ހުއްދަ ނުނަގައި ސަފާރީއެއްގައި ބަނގުރާ ވިއްކި ދިވެއްސަކާއި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރި ބަޔަކު މިދިޔަ ބުދަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިންގި އެ އޮޕަރޭޝަނުގައި ސަފާރީ ބަލައި ފާސްކުރި އިރު، 102 ފުޅި ބަނގުރަލާއި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ދިވެއްސަކީ ހ. ބިންމަތީއާގެ، މުހައްމަދު މަނިކު، 52، އެވެ.

ހައްޔަރުކުރި ބިދޭސީންނަކީ އިންޑިއާ މީހެއް ކަމަށްވާ އެމްޑީ ޝޭކަރު ހޮސައިން، 34، އާއި ބަންގުލަދޭޝް މީހެއް ކަމަށްވާ ރަސެލް މިއާ، 35، އާއި ސްރީ ލަންކާގެ ދެ މީހަކު ކަމަށްވާ ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ، 27، އަދި ތަރަކަ ސަމަން ކުމާރަ ދޭވަ، 35، އެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ އެންމެން ތިން ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.