ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓު ދިނުމަށް ބީއެމްއެލް އިން ހިންގާ ހައުސިން މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރީ ކޮންޓްރޯލްޑް އަގުތަކެއްގައި ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބީއެމްއެލްގެ ހައުސިން ޕްރޮޖެކްޓާ ގުޅޭ ގޮތުން މީޑިއާތަކުން ކޮށްފައިވާ ބައެއް ސުވާލުތަކަށް އެ ބޭންކުން މިއަދު ދިން ޖަވާބުގައި ބުނީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް އުފެއްދި ސަބްސިޑަރީ ކުންފުންނިން ހިންގާ ހައުސިންގެ ދެ މަޝްރޫއެއް ބޭރުގެ ކުންފުނިތަކަކާ ހަވާލުކުރީ އެ ކުންފުނިތަކުގެ މާލީ ގާބިލުކަމާއި ހޯދާފައިވާ ތަޖުރިބާތަކަށް ބެލުމަށް ފަހުގައި ކަމަށެވެ. 

އެމްއެމްއޭގެ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ހައުސިން މަޝްރޫއުތައް ހިންގުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި މިދިޔަ އަހަރު ވަނީ ކުންފުޏެއް އުފައްދައިފަ އެވެ. 

އެ ބޭންކުގެ ސަބްސިޑަރީ ކުންފުނީގެ ހައުސިން ޔުނިޓުތައް އިމާރާތް ކުރުމަށް މިދިޔަ މަހު ހަވާލުކުރީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ، ޗައިނާގެ މަޝްހޫރު ދެ ކުންފުންޏެއް ކަމަަށްވާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ. 

ބީއެމްއެލުން ބުނީ އެ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ބެންކުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކެއްގައި ކަމަށެވެ. އަދި އެ ކުންފުނިތަކަކީ މަސައްކަތްތަކަށް ހުއްޓުމެއް ނުގެނެސް އަވަހަށް ނިންމާލުމުގެ ފަންނީ އަދި މާލީ ގާބިލުކަން ވެސް ހުރި ކުންފުނިތައް ކަމަށް އެ ބޭންކުން ބުންޏެވެ.

"މި ބޭންކަކީ އެމްއެމްއޭ އާއި ސީއެމްޑީއޭގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ޕަބްލިކް ލިސްޓެޑް ބެންކެއްގެ އިތުރުން ކޮމާޝަލް ބޭންކެއް ވެސް މެ އެވެ. ރެގިއުލޭޓަރީ އިދާރާތަކުން ކަނޑައަޅާފައިވާ ރިޕޯޓިން އަދި މައުލޫމާތު ހާމަކުރުމުގެ އެންމެހާ މިންގަނޑުތަކަށް މި ބެންކުން ފުރިހަމައަށް އަމަލުކުރަމެވެ،" ބީއެމްއެލުން މީޑިއާތަކަށް ދިން ޖަވާބުގައިވެ އެވެ.

ބީއެމްއެލުން ބުނި ގޮތުގައި، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހާމަކުރަން ޖެހޭ މައުލޫމާތު ފިޔަވައި، ބޭންކުގެ ވިޔަފާރިއާ ގުޅުންހުރި ކޮމާޝަލް މައުލޫމާތު ހާމަކުރުމަކީ ވާދަވެރި މާކެޓެއްގައި އެ ބެންކަށް އޭގެ ގެއްލުން ލިބިދާނެ ކަމެކެވެ. އަދި އެއީ ހިއްސާދާރުންގެ މަސްލަހަތާ ވެސް ގުޅުންހުރި ކަމަކަށް ވާތީ، އިތުރު މައުލޫމާތު ހިއްސާކުރެވޭކަށް ނެތެވެ. 

އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10-15 ޕަސެންޓާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިން އަށް ހާއްސަ ކުރަން ވަނީ ލާޒިމް ކޮށްފަ އެވެ.

ޗައިނާގެ ބީޔޫސީޖީއާ ހަވާލުކުރީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު އިމާރާތްކުރާށެވެ.

ބީޔޫސީޖީ އަކީ ބައިނަލްއައަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ، ރާއްޖޭގައި އެކި ޕްރޮޖެކްޓްތައް މީގެ ކުރިން ވެސް ހިންގި ކުންފުންޏެކެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ތަރައްގީކުރުން ފަދަ ބޮޑެތި މަޝްރޫއުތައް ހިމެނެ އެވެ.

ސީއެމްއީސީއާ ހަވާލުކުރީ ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް އިމާރާތްކުރާށެވެ. އެއީ ވެސް އިމާރާތްކުރުމުގެ ފާހަގަކޮށްލެވޭ އަދި ހުޅުމާލޭގެ ވިނަރެސް ހައުސިން ޕްރޮޖެކްޓް ނިންމި ކުންފުންޏެވެ. މިހާރު ވެސް ސީއެމްއީސީން އަންނަނީ ގުޅިފަޅާއި ހުޅުމާލޭ 2 ގެ އިންފްރާސްޓްރަކްޗާ މަސައްކަތް ކުރަމުންނެވެ.

ބީއެމްއެލް އިން ހިންގާ ހައުސިން މަޝްރޫއުތަކުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ހިމެނޭހެން 3،000 އަށް ވުރެ ގިނަ ފްލެޓު އަޅަން ވަނީ ނިންމައިފަ އެވެ.