އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޕާޓް ޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިފި އެވެ. 

އެ ހިދުމަތް ފަށާނެ ކަމަށް އެންމެ ފުރަތަމަ ބުނީ މިދިޔަ އަހަރު ޖުލައި ހިސާބުގަ އެވެ. އެކަމަކު ޓެކްސީ ލައިން ފެށުން ލަސްވެ، އެމްޓީސީސީން މިހާރު ބުނެފައި ވަނީ ވަރަށް އަވަހަށް ހިދުމަތް ފަށާނެ ކަމަށެވެ.

އެމްޓީސީސީން ބުނީ މާލޭ ޓެކްސީ ލައިން ހިދުމަތާ ގުޅުމަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންނަށް ޕޯޓަލް މެދުވެރިކޮށް ޕާޓް ޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީވެވޭނެ ކަމަށެވެ. 

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ވެސް ވަނީ ޓެކްސީ ލައިނުގައި މަސައްކަތްކުރާނެ ޑްރައިވަރުން ހޯދަން އިއުލާނުކޮށްފަ އެވެ. އެ ހިދުމަތަށް 407 ޑްރައިވަރުން ބޭނުންވާ ކަމަށް އޭރު ކުރި އިއުލާނުގައިވެ އެވެ. އަދި އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ. 

އެކަމަކު އެފަހަރު ކުރިމަތިލީ 366 މީހުންނެވެ. އެއީ ފުލް ޓައިމްކޮށް މަސައްކަތް ކުރުމަށް އެދި ހުށަހަޅާފައިވާ 188 އެޕްލިކޭޝަނަކާއި ޕާޓް ޓައިމްކޮށް މަސައްކަތް ކުރުމަށް ހުށަހެޅި 178 އެޕްލިކޭޝަނެކެވެ. އޭގެ ފަހުން ވަނީ ޑްރައިވަރުން ހޯދުމަށް ވޯކިން-އިންޓަވިއުއެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. 

ޓެކްސީގެ ހިދުމަތް ވަރަށް އަވަހަށް ލޯންޗުކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވާއިރު އެ ލައިންއަށް ނަމްބަރެއް އިއްޔެ ތައާރަފުކޮށްފައިވެ އެވެ. އެއީ 1655 އެވެ. 

އެމްޓީސީސީއާ ހަވާލުކޮށްގެން ފެށުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިނުގެ ހިދުމަތް 24 ގަޑިއިރު ދޭނީ  އެޕްލިކޭޝަނަކުން ޓެކްސީއަށް އެދެވޭ ގޮތަށެވެ. 

އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ.

ކުރިން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވާ ގޮތުގައި އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 އުޅަނދެވެ. އަދި އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި އެ ޓެކްސީތަކުގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ފަދަ ކުދި ޓެކްސީ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. 

ސަރުކާރުން ޓެކްސީ ވިޔަފާރީއަށް ވަންނަނީ އަމީން ވިދާޅުވި ގޮތުގައި މިހާރު ވެސް ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރު އެ މީހަކު ބޭނުންވާ ވަގުތެއްގައި ނުކުމެ، ބޭނުންވާ ތަނަކަށް އެކަނި ދަތުރު ކުރާތީ އާއްމުންނަށް ކުރިމަތިވާ އުނދަގޫތަކާ ހެދި އެވެ.