ޚަބަރު / މެޓް

މިރެއިން ފެށިގެން ކަނޑުތައް ގަދަވާނެ، މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި!

ކަނޑުގަދަ ދުވަހެއްގައި އެމްޓީސީސީގެ ވިލިމާލެ ފެރީ ދޯންޏެއް ދަތުރުކުރަނީ: މިރެއިން ފެށިގެން ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި.-- ފޮޓޯ: މިހާރު

13 އޮކްޓޯބަރ 2025 - 20:45

ރާއްޖޭގެ ކަނޑުތައް މިރެއިން ފެށިގެން ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، މޫސުމަށް ހާއްސަ ސަމާލުކަމެއް ދޭން އާންމުންނަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވުމާ އެކު، ކަނޑުތައް ގަދަވެ، ވިއްސާރަ ކުރުމުގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ވެސް ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާތީ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދޭ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުން މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް މޫސުން ގޯސްވާނެ އެވެ.

ފުލުހުން ބުނީ، ކަނޑުދަތުރުކުރާ މީހުން މެޓް އޮފީހުން ނެރޭ މޫސުމީ އިންޒާރުތަކަށް ހާއްސަ ސަމާލުކަމެއް ދީ، އެ ކަންކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

• ކަނޑުދަތުރުކުރާ ފަރާތްތަކާއި ފެރީ އޮޕަރޭޓަރުންނާއި ދަތުރުވެރިން ވަޔާއި ކަނޑު ގަދަ ވަގުތުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުން

• ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާ އެކު ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަގީންކުރުން

• ވާރޭ ވެހޭ ވަގުތު މަގުމަތި ތެމި، ވެހިކަލް ކަހާލުން ފަދަ ކަމެއް ދިމާވެދާނެ ކަމަށް ބަލައި އެ ކަމަށް ސަމާލުވުމާއި ދުރު ފެންނަ މިންވަރު ކުޑަވުމަކީ އެކްސިޑެންޓްވުމުގެ ފުރުސަތު ބޮޑުވާ ކަމަކަށް ވާތީ، އެއްގަމުއުޅަނދު ދުއްވާ މީހުން އެ ކަންކަމަށް ސަމާލުވުން

• މޫސުމާ ބެހޭ އިންޒާރުތަކަށް ސަމާލުވުމާއި ކަމާބެހޭ އިދާރާތަކުން ނެރޭ އިރުޝާދުތަކަށް އަމަލުކުރުން

• އުދައިގެ އަސަރު ކުރާ ހިސާބުތަކުގައި ދިރިއުޅޭ މީހުން އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން

ފުލުހުން ބުނި ގޮތުގައި، މޫސުމާ ގުޅިގެން ކުރިމަތިވެދާނެ އެކި ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން އެ އިދާރާއިން ވަނީ ކަމާބެހޭ އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިފަ އެވެ.

ކުއްލި ހާލަތެއް ކުރިމަތިވެ ނުވަތަ ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެ ނަމަ 911 އަށް ގުޅުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

މެޓް އޮފީހުން ބުނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން މިރޭ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭ ކަމަށެވެ. ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 12 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭ ކަމަށާއި ހުރިހާ ހިސާބަކަށް ވެސް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށިގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިރޭ ކަނޑުތައް ގަދަވާނެ ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454