މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންތަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް އިތުރު މީހަކު ހައްޔަރުކޮށްފި އެވެ. 

މިދިޔަ މަހުގެ 16 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ އެ މައްސަލައާ ގުޅިގެން އެންމެ ފަހުން ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުހައްމަދު އެވެ. އުމުރުން 47 އަހަރުގެ ޖަޒީލަކީ އެ މައްސަލާގައި ހައްޔަރުކުރި ފަސް ވަނަ މީހާ އެވެ. 

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލާގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހުން: 

  • އިސްމާއިލް އާސިފް، ދާރުލް އައްވަލް / ރ. މަޑުއްވަރީ
  • މުހައްމަދު ނޫރު އަހްމަދު، 40، ކަސްތޫރިމާގެ / ޅ.ނައިފަރު
  • މުހައްމަދު އަފްރާހް، 40، މޫންލައިޓްވިލާ / ސ. މީދޫ
  • އަހުމަދު ފާރިސް، 39، މ. އޭސިޔާ

ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ގެ ގެއިންނެވެ. އެކަން ކޮށްފައި ވަނީ އޭނާގެ އާއިލާ މިދިޔަ ރޯދަ މަހުގެ ފަހު ދިހައެއްގައި އުމްރާގެ އަޅުކަމަށް ދިޔަ ދަނޑިވަޅުގަ އެވެ.

ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުން.
ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުން.

އެކި ބާވަތުގެ މުދާ އެތެރެކޮށްގެން މަންޝާގެ ނަމުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ މީހެކެވެ.  

އެނގިފައިވާ ގޮތުގައި އެ މައްސަލާގައި އިސްކޮށް އުޅެނީ އާސިފް އެވެ. އޭނާއަކީ މަނިކު ސޭޓުގެ އާއިލާ މީހެއްގެ ދަރިއެއް ކަމަށްވެ އެވެ. އަދި ވައްކަން ކޮށްފައި ވަނީ އޭނާއަށް ގެ ހަވާލުކޮށްފައި ދިޔަ ވަގުތެއްގަ އެވެ. 

އުމުރުން 36 އަހަރުގެ އާސިފަކީ 10 އަހަރަށް ޖަލަށް ލާން 2022 ގައި ހުކުމް ކޮށްފައިވާ މީހެކެވެ. ކްރިމިނަލް ކޯޓުން އެ ހުކުމްކުރީ ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދިން މައްސަލައެއް ސާބިތުވުމުންނެވެ.

އާސިފް 10 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ތިން މަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އެ ހުކުމްގެ މުއްދަތު ހަމަނުވަނީސް ސެޕްޓެމްބަރު 2023 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސްކޮޅު އޭނާ މިނިވަންކޮށްފައި ވަނީ ފަސް ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު ބަދަލުކުރުމަށް ފަހުގަ އެވެ. 

ފުލުހުން ކުރިން ބުނީ ނަލަހިޔާ އެޕާޓްމަންޓަކުން ވައްކަންކުރި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ތަހުގީގީ މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގެއްލުނު ހަތަރު މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ފެނުނީ 50،000ރ. އެކަންޏެވެ.