވެ. އަދި އެ ރޭ 7:00 އިން ފެށިގެން ޗެކިން ވުމަށް ދާ ފަސިންޖަރުން ޕޮލިސް ޗެކް ޕޯސްޓާ ހިސާބުން ޓާމިނަލަށް ގެންދާނީ އެމްއޭސީއެލްގެ ވެހިކަލްތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އާންމުންނަށް ފުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނަން،" އޭނާ ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ދިވެހި ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. ފަސިންޖަރުންގެ ޓާމިނަލް 78،000 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
ޕްރޮޖެކްޓަށް ގެނައި ބަދަލުތަކާ އެކު، މި ޓާމިނަލަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހަރަދުކުރި ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް އަންނަ ހޮނިހިރު ދުވަހު ހުޅުވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ.
އެ ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު ދޭން ވެސް އެމްއޭސީއެލުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާސިރު
20 July 2025
ޝުކުރިއްޔާ ، ރައީސް ޔާމީން.. ރައްޔިތުން ދެކެމުން އައި ހުވަފެންތަކުގެ ތެރެއިން ހުވަފެނެއް ހަޤީގަތަކަށް ހެއްދެވީތީ. މީ ހަމަ މަނިކުފާނުގެ ދުރުވިސްނުން ފުޅާއި، ކުރި ބުރަ މަސައްކަތުގެ ނަތީޖާ. ބަޔަކު ޤަބޫލުކުރިއަސް ނުކުރިއަސް، ތީހަމަ ރައީސް ޔާމީންގެ މަސައްކަތް. ކުރެޑިޓެއް ނުނެގޭނެ އެހެން ބަޔަކަށް. ސާބަހޭ ރައީސް ޔާމީން. ތަރަށްްޤީގެ ބާނީ އަށް ފަށްފަށުން ޝުކުރު.
މޮޔަވެދާނޭ
20 July 2025
"ކެފޭތަކުން އަޅުގަނޑުމެން އިންތިޒާމުކުރާ ބުފޭ ލިބޭނެ. ވަކި ކުއެންޓިޓީއަކަށް ހުންނާނެ ބުފޭ ހަމަޖައްސާފައި،" އޭނާ ވިދާޅުވި އެވެ. އަޅެފަހެ ލާރިއަށް ކުރާނެ ކަމެއް ނޭގިގެންތަ މިއުޅެނީ،؟ މިއީ ބަޔަކަށް ނާޖާއިޒު ފައިދާ ހޯދާ ދިނުމަށް ނުވާނެތޯ، ވަކި ބަޔަކަށް ލާރިދޭންތަ ނޫނީ ވަކި ބަޔަކު ލާރި ނަގަންވެގެން ކުރާ ކަމެއްތޯ ސުވާލު އުފެދޭ މިހާރު، ފިނޭންސް މިނިސްޓަރާއި ޕީސީބީ އާއި އޭސީސީ ނިދާފަބާ.
ތެފައާސާ.
20 July 2025
މުޅި ރަސްމިއްޔާތުގެ ތެރެއިންވެސް ރައީސްގެ މޫނުފުޅު ޖައްވާއި ފަޒާގެ ތެރެއިން ދައްކާލަނީ ކޮންގަޑިއެއްގައިކަން އަންގާލަދެއްވާ އޭރަށް މުޅި ރަސްމިއްޔާތު ނުބެލުނަސް ސީދާ އެވަގުތުކޮޅު ބަލަން ބޭނުންވެފައިތިބި ގިނައަދަދެއްގެ ރައްޔިތުންނަށް ފަސޭހަވާނެ. ޝުކުރިއްޔާ!
ޕޯޓް
20 July 2025
ތިޔަ ކަމަށް ކިތައް މިލިޔަންތޯ ތަޅާ ބުރުއްސާލަނީ؟ އެއީ އެނގެން ބޭނުންވާ ކަމެއް
ތަމަންނާ
20 July 2025
ތި ބުފޭ އަކުންވެސް މަމެންނަށް ނުލިބޭނެ އެކައްޗެއްވެސް
އަމާ
20 July 2025
މުޅި ގައުމު ވެސް ބަންދު ކުރަން ވާނެ
ބުޖުމްބުރާ
20 July 2025
ބަޔަކަށް މިއޮތީ ގިމަތައެއް ހެދިފަ.
ްަސަސް
20 July 2025
ހެދި މީހުނެއް ނޫން، އެއީ ހުޅުވާ ގްރޫޕް.