މައުމޫންގެ އާއިލާ ދެކޮޅުން "ފަރީއްކުޅުއްވީމަ" އިޚުލާސްތެރިކަމެއް ނެތް: އަލީ ވަހީދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އިސްލާހީ މަސައްކަތްޕުޅު ކުރައްވާއިރު، ސަރުކާރުގެ އިތުރުން އިދިކޮޅު ހަރަކާތުގައި ވެސް އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ތިއްބެވުމަކީ އެ މަސައްކަތްޕުޅުގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.


ގައުމު އިސްލާހުކުރަން އިދިކޮޅު ލީޑަރުން ގުޅިގެން ހިންގާ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ކުރެއްވި ޓްވީޓްތަކެއްގައި އަލީ ވަހީދު ވިދާޅުވީ، އެންމެން ހަނާވާއިރު މައުމޫންގެ އާއިލާގެ 50 ޕަސެންޓް އޮތީ އިއްތިހާދާ އެކު ކަމަށާއި އަނެއް 50 ޕަސެންޓް އޮތީ ސަރުކާރަށް ދީފައި ކަމަށެވެ. މިގޮތަށް، އަމަލުކުރައްވައިގެން ގައުމާއި ރައްޔިތުންނަށްޓަކައި ނެރެވޭ ނަތީޖާ، 100 ޕަސެންޓް ދިނުމާ ވަރަށް ތަފާތުވާނެ ވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އެކޮޅު އޮތަސް 50 ޕަސެންޓް، މިކޮޅު އަޔަސް 50 ޕަސެންޓް، ދެން ރަނގަޅުތާ ދެއްތޯ؟ އެއްޗެކޭ ބުނާ މީހާ ގޯސްވާނީ. ފެންނަން އޮތީ މި ހަގީގަތް. ގުނބޯ ނުހައްދާ،" މައުމޫން ޑީއާރުޕީ އުފެއްދެވިއިރު އެ ޕާޓީގައި އެމަނިކުފާނުގެ އަރިހުގައި އިސްކޮށް މަސައްކަތް ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރެސް ކޮންފަރެންސެއްގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ.
އަލީ ވަހީދު ކުރެއްވި ޓުވީޓެއް.

އޭނާގެ ފާޑުވިދާޅުވުން މި ގޮތަށް މި އަމާޒުކުރެއްވީ، މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ޔުމްނާ މައުމޫން އިދިކޮޅު ފަރާތްތަކާ އެކު ހަރަކާތްތެރިވާއިރު، ދަރިކަލުން މުހައްމަދު ޣައްސާން މައުމޫނާއި ދުންޔާ މައުމޫން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވުމުންނެވެ.

މި ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، މިހާރު ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ޣައްސާން އަދާކުރައްވަނީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމެވެ.

"އެންމެން އަނިޔާ ތަހައްމަލްކުރާއިރު ގައްޔޫމް އާއިލާ ދެކޮޅުން ފަރިއްކުޅުއްވީމަ އަޅުގަނޑަކަށް އެކަން ގަބޫލެއް ނުކުރެވޭ، ހިޔާލަކީ ތަފާތު އެއްޗެއް،" އަލީ ވަހީދުު ވިދާޅުވި އެވެ.

"ހާންދާނީ ވެރިކަމާ ދެކޮޅު، ދެ އޮޑިއަށް ދެފައި ލައިގެން ތިބޭ މީހުންނާ ވެސް ދެކޮޅު."

ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ހައްޔަރު ނުވެ ހުރި ހަމައެކަނި ލީޑަރަކީ މައުމޫން ކަން ފާހަގަކުރައްވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ރައީސެއްގެ ގޮތުގައި ދެއްކެވީ މައުމޫން ކަމަށެވެ. އަދި އާއިލާ ދެކޮޅަށް ބައްސަވައިގެން ނުހުންނަވައި ގޯސް ރަނގަޅު ކުރައްވަން އޭނާ މައުމޫނަށް ގޮވާލެއްވި އެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅު މީހުން ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް ތަހުގީގު ހިންގަން ފެށުމުން އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކުރައްވައިގެން ހުންނެވި އަލީ ވަހީދު ވިދާޅުވީ އުމުރު ދުވަހު ރާއްޖެ ނުދެވި މަރުވިޔަސް ރައީސް ޔާމީނަށް އަމާން ނުދެއްވާނެ ކަމަށެވެ. މައުމޫނާ އެކު އެމްޑީޕީން އިސްލާހީ މަސައްކަތް ފަށައިގެން އުޅޭތީ، އެމްޑީޕީ މެމްބަރުން ނުރުހުމަކީ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާސިމް އުމުރުން 67 އަހަރުގައި ކުޑަގޮޅީގައި ބާއްވާފައި ވަޒީރު ކަމުގައި ގައްޔޫމްމެން ތިބީމަ 'ނޭޝަން ފަސްޓް' އެއް ނުވޭ ނޫންތޯ؟ ޕޮލިޓިކްސް ތޯ އެއީ؟ ނޫން،" އަލީ ވަހީދު ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުން ޖަލަށް ލީ އަނިޔާއާ ދެކޮޅަށް ނިކުތުމުން ކަމަށާއި މައުމޫނަކީ މިނިވަންކޮށް ހުންނެވި ލީޑަރަށް ވާތީ އެނބުރި ގައުމަށް ވަޑއިގަތުމަށް ވެސް އަލީ ވަހީދު ގޮވާލެއްވި އެވެ. މައުމޫން މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އިންޑިއާގަ އެވެ.

ގާނޫނުއަސާސީ ދެން ނެގެހެއްޓޭނީ، އަލީ ވަހީދު ވިދާޅުވި ގޮތުގައި ރައްޔިތުންނަށެވެ.