ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހިމެނޭ ދެ މީހުންގެ މައުލޫމާތު އަދި ފޮޓޯ ފުލުހުން ދެންމެ އާންމުކޮށްފި އެވެ.
އެއީ ފުލުހުން މީޑީއާއާ ހިއްސކުރި މައުލޫމާތުގައިވާ ގޮތުން ގދ. ތިނަދޫ، ގޯލްޑަން ހައުސް، މުހައްމަދު އާދިލް، 57 އާއި ހއ. ހޯރަފުށި، އާފިޔާ، އަހުމަދު އަލީ، 47، އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތަހުގީގުގެ ބޭނުމަށް ފަސް ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަސްޓަމްސް އިން އަތުލައިގަތް ހަޝިޝް އޮއިލްގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އަހުމަދު އަލީ ހައްޔަރުކުރީ ޖެހިގެން އައި ހުކުރު ދުވަހު އެވެ. އަދި އާދިލް ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެ ދެ މީހުންގެ ތެރެއިން އާދިލް ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ މަސްތުވާތަކެތި އެތެރެކުރީ އޭނާގެ ކުންފުންޏެއް ކަމަށްވާ ރާސް މޯލްޑިވްސްގެ ނަމުގައި ރާއްޖެ ގެނައި މުދާތަކެއްގެ ތެރޭގަ އެވެ. އާދިލްއަކީ ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް، ވިޔަފާރި ހިންގުމަށް މީގެ 16 އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ ރާސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ. އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލްގައިވާ ގޮތުން ދެ އެ ކުންފުނީގެ ހިއްސާދާރަކީ އަންހެނެކެވެ.
އަމުރުގައިވާ ގޮތުން ނަމަ މި މައްސަލާގައި ދެން ހިމެނޭ އަހުމަދު އަލީއަކީ އެ މުދާ ކްލިއާ ކުރުމަށް ކުންފުނީގެ ފަރާތުން ދާނެ ކަމަށް ކަސްޓަމްސްގެ ސީކާގޯ އެގްޒަމިނޭޝަނަށް އަންގާފައިވާ މީހާ އެވެ. އެކަން ރާސް މޯލްޑިވްސް އިން އަންގާފައި ވަނީ ކަސްޓަމްސް އަށް ފޮނުވި އީމެއިލަކުންނެވެ.
ހަޝިޝް އޮއިލް އަތުލައިގަނެ، ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ އެވެ. އޭގެ މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. އެ ފުޅިތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑެއްގައި ބަންދުކޮށްގެންނެވެ.