ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) ފެރީގެ ހިދުމަތް ދ. އަތޮޅާއި ފ. އަތޮޅުގައި މިއަދު ފަށައިފި އެވެ. 

ދެ އަތޮޅުގައި ވެސް އެ ހިދުމަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.

ދ. އަތޮޅުގައި އެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު މިނިސްޓަރު އަމީން ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ބާކީ އޮތް ހުރިހާ ރަށްތަކެއް ފެރީގެ ނިޒާމުން ގުޅުވާލެވޭނެ ކަމަށެވެ.

މިހާރު އެ ހިދުމަތް 12 އަތޮޅެއްގެ 123 ރަށަކަށް ފޯރުކޮށްދެމުން އަންނަ ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި އަލަށް އެ ހިދުމަތް ފެށި ފ. އާއި ދ. އަތޮޅުގެ 11 ރަށަކަށް މިވަގުތު އާރުޓީއެލް ފެރީގެ ދަތުރުތައް ކުރާނެ އެވެ. އަދި އެ ޒޯނުގައި ހިމެނޭ އިތުރު ރަށްތަކަށް ވަރަށް އަވަހަށް އެ ހިދުމަތް ފެށޭނެ ކަމަށް އަމީން ވިދާޅުވި އެވެ. 

ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވުމަކީ ވަކިވާން ޖެހޭ ސަބަބަކަށް ވެގެން ނުވާނެ ކަމަށާއި ރަށްތައް ގުޅައި އެއް ބައެއްގެ ގޮތުގައި އުޅުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަމައެކަނި ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރެއްވުމަށް ނޫން ކަމަށާއި އެމަނިކުފާނު ބޭނުންފުޅު ވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އަދި އިތުބާރު ހުރި ކަނޑު ދަތުރުފަތުރުގެ ސަގާފަތެއް ގާއިމު ކުރެއްވުމަށް ކަމަށެވެ. 

ހައި ސްޕީޑު ފެރީގެ ނިޒާމު ކުރިއަށް ގެންދަވަނީ އެ މަގުސަދުގައި ކަމަށް ވިދާޅުވި އެވެ. 

އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގްރާންޓްގެ ދަށުން އާރުޓީއެލް ފެރީގެ ނިޒާމުގައި ބޭނުންކުރުމަށް 12 އުޅަނދެއް ބަނުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އޭގެ ތެރެއިން ދެ އުޅަނދުގެ މަސައްކަތް ނިމިފައިވާއިރު ފ. އަތޮޅާއި ދ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާފައި މިވަނީ އެ އުޅަނދު ބޭނުންކޮށްގެންނެވެ. 

މިނިސްޓަރު ވަނީ އެ ކަމުގައި ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމުން އިންޑިއާގެ ސަރުކާރަށް ވެސް ޝުކުރު އަދާކޮށްފަ އެވެ. 

ފ. އަތޮޅަށް ފެރީގެ ހިދުމަތް ފެށުމަށް ނިލަންދޫގައި ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމާނިއަން ވިދާޅުވީ އެ މަޝްރޫއުއަކީ މިދިޔަ އަހަރުގެ މެއި މަހު ސޮއިކުރި އެމްއޯޔޫގެ ދަށުން ދީފައިވާ ގްރާންޓުގައި ކުރިއަށް ގެންދިޔަ މަޝްރޫއުއެއް ކަމަށެވެ. އެހާ ކުރު މުއްދަތެއްގައި ޕްރޮޖެކްޓްތައް ނިންމުމަކީ އެހާ ފަސޭހަ ކަމަކަށް ނުވިޔަސް އަހަރެއް ނުވަނީސް ދެ ލޯންޗު ނިންމައި އެ ހިދުމަތް ފެށުމުން ދިވެހި ސަރުކާރާއި ދިވެހިންނަށް ތައުރީފް ކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ. 

ސަފީރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއަކީ ވަރަށް ޒަމާންވީ ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި ރައީސް މުއިއްޒުގެ ވެރިކަމުގައި އެ ގުޅުން އެކި ދާއިރާތަކުން ބަދަހިވެފައިވާ ކަމަށެވެ. 

ފެރީގެ ހިދުމަތާ އެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ފަސޭހަވެ ދިރިއުޅުމަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ. 

އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ. އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އާރުޓީއެލް ފެރީގެ ހިދުމަތް ފެށީ 2022 ވަނަ އަހަރެވެ.