ތ. އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗެއް، އެމްޕީއެލްގެ ޓަގު ބޯޓެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ލޯންޗު ކެޕްޓަނަށް އަނިޔާވެއްޖެ އެވެ. 

ފުލުހުން ބުނީ ދ. މީދޫ "މަހުމާ އެކްސްޕްރެސް" އާއި ޓަގު ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:39 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ލޯންޗުން ދަތުރުކުރީ ލޯންޗުގެ ކެޕްޓަނާއި ތިން ކްރޫންނެވެ.

އެކްސިޑެންޓުގައި ލޯންޗުން ދަތުރުކުރި މީހަކަށް އަނިޔާވުމުން އެމްޕީއެލް މުވައްޒަފުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެހީވަނީ.-- ފޮޓޯ: އިރުވަރު އޮންލައިން / ފޭސްބުކް
އެކްސިޑެންޓުގައި ލޯންޗުން ދަތުރުކުރި މީހަކަށް އަނިޔާވުމުން އެމްޕީއެލް މުވައްޒަފުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެހީވަނީ.-- ފޮޓޯ: އިރުވަރު އޮންލައިން / ފޭސްބުކް

އެ އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. 

އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ނުދިން ނަމަވެސް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި ލޯންޗަށް އެކި ވަރުގެ ގެއްލުން ލިބިފައި.-- ފޮޓޯ: އިރުވަރު އޮންލައިން / ފޭސްބުކް
އެކްސިޑެންޓުގައި ލޯންޗަށް އެކި ވަރުގެ ގެއްލުން ލިބިފައި.-- ފޮޓޯ: އިރުވަރު އޮންލައިން / ފޭސްބުކް

އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގީ ތ. އަތޮޅުން މާލެ އައިސް މީހުން ހުސްކުރުމަށް ފަހު ޕެޓްރޯލް އަޅަން ދަނިކޮށް މާލޭ ކަސްޓަމްސް ސަރަހައްދުގައި އޮތް ޓަގްބޯޓެއްގައި ޖެހިގެންނެވެ. 

އެ އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. އެގޮތުން ލޯންޗުގެ ބައެއް ގޮނޑިތައް ނެއްޓިފައި ވާއިރު ޓަގު ބޯޓުގައި ޖެހުނު ބައި އޮތީ އެއްކޮށް ހަލާކުވެފަ އެވެ.