މީގެ ހަތް އަހަރު ކުރިން މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ލިބުނު އަނިޔާތަކަކާ ގުޅިގެން މީހަކު 115،200ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ހދ. ކުޅުދުއްފުށީ، ރަސްރީތި، އަލީ މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ ދައުލަތުގެ އޭނާގެ މައްޗަށް ކުރި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
އޭނާގެ މައްޗަށް އެ ދައުވާކުރީ ޖޫން 26، 2018 ވަނަ ދުވަހުގެ ދަންވަރު އެކެއް ޖަހާކަށް ހާއިރު، ބޮޑުތަކުރުފާނު މަގުގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން އޭނާގެ ސައިކަލު ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގެ ސަބަބުން އެ ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވުމުންނެވެ. އެ ސައިކަލު ދުއްވަން އިން ށ. މަރޮށި، އައްސޭރި، އިބްރާހިމް ވަސީމްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި، ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް ދައުވާ ލިބޭ އަލީ މުހައްމަދު ވަނީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަން އެދިފަ އެވެ.
އަނިޔާއެއް ދިނުމުގެ ކުށް އަލީ މުހައްމަދުގެ މައްޗަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި، ދައުލަތާ އެކު އޭނާ ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް އޭނާ ޖަލަށް ލުމަށް އެ ހުކުމުގައިވެ އެވެ.
ނަމަވެސް، އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމުގެ ބަދަލުގައި 115،200ރ. އިން ޖޫރިމަނާކޮށް އެ ފައިސާ އިއްޔެ އިން ފެށިގެން 24 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ދެ ސައިކަލު ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ ވަސީމް އާއި އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އަށެވެ. އެ އެކްސިޑެންޓުގައި އެންމެ ބޮޑުވަރުވި ވަސީމަށް ވަނީ އައިސީޔޫގައި ވެސް އޭރު ފަރުވާދީފަ އެވެ.