ސިނަމާލެ ބުރިޖުގެ މާލެއާ ވީ ފަޅިން ގޮނޑުދޮށުގައި، އެ ބިނާގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ މައްސަލަ ފެންމަތިވުމުން ފުލުހުން މިއަދު އެތަން ބަލައި ފާސްކޮށްފި އެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖުގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ބަޔަކު އެތަން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަން ހުއްޓުވުމަށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އަދި، މިފަދަ މައްސަލަތަކުގައި އިޖުތިމާއީ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެ ފަރާތްތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާ ވާހަކަ ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ކަހަލަ ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކޮށް ރިޕޯޓްކުރުމަކީ އެކަންކަމަށް ވަގުތުން ފިޔަވަޅު އެޅުމަށް މަގުފަހި ވާނެ ކަމެއް ކަމަށެވެ.
ބްރިޖު ދަށުގައި ބަޔަކު ނިދައި، އެތަނުގައި ދިރިއުޅޭ މައްސަލަ ފެންމަތިވީ "ދުވަސް" ނޫހުން ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި ވީޑިއޯއަކާ އެކު އެވެ.
އެތަނުގައި ބިދޭސީއަކު ނިދަން އޮތް މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
ބްރިޖު ދަށުގައި ނިދުމަށް އެތަނުގައި އޮތީ ކުނަލާއި ސަތަރި ކަހަލަ ތަކެތި ވެސް އަޅައިފަ އެވެ.
އާންމުވެފައިވާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެތަން އޮތީ ކުނިން ވެސް ފުރިފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ބިދޭސީންނާ މެދު އިހުމާލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ސަރުކާރުން ވަނީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމުގެ އިތުރުން ގިނަ ބަޔަކު ވަނީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ވެސް ކޮށްފަ އެވެ. އަދި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކްސް ނެގުމުގެ މަސައްކަތް އަދިވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.