ކުރުނބާ މޯލްޑިވްސް ބޭރުގައި އޮއްވާ ރޯވި މަސްދޯނީގެ ބައިތައް އޮޔާދާތީ ކަނޑުދަތުރުކުރާ އުޅަނދުތަކުން ސަމާލުވާން އެމްއެންޑީއެފުން ދެންމެ އިލްތިމާސްކޮށްފި އެވެ. 

އެމްއެންޑީއެފުން ބުނީ 15 މީހުންނާ އެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ އެ ދޯނީގައި އަލިފާން ރޯވެގެން އަޑިއަށް ދިޔުމުގެ ސަބަބުން އެ ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދިޔަ ކަމަށެވެ. 

އެ ތަކެތި އޮޔާ ދަނީ ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން ކަމަށާއި ދަތުރުވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

ކުރުނބާ މޯލްޑިވްސް ބޭރުގައި އޮތް ދޯނީގައި ރޯވެފައި އޮތް އިރު ކޯސްޓް ގާޑް އުޅަނދެއް ދޯނި ކައިރީގައި. -- ފޮޓޯ: އެމްއެންޑީއެފް
ކުރުނބާ މޯލްޑިވްސް ބޭރުގައި އޮތް ދޯނީގައި ރޯވެފައި އޮތް އިރު ކޯސްޓް ގާޑް އުޅަނދެއް ދޯނި ކައިރީގައި. -- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ އެ ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށް ދިޔަ ސަރަހައްދުން ފެށިގެން ދެކުނަށް ކަމަށެވެ.

ވީމާ، ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ހާއްސަކޮށް މި ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ދަންނަވަމެވެ،" އެމްއެންޑީއެފުން ބުންޏެވެ. 

މި ހާދިސާގައި މުޅި ދޯނި އަނދައިގެން ދިޔައިރު، ފުލުހުން ބުނީ ފަސް މީހަކު ފިހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެއްސަކާއި ތިން ބިދޭސީއަކު ކަމަށާއި އެ މީހުން މާލެ ގެނެސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ކުރިން ބުންޏެވެ. 

އެ ދޯނީގައި ފުރަތަމަ ރޯވެ އަލިފާން ފެންނަން ހުރީ އިންޖީނުގެއާ ދިމާލުން ކަމަށް ވިޔަސް އިރުކޮޅެއްގެ ތެރޭގައި ވަނީ މުޅި ދޯންޏަށް އަލިފާންގަނޑު ފެތުރިފަ އެވެ.  

ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކޯސްޓްގާޑުގެ އުޅަނދަކުން ކުރި އެވެ. 

ދޯނީގައި ރޯވަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.