"ބެލެވޭ ގޮތުގައި ދެމަފިރިން ނިޔާވީ ކަރަންޓުގައި ޖެހިގެން. ގެއަށް ކަރަންޓް ދެމުން އައީ އަމިއްލަ ކުޑަ ޖަނަރޭޓަރަކުން،"
އައްޑޫ ހޮސްޕިޓަލް: ދެމަފިރިންގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
22 އޮކްޓޯބަރ 2025 - 17:06
އައްޑޫ ހިތަދޫގައި ދެމަފިރިއަކު ގޭތެރޭގައި ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދު ކައިރީގައި ހުންނަ ގޭގައި ނިޔާވީ ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، 60، އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، 52، އެވެ.
އާއިލާގެ ބަޔަކު މިއަދު އެ ގެއަށް ދިޔައީ ރެއިން ފެށިގެން އެ ދެ މީހުންގެ އެއްވެސް ޚަބަރެއް ނުވެގެންނެވެ.
ފުލުހުން ބުނި ގޮތުގައި، އެ ދެމަފިރިން ނިޔާވެފައި ތިއްބާ ފެނުނުއިރު، މިހާތަނަށް ބެލިބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގައެއް ނުކުރެވެ އެވެ. އެކަމަކު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އިބްރާހިމް އަބްދުﷲ އާއި ފަރަހްނާޒު ނިޔާވި ޚަބަރާ އެކު، އެ ގެ އަށް ވަން މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ދެމަފިރިން ފެނުނީ ކޮޓަރީގެ ފާހާނާ ތެރެއިންނެވެ. ފިރިހެންމީހާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އަންހެންމީހާގެ ހަށިގަނޑުގައި ވެސް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ހުރި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
ފާހާނާތެރޭގައި ހުރި ސާމާނުތަކަށް ބަލައި އެ މީހާ ލަފާކުރަނީ ދެމަފިރިން ނިޔާވީ، ފާހާނާގައި ކޮންމެވެސް މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެންނެވެ.
"ބޮޑަށް ބެލެވެނީ ފިރިހެން މީހާ މަސައްކަތެއް ކުރަން ހުއްޓައި ވެއްޓުމުން އޭނާ ނަގަން އަންހެން މީހާ ގުދުވެލި ވަގުތު [ކަރަންޓުގައި ޖެހިގެން] މަރުވީ ކަމަށް. ދެ މީހުންގެ ދެބޯ ޖެހިފައި ތިބީ. ގެއަށް ވަތް އިރު ގޭގައި ކަރަންޓެއް ނެތް،" އޭނާ ކިޔައިދިނެވެ.
އެ ދެމަފިރިން ގެ ހަދައިގެން ބަދަލުވީ މީގެ ދެ ދުވަހެއް ވަރު ކުރިންނެވެ. އެ ސަރަހައްދަށް އަދި ކަރަންޓް ނުލާތީ އެ ގެ އަށް ކަރަންޓް ދެމުން އައީ އަމިއްލަ ކުޑަކުޑަ ޖަނަރޭޓަރަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
24 October 2025
ދެމަފިރިންނަށް ހެޔޮރަޙްމަތް ލައްވާށި. 60 އަހަރުވާއިރު އަމިއްލަ ގެ އަށް ނުވަދެވޭ. ހުރިހާސަރުކާރުތަކުން ޒިއްމާވާންޖެހޭ ކަމެއް. ވިސްނާލަންޖެހޭ ކަމެއް. މިއީތޯ ދިރިއުޅުމަކީ. މިއީތޯ ދިވެހި ގައުމު އޮންނަންޖެހޭ ފެންވަރަކީ. ކޮބައިތޯ ފަސްދޮޅަހުގެ އަހަރުތަކާ ދެހާހުގެ އަހަރުތަކާ ތަފާތަކީ. ރަށުރައްޔިތުން ގަރުދިޔަޔާ ބަތްކޮޅެއް ކައިގެން ތިބޭއިރު ފެންވަރުގެ އިންޖީނުގެތައް އަޅާފަހުރިތަން ފެންނަނީ ރަށްރަށުގެ މީހުންގެ ދިރިއުޅުމާއި ގެދޮރާއި ނުބައްދަލު އިންޖީނުގެ ތަކެއް ފެންނަނީ. މިޔަށް ކިޔާނެ ނަމެއްވެސް ނޭނގެ.މިތަންތަން ވިސްނޭބަޔަކަށް ފެނިއްޖެއްޔާ ޖަހާނެ ޖޯކެއްވެސް ނޭނގެ. ވަރަށް އޮޑު. ރައްޔިތުން..... ހެޔޮނުވާނެ. ރައްޔިތުންނަށް ވިސްނާލާ
ރަކަނި
23 October 2025
ޝައްކުކުރެވޭކަމެއް ފެންނަންނެތޭކިޔާ ކަންފަސޭހަކޮށްލާފަ ނިންމާލަނީ، މިތާ ފައިސާގެ ދަހިވެތިކަމުގަ މީހުންމަރާފާނެ ކަހަލަ ބިދޭސީނާ ދިވެހިންވެސް އުޅޭ. ކޮންމެފަދަ ކަމެއްކޮށްގެންވެސް ފައިސާހޯދަން ޖެހިލުންނުވާމީހުން އުޅޭ.
