ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް، މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. ގާސިމް ވަނީ ސިފައިންނާއި ފުލުހުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 މާޗް 2017 - 23:30
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްގައި މަސީހާއި ދެކޮޅަށް ވޯޓްދެއްވާ މެމްބަރުން އިތުރު ދައުރަކަށް ހޮވައިދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތައް ގުޅިގެން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ޓިކެޓް ދީ އެ މެންބަރުން ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި އެ ޕާޓީތަކަކީ ޖުމްހޫރީ ޕާޓީގެ އިތުރުން، ޕީޕީއެމް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ.
"މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން އިތުރު ދައުރަކަށް އިންތިހާބު ކޮށްދިނުމަށް މަސައްކަތް ކުރާނަން، ހުރިހާ ގޮތަކުން އެހީތެރިވެދޭނަން،" ވިލާ ގްރޫޕްގެ ޗެއާމަން ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް މާދަމާ ނެގުމަށް ހަމަޖެހިފައިވާ ވޯޓަކީ އަދުލު އިންސާފު ގާއިމުކޮށް، ހަމަޖެހުން ގާއިމުކުރަން ދެވޭ ވޯޓެއް ކަމަށާއި ގައުމުގެ މުސްތަގުބަލަށްޓަކައި މަސީހު "ބޭރު ކުރަން" ޖެހޭ ކަމަށެވެ. އަދި މަސީހުގެ ވޯޓު ނާކާމިޔާބު ވެއްޖެ ނަމަ، އެކަމާ ހިތާމަކޮށް، އެތައް ބަޔަކު ކުށްވެރި ކުރަން މަސައްކަތް ކުރާ ތަން ފެންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރު ކުރުމަށް މެމްބަރުން ވޯޓު ދެއްވާނީ "ހޫނު ފެނަށް އެރެން ބޭނުންވާ ނަމަ" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު އިންޒާރު ދެއްވުމާ ގުޅިގެން އެކަމަށް ގާސިމް ވަނީ ފާޑު ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ބިރެއް ނުގަނޭ، ހޫނު ފެނަކަށް ނުލެވޭނެ، އެ ދުވަސް މާޒީވެ ގޮސްފި، އެއޮއް ދަނީ ގާދޫ ކޮލުން، (މާލެ/ހުޅުލެ) ބްރިޖުގެ ނުބެނދި އިން ތަންކޮޅުން ލާފައި ދެމިގެން ގޮސްފި،" ގާސިމް ވިދާޅުވި އެވެ.
މަސީހު މަގާމުން ވަކި ކުރުމަށް ފަހު، މެންބަރުންނަށް ބިރު ދައްކައި އަދުލު އިންސާފުން ބޭރުން ހުކުމެއް ވެސް ނުކުރެވޭނެ ކަމަށާއި ސިފައިންނާއި ފުލުހުން ނެރެ، މީހުން ހައްޔަރު ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ފުލުހުންނާއި ސިފައިންނަކީ "ގަމާރުން ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުގެ ވިސްނުމެއް ފުލުހުންނާއި ސިފައިންގެ ނެތެވެ. ސަލާމަތީ ބާރުތަކަކީ ވަކި ބަޔަކު ހިމާޔަތް ކުރަން ތިބި ބައެއް ނޫން ކަމަށާއި، އެ ފަރާތްތަކުން ހިމާޔަތް ކުރާނީ ގައުމުގެ މަސްލަހާތާއި އަމާންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަނިޔާއެއް ވެސް ނުކުރެއްވޭނެ، ހިފައި ހައްޔަރެއް ވެސް ނުކުރެއްވޭނެ، އެ ގޮތަކަށް އަމުރު މައުރޫފް ހިންގައިގެން މަޖިލިސް މެމްބަރުން އަޅުވެއްޗެއް ނުކުރެވޭނެ، ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒެއް ވެސް ނުފޯރުވޭނެ،" ޖޯޝާއި ފޯރީގައި ހުންނެވި ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުނބުރި
27 March 2017
ޔާމީން އަށް ވޯޓެއް ނުދޭނަން.... އެއްގޮތަކަށްވެސް ރަނގަޅު ސޮރެއްނޫން.....
