އަންނަ ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވަރަށް ވިއްސާރަ ކުރާނެ ކަމަށެވެ. 

ހުކުރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވި ނަމަވެސް ކެރީގެ އަސަރު ކޮންމެ ވެސް ވަރަކަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހުކުރު ދުވަހުން ފެށިގެން ވާރޭ ވެހުން މަދުވާނެ ކަމަށް ލަފާކުރެވުނަސް ވަޔާއި ކަނޑުތައް ކޮންމެވެސް ވަރަކަށް ގަދަވާނެ ކަމަށް ބެލެވެ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ލަފާ ކުރެ އެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. ވާރޭވެހުނު ނަމަވެސް އިހުސާސްކުރެވޭ ފިނިހޫނުމިން ހުންނާނީ މަތީގައި ކަމަށް މެޓުން ވަނީ ބުނެފަ އެވެ.