ދިގަލި
23 October 2025
ޤައުމުގެ ޙާލަތު، ގިނަ ރަށްރަށުގައި އަލަށް އާބާދުވާ ހިސާބަށް ނަރުދަމާއެއް ކަރަންޓެއް ނުލިބޭ. އަދިވެސް ބަލަނީ ވަޢުދުވެ ކަނޑަށް ފައިސާ އަޅައިގެން ބިންހިއްކޭތޯ. ހެޔޮ ރަށުގައި 200 މީހުން ތިއްބަސް. މި ޤައުމު ވެއްޖެއްނު ތަންކޮޅެއ ޛިންމާދާރުވާން. މަވެސް ހިމަނައިގެން މިބުނީ. މަވޯޓް ދޭމީހުންވެސް ހަދަނީ ހަމަ މިހެން
ރަކީދޫ
23 October 2025
މީގެ ފުރިހަމަ ޒިންމާ އެމް ޑީ ޕީ އިން ނަގަން ޖެހޭނެ!
ަސދފގހ
23 October 2025
ވަޔަރިންގ ކުރަންވާނީ ލައިސަންސް އޮތް މީހުން. ފަހަރެއްގައި ވަޔަރިންގ އާރތް ނުވެފައި ނުވަތަ ބްރޭކަރ ފިއުޒެއް ނެތީމަ ދިމާ ވި ކަމަކަށް ވެދާނެ.
މަޅުފޮތި
22 October 2025
ގެއެއް އަޅައިގެން ކަރަންޓް ނުލިބެގެން ގެޔަށް ނުވަދެވިފައި މި ހުރީ، ފެނަކައިން ބުނަނީ ކަރަންޓްދޭނެ ކޭބަލް ނެތް ކަމަށް، އެ ޖަވާބުގައި ހިފަހައްޓާތާ އަހަރުވަނީ. ދެން އަމިއްލަ ޖަނަރޭޓަރެއް ހޯދައިގެން ކަރަންޓް ދިނުން ނޫން ގޮތެއް އެބަ އޮތްތަ؟
އޮނަރަބްލް އަފީފު ދީދީ
22 October 2025
މިކަންހިގާން ދިމާވެފައިވަނީ އެގެއަށް ބޭނުންވާ ކަރަންޓް ނުލިބުމުގެ ސަބަބުން އެމީހުން އަމިއްލަ ޖެނެރޭޓަރ ހިންގުމުން ދިމާވި ޙާދިސާ އަކުން ކަމުގައި ވާނަމަ، ދައުލަތުގެ ޤާނޫނުއަސާސީން ލާޒިމް ކޮށްފައިވާ އަސާސީ ޙިދުމަތް ހުރި ރަށަކުން މިއާއިލާއަށް ޙިދުމަތް ދިނުމަށް ހުރަސް ކުރިމަތިވި ސަބަބު ތަޙްޤީގުކޮށް މިކަމުގައި އިހްމާލުވެފައިވާ ފަރާތް ތަކާއި މެދު ފިޔަވަޅު އަޅާން ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް އާއި ހިއުމަންރައިޓްސް ކޮމިޝަން އިން މަސައްކަތް ކުރާންވާނެ.
