ކ. ހުރާގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯއާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕއިުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ބައިވެރިވެވަޑައިގަތެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އަޒްވަރު ވިދާޅުވީ ކ. އަތޮޅުގައި ހުރާ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ވެސް އެ ހިދުމަތްތައް ދެމުން އަންނަނީ ސްޓެލްކޯ އިން ކަމަށެވެ. 

ނަމަވެސް އެ ރަށުގައި އެ ހިދުމަތް ދެމުން އަންނަނީ ފެނަކައިން ކަން ފާހަގަ ކުރައްވައި އަޒްވަރު ވިދާޅުވީ ހުރާގެ ހިދުމަތްތައް ވެސް ސްޓެލްކޯގެ އެހެން ރަށްރަށާ އެއް ފެންވަރަކަށް، އެއް މިންގަނޑަކަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި މި ރަށުގައި [ހުރާގައި] ތަރައްގީގެ އިތުރު މަސައްކަތްތަކެއް މި ހިދުމަތާ ގުޅޭގޮތުން ކުރަން އެބަ ޖެހޭ. އެކަމާ ގުޅޭ ކަންތައްތައް ޕްލޭން ކުރެވި އެ މަސައްކަތްތައް މިހާރު ވެސް ކުރިއަށް އެބަދޭ،" އަޒްވަރު ވިދާޅުވި އެވެ.

ސްޓެލްކޯގެ ޑެޕއިުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި އަރިހުގައި ހުރާ ދާއރާގެ މަޖިލިސް މެމްބަރު އަނާރާ ނައީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ ޑެޕއިުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި އަރިހުގައި ހުރާ ދާއރާގެ މަޖިލިސް މެމްބަރު އަނާރާ ނައީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސްޓެލްކޯ

އޭނާ ވިދާޅުވި ގޮތުގައި ހުރާގައި ދެމުންދިޔަ ހިދުމަތްތައް މިހާރަށް ވުރެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނާ ގުޅިގެން ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ވަރަށް އަވަހަށް ފަށާނެ އެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފެނަކަ އާއި ރަށު ކައުންސިލާ ވެސް ގުޅިގެންނެވެ. 

އަޒްވަރު ވިދާޅުވީ މާދަމާ އެ ރަށު ހުރިހާ ގެއެއްގެ ރީޑިން ނެގުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށާނެ ކަމަށެވެ. އޭގެ ފަހުން ބިލް އަންނާނީ ސްޓެލްކޯ އިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ އެމްޑީ ނަޖާހު ވިދާޅުވީ ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާއަށް އެ ބަދަލު ގެނައުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅާއެކު ކަމަށެވެ. ރައީސްގެ ވިސްނުންފުޅަކީ މުޅި ކ. އަތޮޅަށް ވެސް ސްޓެލްކޯ އިން ހިދުމަތް ދިނުން ކަން އޭނާ ފާހަގަކުރެއްވި އެވެ. 

ނަޖާހު ވިދާޅުވި ގޮތުގައި އެ ކުންފުނިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރަން އިދާރީ ގޮތުން ވެސް ނިންމަން ޖެހޭ ކަންކަން އެބަހުއްޓެވެ. މިއަދުން  ފެށިގެން ވެސް ހުރާގައި ހިދުމަތް ފަށަން ދައްޗެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.  

އޭނާ ވިދާޅުވީ އިދާރީ ގޮތުން ވެސް ކުރަން ހުރި ކަންކަން މި މަހުގެ ނިޔަލަށް ނިންމައި ސްޓެލްކޯއާ ހަވާލުކުރާނެ ކަމަށެވެ.