އެމްޕީއެލްގެ ހުޅުމާލެ ބަނދަރު: 13.6 މިލިއަން ސިނގިރޭޓް ގެއްލުނު މައްސަލާގައި ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައި - ފޮޓޯ: މިހާރު
15 އޮކްޓޯބަރ 2025 - 12:24
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.
އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 8 ވަނަ ދުވަހު މި މައްސަލަ ފެންމަތިވުމާ އެކު، ތަހުގީގު ފަށައި މިދިޔަ އާދިއްތަ ދުވަހު ފަސް މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އިތުރު މުވައްޒަފަކު މިއަދު ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުންޏެވެ.
އެމްޕީއެލްއިން ބުނީ 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ގެއްލުނު މައްސަލައިގެ ޝާމިލްވާ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް އެ ކުންފުނިން ފަސްނުޖެހޭނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"މިއީ ވަރަށް ސީރިއަސް މައްސަލައަކަށް ވާތީ، މި ކުންފުނީގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށެވެ. މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގަށް މި ކުންފުނިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ފުލުހުން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" އެމްޕީއެލްގެ ބަޔާނުގައި ވެ އެވެ.
އާއްޓޭ، ޒިވާރު، ދިގަލި އަދި މުއާޒް
ފުލުހުން ވަނީ ކޮންޓެއިނަރުތައް ވަގަށް ނެގުމުގައި އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފަ އެވެ. އެއީ އެޕޯލޯގެ ވެރިޔާ ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ސިނގިރޭޓް ބޭރު ކުރަން ރިޝްވަތަށް އެދުމުގެ މައްސަލާގައި މިހާރު ވެސް ޕީޖީ އަށް މައްސަލަ ލާފައިވާ މިފްކޯގެ މިހާރުގެ ޖެނެރަލް މެނޭޖަރު އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގައި ހުރި މުއާޒް އަލީ އެވެ. އޭނާއަކީ ކަސްޓަމްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެކެވެ.
މީގެ އިތުރުން 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ރޭ ބުންޏެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަގަށް އެތެރެކުރިކަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަޅާ އަރައި، އެ މަހުން ފެށިގެން އެ ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފަ އެވެ. އެއީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ އެވެ.
އެ ސިނގިރޭޓް ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހިސާބުން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
ދެ ކޮންޓެއިނާގައި ސިނގިރޭޓް ނެތް ކަން ފަޅާ އެރުމާ އެކު، އެމްޕީއެލުން ވެސް ޖެހިގެން އައި މި މަހުގެ ނުވަ ވަނަ ދުވަހު ބުނެފައި ވަނީ އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަަމަށެވެ.
ކަސްޓަމްސްގެ އިސް އޮފިޝަލަކު "މިހާރު" އަށް ކުރިން ވިދާޅުވީ އެ އިދާރާ އިން ހިފެހެއްޓުމަށް ފަހު އެ ދެ ކޮންޓެއިނަރު ހުޅުމާލޭ ބަނދަރުގައި ބެހެއްޓީ އެ ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ ހަވާލުގައި ކަމަށެވެ. އެ ކުންފުންޏާ ހަވާލުކުރީ އޮންނަ އުސޫލުގެ ތެރެއިން، ލިޔެކިޔުންތައް ފުރިހަމަކޮށްފައި ކަމަށާއި އެ ސިނގިރޭޓްތައް ނައްތާ ނުލައި ހުރީ ތަހުގީގު ނުނިމޭތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ދުންފަތުގެ ބާވަތްތައް ލޭބަލް ކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރެވޭނީ އޭގެ ނުރައްކާކަން އަންގައިދޭ ފޮޓޯއާ ލޭބަލް ޖެހުމަށް ފަހުގަ އެވެ. އެ ތަކެތި ގެނެވޭނީ އެކަމަށް ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ކަސްޓަމްސް އިން ބުނީ ބިންލާދިން ގުރޫޕުގެ ނަމުގައި ވަގަށް އެތެރެކުރި ސިނގިރޭޓުތައް އެތެރެކޮށްފައިވަނީ އެ ގަވައިދުތަކާ ހިލާފަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހހހ
17 October 2025
ތިއީ ކޮން ކުންފުންޔެއްގެ ނަމުގަ އެތެރެކުރި ކޮންޓެއިނަރެއް?
އަންދަލޫސިޔާ
15 October 2025
މި 6 މުވައްޒަފުންނަށް 7 ދުވަސް ނުފުރޭތީ ނަމެއް ނުކިޔާ. ކޮންމެވެސް ކުއްޖަކު އަޅެ ރީތި 6 ނަން ބުނެދީބަލަ.
ބަލަންތިބޭ
15 October 2025
ސަސްޕެންޑޭ ، ކިހާބޮޑު ބ ،،،،،،،،
ފޫހި
15 October 2025
ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި ކީ ކުރަން ތިހެންތިކިޔަނީ އޭގެބަދަލުގާ ކިޔާބަލަ ޕޭލީވޭ
ރަބަރޭ1
15 October 2025
ކޮބާތަ ތި ބިންލާދިން ކޮމްޕެނީ އަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތީތަ؟
ހުސޭނުބޭގެ ސާޖިދު
15 October 2025
ކޮންޓޭނަރު އެތެރެކޮށް ގެން ފުރަތަމަ ފެށި ތަހުގީގަށް ވީގޮތެއް އިނގޭ މީހެއް އެބަ އުޅޭތަ؟ މައުލޫމާތު ލިބިގެން ހުއްޓުވީ އެކަމަކު ޝައްކުވާ މީހެއްވެސް ނެތީބާ؟ އެކަމަށް ދެބުރަށް ޖަރީމާ ހިންގާއިރުވެސް ނޭގޭ.
ކާއްޓެ
15 October 2025
މިހާރު ހަނދާންވަނީ ކާއްޓެ ޕީޕީއެމް ޕޯޑިއަމްގައި އޭރު ދެއްކި ވާހަކަ
އައިރާ
15 October 2025
ތިތާ ތިބި ވެރިން ތައް ދޫކޮށްލާނެ! ހުސް ގޭމް! އިޚުލާޞްތެރިކަން ހުރި ނަމަ ފިޔަވަޅު އަޅާނެ
އަނީމް
15 October 2025
މިލިއަނުން ވައްކަންކުރީމަ ވަޒީފާއިން ހަނަ އެކަނި ސަސްޕެންޑު ކުރާ ގައުމަކީ ދިވެހިރާއްޖެ އެކަނި.. އެހެންގައުމުތަކުގަ ފެންނަނީ ހައްޔަރު ކުރާތަން...
ނާއިންސާފު
15 October 2025
ކޮބާ މި މީހުންގެ ވަނަވަރު؟ ހަމައެކަނި ވަކިބައެއްގެ ވަނަވަރުތަ ޖެހެނީ. މީ ސީދާ މިކަމާ ގުޅުމް ހުރި މީހުން ވިއްޔަ. ކަސްޓަމްސް އާ މިކަމާ އެއްވެސް ގުޅުމެއް ނެތްކަން ޔަގީން