ޢަލޒ
22 October 2025
ކަރަންޓް ޚިދްމަތް ނުލިބެނީސް ގެއަށް ބަދަލުވެ އަމިއްލަ ޖަނަރޭޓަރެއް ބޭނުންކުރުމަކީ އަމިއްލައަށް ޒިންމާ ނަގަންޖެހޭ ކަމެއް
ފެންނަ ނުފެންނަ ފެނަކާ
22 October 2025
ގެދޮރު އެޅުމަށް ބިން ދޫކުރާ ސަރަހައްދު ކަނޑައަޅާ އެތަނުން ރައްޔިތުންނަށް ގޯތި ކަނޑައި ހަވާލުކުރުމުން ބޯހިޔަލެއްނެތް މީހާއަށް ވި ވަރަކުން ގެ އަޅާނެއެވެ. އެތަނަށް ކަރަންޓާ ފެނާ ނަރުދަމާ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރާއި ފެނަކައިން ކުރަންޖެހޭނޭ ކަމެކެވެ. މި މަރަކީ ވެރިންގެ ނާގާބިލުކަމާ ފަރުވާ ކުޑަކަމުގެ މިސާލެކެވެ. އެ ދެމެފިރިންގެ ފާފަ ފުއްސަވާށި
އަލި
22 October 2025
މިއީ ވަރަށް ހިތާމަވެރި ޚަބަރެއް. މިކަން ބަލަންވެސް ޖެހޭ. އެހެންނަމަވެސް އަމިއްލަ ފަރުދީ ޒިންމާވެސް އޮންނަންޖެހޭ. ޢަމިއްލަ ގޭގައި ޖަނަރޭޓަރ ބަހައްޓާ ހިންގާނަމަ ހުއްދައެއް ހޯދަންޖެހޭނެ ކަމަށް ލަފާކުރެވޭ.
ޒަރީރު
23 October 2025
އަމިއްލަ ކަރަންޓް ބޭނުންކުރިޔަސް ދައުލަތުގެ ކަރަންޓް ބޭނުންކުރިޔަސް ކަރަންޓް ބޭނުންކުރާއިރު ސަލާމަތީ ކަންކަން ބަލަންވާނެ. ކަރަންޓަކީ ނުރައްކާތެރި އެއްޗެއް.
ކަތްދައްތަ
22 October 2025
60 އަހަރުން ގެއެއްހެދުނީ…… ހާދަ ހާލެއްގައޭ ދިވެހިން މިއުޅެނީ ދެމީހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން.
ޝަޕް
22 October 2025
60 އަހރުންވެސް ބޯހިޔާވެހިކަމެއް ނުލިބޭ އެތައް ބަޔަކު އުޅޭ.
ރަށުޕިކަޕް
22 October 2025
އަދި މިއީ ރަށްރަށުގެ ހާލަތު. މާލޭމީހުން އެބަކިޔާ އެހެން ރަށްރަށުގެ މީހުން މާލޭން ބޭރުވެގެން ދިޔުމަށް. ރަށަށް ދިޔަޔަސް މިޖެހެނީ ހުސްގޯތީގައި އަމިއްލައަށް ގެއެއް އަޅަން. ގެއަޅަން 1-2 މިލިއަން ރުފިޔާގެ ލޯން 25 އަހަރަށް.
އައްޑޫ
22 October 2025
މީވެސް އައްޑޫ ކަރަންޓު މައްސަލަ ނުވަތަ ފެނަކައިގެ ނާގާބިލުކަމަށް އިތުރުވި ބޮޅެއް.
މުހައްމަދު25
22 October 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މާތް ﷲ މައްޔިތާއަށް ޢަފޫކުރައްވައި ފާފަފުއްސަވައި ޖަންނަތުލް ފިރުދައުސްގައި ލައްވާށި! އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވައި ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން ދެއްވައި ކަށްވަޅުގެ ސުވާލުތައް ފަސޭހަކޮށް ދެއްވާށި ﺁﻣــــــــــــــــــﻴﻦ ﻳَﺎ ﺭَﺏَّ ﺍﻟْﻌَﺎﻟَﻤِــــــــــﻴْﻦ