މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ވިޔަފާރިކުރާ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގު އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ހ. ބްރައުންހައުސް، މުހައްމަދު ނަދީމް، 41، ކަމަށެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ނަދީމް ހައްޔަރުކޮށް، އޭނާ ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރި އެވެ. އަދި އެ ތަނުން މަސްތުވަތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެއްޗާއި ފައިސާ ފެނުނު ކަމަށް ފުލުހުން ބުންޏަސް އޭގެ ތަފުސީލެއް ނުދެ އެވެ.

އެ މައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.

ޑްރަގު މައްސަލައެއްގައި މީހަކު ހައްޔަރުކުރިއިރު މާލޭގައި އިއްޔެ ހިންގި ޑްރަގްގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު 12 މީހުން ހައްޔަރުކޮށްފައިވެ އެވެ.