ބޯޓެއްގައި މަސައްކަތް ކުރަނިކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ބިދޭސީ މީހާގެ މައްސަލާގައި ދައުލަތުން އުފުލި މުހައްމަދު ނިޒާމްގެ މައްޗަށް މަރުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ ލިޓަން ޑިސެމްބަރު، 2022 ގައި ބޯޓެއްގައި ވިލިމާލެއިން ފުރިފަހުން އޭނާއަށް ވީނުވީ ގޮތެއް ނޭނގި ވަނީ ގެއްލިފަ އެވެ. އެ މައްސަލާގައި އޭނާ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ އެ ބޯޓުން އޭނާއާއެކު ދަތުރުކުރި ގދ. ތިނަދޫ މަނާރު، ނިޒާމްގެ މައްޗަށެވެ. އެއީ ރާއްޖޭގައި ގެއްލިފައިވާ މީހެއްގެ މައްސަލާގައި މީހަކު މެރުމުގެ ދައުވާ ކުރި ފުރަތަމަ ފަހަރެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ލިޓަން މޫދަށް ވައްޓާލީ އޭނާގެ އަތުގައި ހުރި ފައިސާގެ ބޭނުމުގަ އެވެ. 

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ ލިޓަންއާއެކު ދަތުރުކުރި ކަމަށާއި އަދި އޭނާ މޫދަށް ވައްޓާލި ކަމަށާއި އަދި އެކަން ކުރީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށް ނިޒާމް ހައްޔަރުކުރި ވަގުތު ފުލުހުންގެ ގާތުގައި ބުނެފައިވާ ކަމަށް ފުލުހުން ހެކިބަސް ދީފައިވާ ކަމަށެވެ. 

ގާޒީ ވިދާޅުވި ގޮތުގައި ގަލުފަޅު ކިޔާ ސަރަހައްދަކަށް ލިޓަން ވައްޓާލި ކަމަށް ނިޒާމްގެ ތަހުގީގުގައި ބަޔާނުގައި އެއްބަސްވެ، އެކަން ހިނގި ގޮތް ތަފްސީލުކޮށް ނިޒާމް ކިޔައިދީފައިވެ އެވެ. އަދި ތަހުގީގު ބަޔާނާއި ފުލުހުން ހޯދި ހެކިތަކުން ހާމަވާ ކަންކަން ދިމާވާއިރު، އެ ހާދިސާ ހިނގި ކަމަށް ނިޒާމް ބުނި ވަގުތުގެ ފަހުން ލިޓަންއަށް ގުޅިފައި ނުވާކަން ހެކިންގެ ބަހުން އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހުކުމުގައި ފާހަގަކުރި ކަންކަން

- ލިޓަން ވައްޓާލި ސަރަހައްދުގެ ގޮތުން އޭނާ ސަލާމަތްވުމުގެ ފުރުސަތު ކުޑަ

- ލިޓަންއާ މެދު ނިޒާމްގެ އަދާވާތްތެރިކަން އޮތްކަން ސާބިތުވޭ

- ނިޒާމްގެ ތަހުގީގު ބަޔާނުގައި ލިޓަން މޫދަށް ވައްޓާލި ކަމަށް އެއްބަސްވި

- ދެން ހުރި ހެކިތަކާއި ނިޒާމްގެ ތަހުގީގު ބަޔާނުގައި ހުރި ވާހަކަތައް ދިމާވޭ

- ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ ސާބިތުވޭ  

ލިޓަން ވައްޓާލި ސަރަހައްދުގައި އިސްކޮޅު ޖެހޭ ތަންތަން ހުއްޓަސް، އެ ސަރަހައްދަކީ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދަކަށް ވާތީ އާއި އެ ހާދިސާ ހިނގީ ރޭގަނޑު ވަގުތެއްގައި ކަމަށްވާތީ އާއި ކައިރީގައި ހިކިފަސް ތަނެއް ނެތުމުންނާއި ވެއްޓޭ ގޮތުން އަނިޔާއެއް ލިބުމުގެ ފުރުސަތު އޮތުމުން ލިޓަން ސަލާމަތްވުމުގެ ފުރުސަތު ކުޑަ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ހާދިސާ ހިނގިތާ އެތައް އަހަރެއް ވެފައިވާއިރު، މިހާތަނަށް ލިޓަން ދިރިހުރިކަމުގެ ނިޝާނެއް ލިބިފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. 

