ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކުރިން ޑްރަގް ކޯޓް ހިންގި އިމާރާތާ ޖެހިގެން ހުރި އެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ހާދިސާގެ މައުލޫމާތު ރޭ ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން އަލިފާން ނިއްވަން މަސައްކަތްކުރި ކަަމަށެވެ.
ފުލުހުން ބުނީ އެ ސީން ޕްރޮސެސްކޮށް، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ހާއްސަ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ގުދަނަކީ ގަސްކާނާ އާއި ޕެސްޓިސައިޑްސް އާއި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއް ހުރި ތަނެއް ކަމަށް ފުލުހުން ބުންޏެެވެ.
އެތަނުގައި ރޯވި އަލިފާނު ނިއްވުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހުނުއިރު އެ ހާދިސާގައި ގުދަނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި އެ ސަރަހައްދުގައި ހުރި 13 ސައިކަލަކާއި ޕިކަޕަކާއި ޕްރައިމް ފާޓިލައިޒާގެ ވޭނަަކަށް ވެސް ގެއްލުންވި އެވެ.
ޓިނާއި ލަކުޑި ފަދަ ތަކެތިން ހަދާފައިވާ އެ ގުދަނުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، މުޅި ސަރަހައްދަށް އޮތީ ކެމިކަލް ދުންތައް ފެތުރިފަ އެވެ. އެހެންވެ، އެ ސަރަހައްދުގައި ހުރި 10 ގެއަކުން މީހުން ހުސްކޮށް 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނެވެ.
އެ ގުދަނަކީ ކުންފުނީގެ 80 ޕަަސެންޓް މުދާ ރައްކާކޮށްފައި ހުރި ތަނެކެވެ. އަދި އެ ހާދިސާ ހިނގިއިރު އެތަން ހުރީ އިންޝުއާ ނުކޮށެވެ.
އަލިފާން ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެތަނަށް ފެން ޖަހައި ކުރި މަސައްކަތުންނެވެ. އޭގެފަހުން ރޭ 11 ޖެހިފަހުން ވަނީ އެއާޕޯޓުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ވެހިކަލް ގެނެސް އެތަނަށް ފޯމު ޖަހައިފަ އެވެ. މުޅި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީގެ އޭގެ ފަހުންނެވެ.
އެކަމަކު އަލިފާން ނިއްވާލިއިރު މުޅި ތަން އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.