ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ފުލުސް އޮފީހަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.
މިރޭ 8:30 ގައި ޕޮލިހަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު، 12:00 ޖެހިފަހުން ނިކުމެވަޑައިގެން ގާސިމް ވިދާޅުވީ އޭނާގެ މައްޗަށް ތަހުގީގެއް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުﷲ މަސީހު ވަކިކުރަން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެންބަރުން އިތުރު ދައުރަކަށް ހޮވަން އިނާޔަތްތަކެއް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު، އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ޓިކެޓް ދީ އެ މެންބަރުން ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި އެ ޕާޓީތަކަކީ ޖުމްހޫރީ ޕާޓީގެ އިތުރުން، ޕީޕީއެމް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ.
ގާސިމް ވިދާޅުވީ އެއީ އެމަނިކުފާނުގެ ޕާޓީއާ ގުޅިގެން މަސައްކަތްކުރާ ޕާޓީތަކުގެ މެންބަރުންނަށް ނިސްބަތްކުރައްވާ ދައްކަވާފައިވާ ވާހަކައެއް ކަމަށާއި އެކަމަކު އެ ވާހަކަ އެކި މީހުންނަށް އެކި ގޮތަށް މާނަކުރެވިދާނެ ކަމަށެވެ.
"ސިޔާސީ ގޮތުން ކަންތައްތަކެއް ހަޖަމުނުވެގެން އުޅޭ ބަޔަކު ކޮށްގެން އުޅޭ ކަންތައްތަކެއް. އަޅުގަނޑުމެން އަޑުއެހިން ދެއްތޯ ހޫނުފެން އަޅާ ވާހަކައާއި އަޅުގަނޑުމެން އަޑުއެހިން ދެއްތޯ ހިތިރަހަ ލައްވާލާނެ ވާހަކަ އާއި އަދި އެނޫން ވާހަކަތައް ވެސް. އަޅުގަނޑުމެން ނޫޅެން އެކަމަކާއެއް. ދެން ކޮންމެއަކަސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއީ ސިޔާސީ ބޮޑު ކުޅިގަނޑެއްގެ ތެރެއިން ހިނގާ ކަމެކޭ. އެނޫން އެނެއްްހެން އެއްވެސް ކަމެއް އޮތް ކަމަކަށް ނުދެކެން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެއީ މީހަކު ހުށަހަޅާފައި އޮތް މައްސަލައަކާ ގުޅިގެން ހިންގި ތަހުގީގެއް ކަމަށާއި ތަހުގީގު ބަޔާނުގައި މިރޭ ސޮއި ވެސް ކުރައްވާފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ ތަހުގީގު ކުރިއަށް ދިޔައީ އެކުވެރި މާހައުލެއްގައި ކަމަށާއި ފުލުހުންގެ ފަރާތުން ފެނުނު ކަންކަމާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ފުލުހުން އަދާކުރީ ގާނޫނީ ޒިންމާ ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި މިއީ އޭނާ ބިރު ގަންނަވަން ހިންގި ތަހުގީގެއް ކަމަށް ބުންޏަސް ސިޔާސީ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް އޭނާ ބިރުނުގަންނާނެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. ސިޔާސީ ކަންކަމުގައި އުޅޭއިރު "އެކަހަލަ ހުރިހާ ރާޅެއް ވެސް އަންނާނެ" ކަމަށާއި އިދިކޮޅު ފަރާތްތަކުން ފަށާފައިވާ އިސްލާހީ މަސައްކަތަށް މިކަމުން އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
"ސިޔާސީ މަސްރަހުގައި އުޅޭއިރު މިކަހަލަ ރާޅުރާޅާއި ބާނިގަޑާ ވެސް ދިމާވާނެ. އެކިގޮތްގޮތަށް އަންނާނެ ނޫންތޯ ނުއަތުރޯޅި އާއި ރަނގަޅު ރޯޅި އާއި ހުރިހާ ފަރާތަކާ ވެސް ދިމާވާނެ. އެއީކީ ދެން މައްސަލައެއް ނޫނެއް ނޫންތޯ،" ވަރަށް ހަމަޖެހި ވަޑައިގެން ހުންނަވައި، ސަމާސާ ރާގެއްގައި ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމުގެ އުންމީދު އެބަ އޮތެވެ.
ގާސިމްގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ ގާސިމްގެ މައްޗަށް ކުރާ ތުހުމަތުގެ ތަހުގީގު މިރޭ ނިންމާލާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ދެން ޕޮލިހަށް ހާޒިރުވެ ވަޑައިގަންނަވަން ނުޖެހޭނެ ކަމަށް ފުލުހުން ބުނި ކަމަށް ވަހީދު ވިދާޅުވި އެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ފުލުހުންނަށް ފޮނުއްވަމުން ގާސިމް ވަނީ ފުލުހުންގެ މަސައްކަތަށް ތައުރީފުކުރައްވައިފަ އެވެ.
ގާސިމް ޕޮލިހަށް ހާޒިރުކުރި އިރު ގާސިމާ އެކު، މިހާރު އިދިކޮޅު ހަރަކާތުގައި އުޅުއްވާ ބައެއް ބޭފުޅުން ވަޑައިގަތެވެ.