ސްވިފްޓުން ބީއެމްއެލް ސަސްޕެންޑުކޮށްފައި ވާތީ ކްރޮސްބޯޑާ ޕޭމަންޓުތައް ނުހެދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ. 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބީއެމްއެލް އިން ހުޅުމާލެ 1 ގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްގެން އިމާރާތްކުރާ 364 ފްލެޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ބޭންކާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރަނީ އެ ބޭންކާއި މުޅި ރާއްޖޭގެ އިގުތިސާދަށް ވެސް ގެއްލުން ލިބޭ ގޮތަށް ކަމަށެވެ. 

އެގޮތަށް ފަތުރާ އެއް ވާހަކައަކީ ސްވިފްޓުން ބީއެމްއެލް ސަސްޕެންޑުކޮށްފައި ވާތީ ޓީޓީ ފަދަ ކްރޮސްބޯޑާ ޕޭމަންޓްސް ނުހެދޭ ކަމަށާއި ބޭންކުގެ ނޮސްޓްރޯ އެކައުންޓްތަކުގައި ފައިސާއެއް ނެތް ކަމަށް ބުނެ ފަތުރާ ދޮގު ވާހަކަތައް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން އަޅުގަނޑު ދަންނަވާލަން އޮތީ މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެކޭ،" އޭނާ ވިދާޅުވި އެވެ.

"ސްވިޓުން ސަސްޕެންޑެއް ވެސް ނުކުރޭ. ބޭންކުގައި ބޭރު ފައިސާގެ ލިކުއިޑިޓީ ހުންނަން ޖެހޭ ވަރަށް އެބަހުރި. އަދި ނޮސްޓްރޯ އެކައުންޓްތަކުގައި ވެސް ހުންނަން ޖެހޭ ލިމިޓަށް ބޭރު ފައިސާ އެބަހުރި. އަދި ބޭންކުން މި ދަނީ ކްރޮސްބޯޑާ ޕޭމަންޓްސް ހިދުމަތާއި ކާޑުގެ ހިދުމަތާއި ޓީޓީ ހިދުމަތް ވެސް ހިމެނޭހެން ހިދުމަތް ދެމުން."

ބީއެމްއެލް އިން ހުޅުމާލެ 1 ގައި އަޅާ 364 ފްލެޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ބީއެމްއެލް އިން ހުޅުމާލެ 1 ގައި އަޅާ 364 ފްލެޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޝަރީފް ވިދާޅުވި ގޮތުގައި، ނޮސްޓްރޯ އެކައުންޓްތަކުގައި ފައިސާ ނެތް ނަމަ، އިންޓަނޭޝަނަލް ޕޭމަންޓްސްގެ އެއްވެސް ހިދުމަތެއް ބޭންކަކަށް ނުދެވޭނެ އެވެ. އަދި ބޭންކުގެ ހުރިހާ ހިދުމަތެއް މެދުކެނޑުމެއް ނެތި ފުރިހަމައަށް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. 

މެދުއިރުމަތީގައި ހިނގާ ހަނގުރާމައިގެ ސަަބަބުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ މި ހައްސާސް ދަނޑިވަޅުގައި މިފަދަ ދޮގު މައުލޫމާތު ފެތުރުމުން އާންމުންނާއި ބޭންކުގެ ކަސްޓަމަރުންނާއި ބޭންކުގެ ޕާޓްނަރުންނާއި ބޭންކާ މެދު ނުބައި ތަސައްވުރެއް އުފެއްދުމުގެ ބޭނުމަކީ ރާއްޖޭގެ ބޭންކިން ނިޒާމައި އިގުތިސާދަށް ގެއްލުން ދިނުން ކަމަށް ޝަރީފް ސިފަކުރެއްވި އެވެ. 

ޝަރީފް ވިދާޅުވީ ބޭންކާ ގުޅޭ މައުލޫމާތު ދޭނީ ސީދާ ބޭންކުން ނުވަތަ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ކަމަށެވެ.

"ކާކުކަން ނޭނގޭ ގޮތަށް، ބޭންކުން ދޭ ސައްހަ މައުލޫމާތަށް ބިނާ ނުކޮށް ފަތުރާ މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މި ފުރުސަތުގައި ދަންނަވާލަން،" އޭނާ ވިދާޅުވި އެވެ. 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިން ހުޅުމާލެ 1، 3 އަދި ވިލިމާލޭގައި ޖުމްލަ 3،800 ފްލެޓް އަޅަން ވަނީ ނިންމައިފަ އެވެ.