ބުރިޖް
27 March 2017
ބުރިޖަށް ވޯޓު ދޭން ތިބީ މާލެ މީހުންނާ ހުޅުމާލެ މީހުން. މިތަނުން ބުރިޖަކީ މާލެގާ ދިރި ޢުޅޭ މީހުނަށް އެހާ މުހިއްމު ކަމކަށް ނުވާނެ. މާލޭގެ ގިނަ މީހުން ތާއީދު ކުރަނީ އެމްޑީޕީ އަށް އހެންވީމާ ޔާމީން އަށް ބުރިޖް އިން ވޯޓު ލިބުމަކީ ވަރަށް ދުރު ކަމެއް. 2018 ގައި އެހެން ހުރިހާ ޕާޓީތަކާ ދެކޮޅަށް ޔާމީން އަށް ކާމިޔާބު ވުމަކީ ވަރަށް ދުރު ކަމެއް. އެހެންވީމާ މިއަދު ވޯޓު އިދިކޮޅު މީހުންނށް ކަމިޔާބު ނުވުމުން މަޖްލިސް އިންތިޚާބަށް މިހާރު މެމްބަރުން ހޮވެން ދަތިވާނެ
މުއްތު
27 March 2017
ސާބަހޭ ޤާސިމްބޭ
ވިލޭއަލި
27 March 2017
ދައްކާ ވާހަކައިގާ ތެދެއް ނެތް. ތިޔަހާ އުރައްޕަތެއް ހުރިމީހަކު ބުނާނީ ތިޔަ ހެނެއް ނޫން.
ކޮކީ
27 March 2017
ކަތިވަޅި ގެއްލިއްޖެ މަރިޔަބުވެސް ގެއްލެނީ ދަނޑުވެސް ގެއްލިއްޖެ އަދިވެސް ހުއްޓާކަށް ނުވޭތަ ތީ ބޮޑުވަރު ގާސިމް ،،،
މުއްލާ
27 March 2017
ސާބަހޭ ގާސިމް ، ތިގޮތުގައި ހުންނަވާތި އިރާދަކުރެއްވިއްޔާ 2018 ގައި ޔާމީނަށް ރަގަޅު ފިލާވަޅެއް ދޭންމިތިބީ ތައްޔާރަށް
ޚާދިމް
27 March 2017
މިފަދަ ފިތުނަވެރި ވާހަކައެއްގެ ތެރެއިން ބުރިޖޭ ކިޔަން ގާސިމް ލަދެއް ނުގަނޭތަ؟ ތި ގްރޫޕްގެ ކެތްތެރިކަން ކޮޅުންލައިގެން ތިއުޅެނީ ރައީސް ޔާމީން ގެ ކާމިޔާބް ބްރިޖް ޕްރޮޖެކްޓް އަކާ ހެދި ނޫންތަ؟
ބަލަންވީ
27 March 2017
މަސީހާ ދެކޮޅަށް ވޯޓު ދީ، އިތުރު ދައުރަކަށް ހޮވައި ދޭނަން. މީ މަގާމާއި ނުފޫޒުގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރުން ނޫން ދެން ކޮން ކަމެއްތޯއެވެ. މަމެން ކިޔެވި ދުނގެތި ވަލު ފޮތް ތައް ބުނާ ގޮތުން ނަމަ މިފެތެނީ ކޮންފްލިކްޓް އޮފް އިންޓަރެސްޓް އަށެވެ. އެހެން ކަމަށްވާނަމަ މިކަމާއި މެދު ފިޔަވަޅު ނޭޅެންވީ ސަބަބެއް ނެތެވެ. މިކަން އެބަޖެހޭ ބެލެން.
އަލީ
27 March 2017
އެ ހުށަހެޅީ ރިޝްވަތު
ޕޮގުބާ
27 March 2017
ގާސިމްގެ އަތުއިސާރާތުންވެސް އެބައެގެ މުޅިދުނި ބޭނުންކަން
މުގައްރިރު
27 March 2017
މާފުކުރައްވާ. އަޅުގަނޑު މިހުންނަނީ މަޖިލިހަށް ކުރިމަތިލާން ތައްޔާރަށް. ތިކަލަހަ އެއްޗެހި ވިދާޅުވަންޏާ ބައެއްމީހުންގެ ހައްގުތަކަށް އެރޭނެހެން ހީވޭ. އެހެންނޫނަސް ވަކިކަމަކަށް މީހަކު ބުނެގެން ވޯޓްދޭ މެމްބަރުން ތިބޭތީ މިތަނަށް ސުލްހަމަސަލަސްކަން ނުލިބިގެން މިއުޅެނީ. އަދިވެސް އެކަން ޕްރޮމޯޓް ކުރަންވީ؟ ވިސްނަވާ ތިވިދާޅުވެވޭ އެއްޗަކަށް. އެންމެންގެ ހައްގެއް.