ޕާޓީގެ އެތެރޭގައި ހުރި މައްސަލަތައް ހައްލުވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަނުން ކާމިޔާބު ވާނެ ކަމަށް އިދިކޮޅު ޕާޓީ އެމްޑީޕީ މިއަދު ބުނެފި އެވެ.
އެމްޑީޕީން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ވެސް ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތައް އެކި ކަންކަމުގައި އަަބަދުވެސް ހުންނަ ކަމަށެވެ. ނަމަވެސް، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ތެރޭގައި އޮންނަ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތައް އެ ޕާޓީން ދަމަހައްޓާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެމްޑީޕީގެ ތެރޭގައި ވެސް ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތައް އެކި ކަންކަމުގައި ހުރޭ. އެހެން ނަމަވެސް، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ތެރޭގައި އޮންނަ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތައް އެމްޑީޕީގެ ތެރޭގައި އޮންނަ ކަން މިއަދާ ހަމައަށް ރައްޔިތުންނަށް އެނގިގެން ގޮސްފައި ވާނެ،" އޭނާ ވިދާޅުވި އެވެ.
"އަދި އަޅުގަނޑުމެންގެ ތެރޭގައި ހުރި ދެބަސްވުންތަކަށް އެއްބަސްވެ، ކަންކަން ހައްލުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި މި ދަނީ އެމްޑީޕީގެ ތެރޭގައި ކުރެވެމުން."
މައުރޫފް ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ލީޑަރުން، ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދުގައި އުފެދުނު މައްސަލަ ވެސް މިހާރު ހައްލުވެފައިވާ ކަމަށެވެ.
"އޭގެ ނަތީޖާއަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ވަރަށް ފޯރީގައި ނުކުމެ، މި އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރުމުގެ މަސައްކަތް ﷲގެ ވާގިފުޅާ އެކު އެމްޑީޕީން ކުރިއަށް ގެންދާނެކަން މި ފުރުސަތުގައި އަޅުގަނޑުމެން އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުންނަށް އަދި ދިވެހި ރައްޔިތުންނަށް ހަނދުމަކޮށް އަރުވަން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރެއްވުމުގެ ބޭނުމުގައި، މާޒީގައި އެ ދެބޭފުޅުންގެ މެދުގައި ހިނގާފައިވާ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ނަޝީދާއި އިބޫ ވަނީ މިދިޔަ ބުދަ ދުވަހު ދެއްވައިފަ އެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ނަޝީދާއި އިބޫ ވާދަކުރެއްވުމަށް ފަހު، ބޮޑެތި ތުހުމަތުތަކަކާ އެކު ނަޝީދު ޕާޓީއާ ފެއަށް ޖެހިވަޑައިގެން ސަޕޯޓަރުންނާ އެކު ޑިމޮކްރެޓްސް އުފައްދަވައި ސިޔާސީ ހަރަކާތް ކުރިއަށް ގެންދެވީ ވަކިންނެވެ. ޕާޓީގައި އުފެދުނު ބައިބައިވުންތަކަށް ފަހު އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ވަނީ ގެއްލިފަ އެވެ.
އެމްޑީޕީން އަންނަނީ އަންނަ އަހަރު އެޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް، އަންނަ މަހު 16 ގައި ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ.