މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި އިސްމާއިލް އާސިފަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް އޭނާ ޖަލުން ދޫކޮށްލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އާސިފްގެ ހުކުމް ފަސް ދުވަހަށް ކުރު ކުރުމަށް ފަހުކަން "މިހާރު" އަށް އެނގިއްޖެ އެވެ. 

ރ. މަޑުއްވަރީ، ދާރުލް އައްވަލް، އާސިފްގެ މައްޗަށް ސެޕްޓެމްބަރު 2022 ގައި 10 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދީ މޫދަށް އެއްލައިލި މައްސަލައިގަ އެވެ. 

ހައްމާދަކީ މަޑުއްވަރީގައި ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ވެސް 2019 ވަނަ އަހަރު ހައްޔަރުކުރި މީހަކަށް ވާއިރު އޭނާ ޖަލަށްލި މާރާމާރީ ހިނގީ ވެސް ރިސޯޓްތަކާއި ބައެއް ރަށްތަކުގެ ވަގަށް ނަގާ ތަކެއްޗަކީ ޣަނީމާ މުދާ ކަމަށް ބުނެ ކުރި ވައްކަމެއް ފަޅާއެރުމުން ކަމަށް އެނގިފައިވެ އެވެ. އެއީ ވަގަށް ނެގި ބައެއް ތަކެތީގެ ޒިންމާ ނަގަން ހައްމާދު އިންކާރު ކުރުމުންނެވެ.

މިދިޔަ އަހަރު ވެސް އާސިފް ވަނީ އޭނާގެ ބޭބެގެ ބޮލަށް ވަޅިއަކުން ހަމަލާދިން މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އެ މާރާމާރީ ހިންގީ ބައްޕަގެ އަތުން 20ރ. ހޯދަން އުޅުނު މައްސަލައެއްގެ ތެރެއިން އުފެދުނު ދެބަސްވުމެއްގައި ކަމަށް އޭރު މަޑުއްވަރިން ވާހަކަ ދެއްކި މީހުން ބުނެފައިވެ އެވެ. 

އާސިފްގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލާން 2022 ގައި ހުކުމްކޮށްފައި ވިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، ތަންފީޒުކުރަން އޮތީ ހަތް އަހަރާއި ތިން މަހުގެ ޖަލު ހުކުމެކެވެ.

އެކަމަކު ހުކުމުގެ މުއްދަތު ހަމަނުވަނީސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސެޕްޓެމްބަރު 19، 2023 ގައި ސޮއިކުރައްވާފައި އެންގެވުމަކުން އާސިފް މިނިވަންކުރީ ހުކުމުގެ މުއްދަތު ފަސް ދުވަހަށް ކުރުކޮށްދިނުމަށް ފަހުގައިކަން ވަނީ އެނގިފަ އެވެ. އެއީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ. 

އާސިފްގެ ޖަލު ހުކުމުގެ މުއްދަތު ކުރުކޮށް އަންގާފައި އޮތީ، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުން ތަންފީޒު ނުވެ ބާކީ އޮތް މުއްދަތު އެ ގާނޫނުގެ 4 ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައިވާ ގިންތިއަށް ނިސްބަތްކޮށް ސެޕްޓެމްބަރު 19، 2023 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހަށް ކުރުކޮށްދިނުމަށެވެ. 

އާސިފް މި ފަހަރު ހައްޔަރުކޮށްފައިވަނީ އިތުރު ބަޔަކާ ބައިވެރިވެގެން ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއްގަ އެވެ. އެ ފައިސާ ވަގަށް ނެގީ އާސިފްގެ ބޭބެއެއް ކަމަށްވާ ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ގޭގެ ތިޖޫރީންނެވެ. 

ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުވާ މީހުން.
ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުވާ މީހުން.

އެ ފައިސާ އޭނާ އިސްވެ ހުރެ ވަގަށް ނަގާފައި ވަނީ މިދިޔަ ރޯދަ މަހުގެ ފަހު ދިހައެއްގައި އެ އާއިލާ އުމްރާއަށް ދިޔަ ވަގުތެއްގަ އެވެ. އޭރު އެ ގޭގައި އާސިފް ފިޔަވައި އިތުރު މީހަކު ނެތް ކަމަށްވެ އެވެ.

އެ ކަމެއް ހިނގުމުގެ ދުވަސްތަކެއް ކުރިން މަނިކު ސޭޓު ވަނީ އާސިފަށް ވަޒީފާއެއް ވެސް ހަމަޖައްސައިދީފައި ކަމަށްވެ އެވެ. 

މަނިކު ސޭޓަކީ މީގެ 45 ވަރަކަށް އަހަރު ކުރިން ފެށިގެން މާލޭގައި ވިޔަފާރި ކުރަމުން އަންނަ މީހެކެވެ. ސުވެނިއާ ޝޮޕްތަކާއި އާދައިގެ ފިހާރަތައް ވެސް އޭނާ މާލޭގައި ހިންގަ އެވެ. 

އާސިފްގެ އިތުރުން ވައްކަމުގެ މައްސަލާގައި ހައްޔަރުކުރި މީހުން: 

  • މުހައްމަދު ނޫރު އަހްމަދު، 40، ކަސްތޫރިމާގެ / ޅ.ނައިފަރު
  • މުހައްމަދު އަފްރާހް، 40، މޫންލައިޓްވިލާ / ސ.މީދޫ
  • އަހްމަދު ފާރިސް، 39، މ. އޭސިއާ 

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ތަހުގީގީ މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމަކު މި މައްސަލާގައި ތުހުމަތުވާ އެކަކު އަދި ހައްޔަރު ނުކުރެވޭ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.