މާލޭގައި ފެންބޮޑުވެފައި އޮތް މަގަކުން ފުލުހަކު ހިނގާފައި ދަނީ: މި ހަފުތާގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައި.-- ފޮޓޯ: މިހާރު
12 އޮކްޓޯބަރ 2025 - 11:21
މި ހަފުތާގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ވިއްސާރަ ވެހުން މަދުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވަޔާއި ކަނޑުތައް މި މަހުގެ 20 ނިޔަލަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ދަނީ ވިއްސާރަކުރަމުންނެވެ. މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ރާއްޖޭގެ އެންމެ އުތުރަށް، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އަދި އެހެން ހިސާބުތަކަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
Yellow Advisory for torrential rain and thunderstorms with gust winds of 40 mph and rough seas. pic.twitter.com/OSr4cV5Iji
— Maldives Meteorology (@MetMaldives) October 12, 2025
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މިއަދަކީ ހުޅަނގު މޫސުމުގެ 14 ވަނަ ނަކަތް ކަމަށްވާ ހިތަ ނަކަތުން 9 ވަނަ ދުވަހެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެ އެވެ. ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ އެވެ. ވައިޖެހޭނީ ހުޅަނގުންނެވެ. އަދި މަސްވެރިކަން ރަނގަޅުވެ، މަސްއައިންތައް އަތޮޅުތަކާ ކައިރިން ފެންނާނެ އެވެ.
އަންނަ ހޮނިހިރު ދުވަހު ހެއި ނަކަތް ފެށުމާ އެކު، ވައި ބާރުވާން ފަށާނެ އެވެ. އެ ނަކަތުގައި ވައިބާރުވެފައި އެކި ފަހަރު ވައި ޖެހޭނީ އެކި ދިމާއިންނެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަބުނީ
12 October 2025
ފެންބޮޑުވިޔަ ނުދީ ޕަންޕްޖައްސަން ހަނދާންކޮށްދެން.
ފުންނާބު އުސް ގަންބޫޓު
12 October 2025
މިވިއްސާރާގައި މަގު ހުރަސްކުރަން އެހީތެރިވެދޭން ދަރަނިވެރިން ނުކުންނާނެ ކަމަށް އުންމީދު ކުރަން!