ކުރިއަށް އޮތް ކުޑައީދު ބަންދާ ދިމާކޮށް ބޮކިފަތި ދިއްލާނީ ރާއްޖޭގެ ސިޓީތަކުގެ ވަކިވަކި ތަންތަނުގައި އެކަނި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަށް ދިން ޖަވާބުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ ސަރުކާރުން ހަރަދުތައް ކުޑަކުރުމުގެ ގޮތުން މި އީދުގައި ރަށްރަށުގައި ބޮކިފަތި ނުވަތަ އީދު ލައިޓް ހަރުނުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
"ފިތުރު އީދު ދިއްލުން ރަށްރަށުގައި މިވަގުތު ނުބާއްވާ ގޮތަށް، ހަމައެކަނި ރާއްޖޭގެ ފަސް ސިޓީގައި މިކަން ކުރިއަށް ގެންދާ ގޮތަށް. އެ ވެސް ކަނޑައެޅޭ ވަކި ލޮކޭޝަންތަކެއްގައި އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
"އެހެން ރަށްރަށުގައި މިކަން ކުރިއަށް ނުގެންދިއުމަށް، އެއީ ވެސް ސަރުކާރުން އަޅާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއް."
މި ނިންމުމާ އެކު ބޮކިފަތި ދިއްލާނީ މާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލަކު އަދި އައްޑޫގަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލު އަގު ބޮޑުވެފައިވާ މި ދަނޑިވަޅުގައި އީދަށް މާލެ އާއި ރަށްރަށުގެ މަގުތަކުގައި ބޮކިފަތި ހަރުކުރާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރަން ސަރުކާރު ކުންފުނިތަކުން ގިނަ ހަރަކާތްތަކެއް ބާއްވާތީ އެކަމަށް ވެސް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
ކުލަބޮކިތަކާއި ގިޑިގެތަކުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ދިއްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު 2023 ވަނަ އަހަރުގެ ބޮޑު އީދާ ދިމާކޮށް ފެއްޓެވި މަސައްކަތެކެވެ.
އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ކޮންމެ އަހަރަކު ވެސް އީދާ ދިމާކޮށް މާލެ އާއި އެކި ރަށްރަށުގައި އީދުގެ އުފާފާޅުކުރަން ލައިޓްތައް އަންނަނީ ދިއްލަމުންނެވެ. މިދިޔަ އަހަރުގެ ބޮޑު އީދު ފާހަގަކުރަން ސަރުކާރުގެ ހަރަދުގައި 65 ރަށެއް ވަނީ ދިއްލައިފަ އެވެ.