އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެކަމުގެ އުއްމީދެއް ނެތް މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހަޅާފައިވާ ބިލަށް މުއައްސަސާތަކުގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ޕެންޝަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި ބިލު ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ ޕެންޝަން އޮފީހާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ނޭޝަނަލް ޕޭ ކޮމިޝަންގެ ލަފާ ހޯދުމަށެވެ.

އެގޮތަށް ކޮމިޓީއަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފެވެ. އޭނާ ހުށަހެޅުއްވީ އެ ތިން މުއައްސަސާގެ ބޭފުޅުންނާ އެކު ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވާށެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ޕެންޝަން ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައިވާ ގޮތުން ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ 65 އަހަރުވުމުން ކަމަށްވީ ނަމަވެސް ޓާމިނަލް އިލްނަސްގެ ހާލަތުގައި ތިބޭ މީހުންނަށް އެ އުމުރު ހަމަނުވިޔަސް އެ ފައިސާ ނެގިދާނެ އެެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ/މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ/މަޖިލީހުގެ އިދާރާ

އެ މާއްދާގައި "ޓާމިނަލް އިލްނަސްގެ ހާލަތް" ކަމަށް ބުނަނީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް، އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތެވެ. 

އެ ބިލްގައިވާ ގޮތުން އެފަދަ ހާލަތެއްގައިވާ މީހަކު ޕެންޝަން ސޭވިންގްސް އެކައުންޓްގައިވާ ފައިސާ ނަގަން އެދޭ ނަމަ އެމީހަކު ކަނޑައަޅާ އަދަދެއްގެ ނުވަތަ އެ އެކައުންޓްގައި ހުންނަ ހުރިހާ ފައިސާއެއް އެއްފަހަރާ ވެސް ނެގިދާނެ އެވެ.

އެ ގާނޫނަށް އިތުރު ގިނަ ބަދަލުތަކެއް ގެންނަން ވެސް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި، ޕެންޝަން ފަންޑުގެ ފައިސާ ގެދޮރު ގަތުމުގެ އިތުރުން ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރަން ޑައުންޕޭމަންޓް ދައްކަން ކޮލެޓްރަލައިޒް ކުރެވޭ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ.

ޕެންޝަން ގާނޫނުގެ މިހާރު އޮތްގޮތުން ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮލެޓްރަލައިޒް ކުރެވެނީ އިމާރާތްކޮށް ނިންމައި އަދި އާއްމުކޮށް ހުޅުވާލައިގެން ވިއްކާ ފްލެޓްތައް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށެވެ.