ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ހާސިލުވާ ނަތީޖާ މިހާރަށް ވުރެ ރަނގަޅު ވާނެ ކަމަށް ތަޖުރިބާކާރު ގާނޫނީ ވަކީލް ޝާހީން ހަމީދު ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގަން ތައްޔާރުވެފައިވަނިކޮށް ބާ ކައުންސިލުން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ޝަހީން ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއިދު ކުރައްވައިފަ އެވެ.
ޝާހީން ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުރަނގަޅު މާ ގިނަ ކަންތައްތަކެއް އަންނާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެ ބަދަލުގެ ނަތީޖާއަކަށް ވެގެންދާނީ އޭނާ ވިދާޅުވި ގޮތުގައި ދައުލަތް ހިންގާ ފަރާތާއި ގާނޫނު ހަދާ ފަރާތް އެއް ދުވަސްވަރެއްގައި ބަދަލުވުމެވެ.
"އެއް ފަހަރާ ބޭއްވުން އޭގެ ނަތީޖާ ރަނގަޅު ވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ. އެއީ ތަފާތު ކަންތައްތަކެއް ނުވަތަ ބާރުތަކެއް ބޭނުން ކުރުން ފަދަ ކަންކަން މަދުވެގެން ދާނެ. އެއީ ދެން ހޮވޭނީ ކޮން ބޭފުޅެއް ކަމެއް ނޭނގެ ރިޔާސީ އިންތިހާބުގައި ވެސް މަޖިލީހުގެ އިންތިހާބުގައި ވެސް،" ޝާހީން ވިދާޅުވި އެވެ.
ޝާހީން ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން އިންތިހާބީ އެއްވެސް ހައްގެއް އުނި ނުވާ ކަމަށެވެ. ގާނޫނުއަސާސީއަށް ގެންނަ ބަދަލަކީ ދެ އިންތިހާބު އެއްކޮށްލުން ނޫން ކަމާއި ނަމަވެސް، އެއް ދުވަހެއްގައި ދެ އިންތިހާބު ވެސް ކުރިއަށް ގެންދިޔުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން ގާނޫނުއަސާސީގެ އޮނިގަނޑަކަށް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް އަޅުގަނޑަކަށް ނުބެލެވޭ. އަދި ފާރަވެރިވުމުގެ ނިޒާމަށް ވެސް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ޝާހީން ވިދާޅުވި އެވެ.