ތަހުގީގަށް ބަޔާން ދިނީ މަޖުބޫރު ކޮށްގެން ކަމަށް ނިޒާމް ބުނެފައި ވިޔަސް، އެކަމާ ގުޅޭގޮތުން ތަފާތު ދެ ގޮތަކަށް ނިޒާމްގެ ފަރާތުން ވާހަކަ ދައްކާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ބަޔާން ނެގީ ދިފާއީ ވަކީލެއްގެ ހާޒިރުގައި ކަމަށް ވާއިރު، އެފަދަ މަޖުބޫރު ކަމެއްގެ ވާހަކަ ވަކީލަށް އަންގާފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މަޖުބޫރު ކުރިކަމުގެ ޝަކުވާއެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅިކަމުގެ އެއްވެސް ހެއްކެއް ނިޒާމްގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. 

ތަހުގީގަށް ބަޔާން ނެގުމުގައި މަޖުބޫރު ނުކުރާ ކަމަށް ފުލުހުންގެ ހެކިބަހުގައި ބުނާއިރު، ތަހުގީގުގެ ވީޑިއޯ ފުޓޭޖުން ވެސް، ބަޔާން ނެގި ވަގުތު ނިޒާމްގެ ފަރާތުން އެއްވެސް ހާސްކަމެއް ފެންނަން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ބަޔާން ދިނީ މަޖުބޫރު ކުރުމުން ކަމަށް ނިޒާމް ބުނި ނަމަވެސް އެ ބަޔާނުގައި ހުރި ވާހަކަތަކަށް ނިޒާމްގެ ފަރާތުން އިންކާރު ކޮށްފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. 

ގާޒީ ވިދާޅުވި ގޮތުގައި ލިޓަން ގެއްލުނު ދުވަހު އޭނާއާއެކު ދަތުރުކުރީ ނިޒާމް އެކަނިކަން ހެކިތަކުން ސާބިތުވެ އެވެ. އަދި ލިޓަން ފުރުމުގެ ކުރިން 90،000 އަށް ވުރެ ގިނަ ރުފިޔާ އޭނާ އަތަށް ލިބުނުކަން ހެކިންގެ ބަހުން އެނގޭއިރު، ނިޒާމްގެ ތަހުގީގު ބަޔާނުން ވެސް ލިޓަންގެ އަތުގައި ފައިސާ ހުރިކަން ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.  

ލިޓަން އަތުން އެއްބަސްވެފައިވާ މިންވަރަށް ފައިސާ ނުލިބޭ ކަމަށް ނިޒާމްގެ ތަހުގީގު ބަޔާނުގައި ބުނެފައި ވާތީ، އެ ދެ މީހުން ފުރައިގެން ދިޔައިރު ލިޓަންއާ މެދު ނިޒާމްގެ އަދާވާތްތެރިކަން އޮތްކަން ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. 

ނަމަވެސް ގާޒީ ވިދާޅުވި ގޮތުގައި ގަސްދުގައި މީހަކު މެރުމުގެ ކުށް އިސްލާމީ ޝަރީއަތުގައި ބުނާ އެއްވެސް ޝައްކެއް ނެތް މިންގަނޑުން ސާބިތުވާ މިންވަރުގެ ހެއްކެއް އެ މައްސަލާގައި ނެތެވެ. އެހެންވެ، ގާނޫނުލްއުގޫބާތުގެ ދަށުން އިންސާނެއްގެ ފުރާނައިގެ މައްޗަށް ފަރުވާލެއް ނެތި ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ ގާނޫނުގައި ބުނާ މިންގަނޑުން ނިޒާމްގެ މައްޗަށް ސާބިތުވާ ކަމަށް ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ. 

އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމުން ދައުލަތުން އެދުނީ ލިޓަންގެ އާއިލާގެ ހާލަތު ބެލުމަށް ވަގުތު ބޭނުންވާތީ އިތުރު ފުރުސަތެއް ދިނުމަށެވެ. ނަމަވެސް އަދަބުގެ މިންވަރާ ބެހޭގޮތުން ސުވާލު ކުރުމުން ދައުލަތުން އެދުނީ އަދަބުގެ ދަރަޖަ މަތިކޮށް، 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެހެންވެ، އަދަބުގެ ކަނޑައެޅުން އެހެން ދުވަހަށް ވަނީ ފަސްކޮށްފަ އެވެ.  

އެ މައްސަލާގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން ވައްކަމުގެ ދައުވާއެއް ވެސް ދައުލަތުން ކުރި އެވެ. އެއީ ލިޓަންގެ ފައިސާ ވަގަށް ނެގި ކަމަށް ބުނެ އެވެ. އަދި އެ ދައުވާ ވެސް ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ. 

އެ މައްސަލާގައި ނިޒާމްގެ މައްޗަށް ކުށް ސާބިތުވިއިރު ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް ކުރިން އޮތީ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.