މާލޭގައި ވައްކަމެއްގެ ތުހުމަތު ކުރެވުނު މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލުމަކީ ލާއިންސާނީ އަމަލެއް ކަމަށާއި އަދި އެފަދަ ނާތަހުޒީބު އަމަލުތައް ވީޑިއޯކޮށް ދައުރު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ.
ރޭ އާއްމުކޮށްފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ ބައެއްގެ އަތްދަށުވެ އަދި އަމިއްލަ ދިފާއުގައި މާބޮޑު ކަމެއް ނުކޮށް ހުރި އެ މީހާ ބިންމައްޗަށް ވައްޓާލުމަށްފަހު ބިންމަތީގައި ދަމައި، އޭނާގެ އަތްމައްޗަށް ސޭފްޓީ ބޫޓަކުން އަރައި އަދި ތަޅައި އަނިޔާ ކުރުމަށްފަހު މޫދަށް އެއްލާލަ އެވެ.
އެ މައްސަލާގައި އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ވަނީ ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރަމުން ގެންދާތީ އެފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ އާންމު ނުކުރުމަށް އެދޭ ކަމަށެވެ.
"އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.
އެޗްއާރުސީއެމުން ބުނި ގޮތުގައި ޝަރުއީ ހަމަތަކުގެ މަތިން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއް ކަމަށް ބެލުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ.
އެ ބަޔާނުގައިވަނީ އަމިއްލައަށް އިންސާފު ގާއިމް ކުރުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި، ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ގާނޫނު ބާރު ކެނޑި އަދި ބަދަލު ހިފުމުގެ ސަގާފަތެއް އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މިފަދަ ކަންކަމުގެ ސަބަބުން ގާނޫނުގެ ބާރު ކެނޑ،ި ބަދަލު ހިފުމުގެ ސަގާފަތެއް އުފެދުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ. އަދި އަނިޔާވެރި އަމަލުތައް ދައްކުވައިދޭ މަންޒަރުތައް ފަތުރައި، އިޝްތިހާރު ކުރުމަކީ އެފަދަ އަމަލުތަކަށް މުޖުތަމައު ހޭނ،ި އިންސާނީ ހަމްދަރުދީ ކެނޑިގެންދާނެ ކަމެކެވެ." އެ ބަޔާނުގައިވެ އެވެ.
އެ ކޮމިޝަނުން ބުނީ އެފަދަ ހާލަތްތަކުގައި އެ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ކޮމިޝަނުން ވަނީ އެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އަޅަން ވެސް ގޮވާލައިފަ އެވެ.
އެޗްއާރުސީއެމުން ބުނީ ޖިނާއީ ނުވަތަ މަދަނީ ވިޔަސް މައްސަލަތަކުގައި ސުލްހަ އިސްކުރުމާ އެކު ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދަން އިލްތިމާސްކުރާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވިޔަސް، ފުލުހުންގެ ސަމާލުކަމަށް އައުމުން އެކަން ބަލަމުން އަންނަ އެ އިދާރާ އިން ބުނެފައިވެ އެވެ. މީގެކުރިން ވެސް ވައްކަމުގެ ތުހުމަތުވި މީހުންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ.