މި އަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް ސަރުކާރުން އިންތިޒާު ކޮށްގެން ބާއްވާ "އީދު ހަވީރު 1447"ގައި މޯލްޑިވްސް އެއާޕޯޓްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބައިވެރިވެ، ގިނަ ހަރަކާތްތަކެއް ބާއްވާނެ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.

މާދަމާ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އީދު ފެސްޓިވަލްގައި އެމްއޭސީއެލްއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އިންތިޒާމް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. 

އެމްއޭސީއެލްގެ ހަރަކާތްތައް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ސްޓޯލް ގާއިމް ކޮށްފައި ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ ފަރާތު އެންޓްރެންސްގަ އެވެ.

އެމްއޭސީއެލުން ބުނީ މި ހަރަކާތްތައް ކުރިއަށް ގެންދާނީ އީދު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ހަވީރު 6:00 އަށް ކަމަށެވެ.  

އެމްއޭސީއެލުން ބުނި ގޮތުގައި، މިއީ ކުޑަކުދިންނާއި އާއިލާތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޒޫޓޯޕިއާ" ތީމްގެ ކުޅިވަރު ސަރަހައްދެކެވެ.

މި ސަރަހައްދުގައި ޒޫޓޯޕިއާގެ ކެރެކްޓާ މެސްކޮޓްތައް ސްޓޯލް ކުރިއަށްދާ ވަގުތު ހަރަކާތްތެރިވަމުން ދާއިރު، މި ސްޓޯލްގެ އެންމެ ހާއްސަ އެއް ކަމަކީ ސްޓޯލްގެ މެދުގައި ތައްޔާރު ކޮށްފައިވާ "ޓްރީހައުސް" (ގަސްމަތީ ގެ) އެވެ.

މީގެ އިތުރުން، "އެކްސް ތްރޯއިން" (ކޮޅުފިލި އުކުން) "ރެކިން ބޯލް" އަދި "ޝޫޓް ޔޯ ޝޮޓް" ފަދަ ހުރިހާ އުމުރުފުރައަކާ ގުޅޭ ތަފާތު ކުޅިވަރުތަކުގައި ޒިޔާރަތްކުރާ މީހުންނަށް ބައިވެރިވެވޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

މިއީ މިފަދަ ހާއްސަ މުނާސަބަތުތަކުގައި ރައްޔިތުންނަށް އުފާވެރި އަދި އާއިލާތަކަށް މާނަހުރި ވަގުތުތަކެއް ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކެއް ކަމަށް އެމްއޭސީއެލުން ބުނެ އެވެ.