މާލޭގައި އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ފަސް ކާރު ހާއްސަކޮށްފައިވަނީ ވިލިމާލޭގައި ދަތުރުކުރުމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ. 

ބީއެމްއެލް މެދުވެރިވެގެން ވިލިމާލޭގައި ތަރައްގީކުރާ 300 ފްލެޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ފަށާއިރު ވިލިމާލޭގެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފަސް ޓެކްސީ ބޭނުންކުރާނެ ކަމަށެވެ. 

މިއީ އިލެކްޓްރިކް ޓެކްސީތަކެއް ކަމަށް ވާތީ އެއީ ވިލިމާލޭގެ މާހައުލާ ގުޅޭ ވެހިކަލްތަކެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 

"ސަރުކާރުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފެށޭއިރުގައި މިރަށުގައި ވެސް އޭގެ ފަސް ޓެކްސީ ގެނެސް ރައްޔިތުންނަށް އެ ހިދުމަތް ދެވިގެންދާނެކަން. މިއީ އިލެކްޓްރިކް ޓެކްސީތަކަކަށްވާތީ މިރަށުގެ މާހައުލާއި މިރަށުގެ ރައްޔިތުންގެ ފަސޭހަކަމާއި މިރަށުގެ ތަރައްގީއަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާނެ ކަމެއްކަމީ ޝައްކެއް އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ. 

ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ކާރުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ރާއްޖެއަށް ގެނެސްފަ އެވެ. ޖުމުލަ 150 ކާރު ގެންނަން ނިންމާފައިވާއިރު ފުރަތަމަ ބުރުގައި ގެނައީ 60 ކާރެވެ. ދެވަނަ ޝިޕްމަންޓު ރާއްޖެ ގެނެވޭނެ ކަމަަށް އެ ކުންފުނިން ލަފާކުރަނީ އަންނަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު 90 ކާރު ގެންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. 

ސަރުކާރުން ފަށާ ޓެކްސީގެ ހިދުމަތަށް ރާއްޖެ ގެނައީ ޗަންގަން އޮޓޯމޮބައިލް ބްރޭންޑުގެ ކާރުތަކެވެ. އެއީ ލުމިން S05 އާއި S07 މޮޑެލްގެ ކާރެވެ. 

އެމްޓީސީސީން ނިންމާފައި ވަނީ މާލެ ޓެކްސީ ލައިންގެ ދާއިމީ ޑްރައިވަރުން ހާއްސަ ޔުނިފޯމެއްގައި ތިބޭ ގޮތަށެވެ. ޕާޓްޓައިމް ޑްރައިވަރުން ތިބޭނީ އެ ކުންފުނިން ބުނި ގޮތުގައި ވެސްޓް ލައިގެންނެވެ.

މާލެ ޓެކްސީ ލައިންގެ ހިދުމަތުގެ އަގުތައް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. 

އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެ އިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ. އެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.